އީސާކް ހޯދަން ލިވަޕޫލުން ކުރި މަސައްކަތް ނާކާމިޔާބު!

އައިޝަތު އީމާން | 11 ދުވަސް ކުރިން - 1 އޯގަސްޓް 2025 04:49
އެލެކްސެންޑަރ އީސާކް - އޭނާ ހޯދުމަށް ލިވަޕޫލުން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައި.
އެލެކްސެންޑަރ އީސާކް - އޭނާ ހޯދުމަށް ލިވަޕޫލުން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައި.
ޚުލާސާ

ނިއުކާސަލްގެ ފޯވާޑު ހޯދުމަށް ލިވަޕޫލުން ހުށަހެށި އަގަކީ 120 މިލިއަން ޔޫރޯ. ނަމަވެސް ނިއުކާސަލުން ބުނަނީ 150 މިލިޔަން ޔޫރޯއަށް ވުރެ ކުޑަކޮށް ނުވިއްކާނެ ކަމަށް.

ސުވިޑަންގެ ފޯވާޑު އެލެކްސެންޑަރ އީސާކް ހޯދަން ލިވަޕޫލުން ހުށަހެޅި ރެކޯޑު ފީ އަށް ނިއުކާސަލުން ނޫނެކޭ ބުނެފިއެވެ. 

އުމުރުން 25 އަހަރުގެ ފޯވާޑު ހޯދަން ލިވަޕޫލުން ހުށަހެޅި 120 މިލިޔަން ޔޫރޯއަށް ނިއުކާސަލުން ނޫނެކޭ ބުނެފައިވާއިރު ރިޕޯޓުތައް ބުނާގޮތުން އެ ކުލަބުން އޭނާ ވިއްކާލަން ބޭނުންވަނީ 150 މިލިޔަން ޔޫރޯއަށްވުރެ ބޮޑު އަގަކަށެވެ. ނިއުކާސަލުން މި އަގަށް އޭނާ ވިއްކާލައިފިނަމަ މިއީ ޔޫރަޕުގެ ތިން ވަނައަށް އެންމެ އަގުބޮޑު ޓްރާންސްފާއަށް ވެގެންދާނެއެވެ. މިހާތަނަށް އެންމެ އަގުބޮޑު ޔޫރަޕް ޓްރާންސްފާއަކީ 2017 ވަނަ އަހަރު ބާސެލޯނާއިން ޕީއެސްޖީއަށް ބަދަލުވި ނޭމާގެ ޓްރާންސްފާ އެވެ. އެއީ 222 މިލިއަން ޔޫރޯއެވެ. ދެވަނަ އަށް އެންމެ އަގުބޮޑު ޓްރާންސްފާއަކީ މޮނާކޯއިން ޕީއެސްޖީއަށް 2018 ވަނަ އަހަރު އެމްބާޕޭ 180 މިލިޔަން ޔޫރޯގެ ފީއަކަށް ބަދަލުވުމެވެ. 

ލިވަޕޫލާއި ގުޅެން އީސާކް ތައްޔާރަށް ހުރިއިރު އޭނާއާއެކު ވާންޖެހޭ ހުރިހާ އެއްބަސްވުމެއް ވެސް ވަނީ ނިމިފައެވެ. އަދި ނިއުކާސަލްއާއެކު ކުރިއަށްދާން ބޭނުންނުވާކަން އޭނާ ވަނީ އެކުލަބަށް އަންގާފައެވެ. ކުލަބުގެ ފަރިތަކުރުންތަކުގައި ބައިވެރިވުމަށް ދެކޮޅުހަދައި މިވަގުތު އޭނާ ފަރިތަކުރުންތައް ކުރިޔަށް ގެންދަނީ ކުރީގެ ކުލަބު ސްޕެއިންގެ ސޮސައިޑޭޑްގެ ޓްރެއިނިންގ ފެސިލިޓީގައެވެ. 

2022 ވަނަ އަހަރު އީސާކް ނިއުކާސަލަށް ބަދަލުވީ 63 މިލިޔަން ޕައުންޑަށެވެ. މިހާތަނަށް އެ ކުލަބަށް އޭނާ 109 މެޗު ކުޅެފައިވާއިރު 62 ގޯލު ކާމިޔާބުކޮށްފައިވެއެވެ. 2002 ގެ ސީޒަނަށް ފަހު ފުރަތަމަ ފަހަރަށް ނިއުކާސަލް ޔޫއެފާ ޗެމްޕިއަންސް ލީގުގައި 2023 ވަނަ އަހަރު ކުޅެފައިވާއިރު، އޭގެ އެންމެ ބޮޑު ހިއްސާއެއް އަދާކުރި އެއް ކުޅުންތެރިޔަކީ އީސާކެވެ. މިއަންނަ ސީޒަނުގައި ވެސް ނިއުކާސަލް ޗެމްޕިއަންސް ލީގުގައި ކުޅޭނެއެވެ. މިދިޔަ ސީޒަނުގައި އީސާކް ވަނީ 27 ގޯލު ނިއުކާސަލަށް ކާމިޔާބުކޮށްދީފައެވެ. 

ނިމިދިޔަ ޖުލައި މަހު ލިވަޕޫލުން ވަނީ 75 މިލިޔަން ޔޫރޯ އަށް އެ ކުލަބުގެ ފޯވާޑު ލުއިސް ޑިއާޒް ބަޔާން މިއުނިކަށް ވިއްކާލާފައެވެ. އަދި އެ ކުލަބުގެ ފޯވާޑު ޑިއޯގޯ ޖޯޓާ ވަނީ ކާރު އެކްސިޑެންޓެއްގައި މަރުވެފައެވެ. މި ހުރިހާ ސަބަބުތަކާ ހުރެ މިވަގުތު އެ ކުލަބުގެ ހުރިހާ އަމާޒެއް ހުރީ ރަނގަޅު ފޯވާޑެއް ހޯދުމެވެ. ނަމަވެސް އީސާކް ހޯދުމަށް ނިއުކާސަލުން ކިޔާ އަގަށް ލިވަޕޫލުން އެއްބަސްވާނެ ކަމަށް ނުބެލެވެއެވެ. ބައެއް ރިޕޯޓުތައް ބުނާގޮތުން ނިއުކާސަލުން އިތުރު ފޯވާޑެއް ނުހޯދައި އީސާކް ވިއްކާލާކަށް ބޭނުމެއް ނުވެއެވެ. އަދި މިއަންނަ ސީޒަން ނިމެންދެން އީސާކް އެ ކުލަބުގައި މަޑުކުރަން ނިއުކާސަލްއިން ބޭނުންވެއެވެ. 

އަންނަ ސީޒަނަށް ލިވަޕޫލުން ތައްޔާރު ވަމުންދާއިރު މިހާތަނަށް އެ ކުލަބުން ވަނީ ކުޅުންތެރިން ހޯދުމަށް 196 މިލިޔަން ޕައުންޑް ހަރަދު ކޮށްފައެވެ. ބަޔަރ ލެވަކޫސެނުން 116 މިލިޔަން ޕައުންޑަށް ފްލޯރިއަން ވާރޓްޒް ގަނެފައިވާއިރު އެކުލަބުގެ ރައިޓް ބެކް ޖެރެމީ ފްރިމްޕޮންގް ވަނީ 29.5 މިލިޔަން ޕައުންޑަށް ގަނެފައެވެ. އަދި ބޯންމައުތްގެ ލެފްޓް ބެކް މިލޯސް ކާކެޒް ހޯދަން އެކުލަބުން ވަނީ 40 މިލިޔަން ޕައުންޑް ހަރަދުކޮށްފައެވެ. 25 މިލިޔަން ޕައުންޑަށް ވެލެންސިއާގެ ކީޕަރު މަމަޑާޝްވިލި އެ ކުލަބަށް ގެނެސްފައިވާއިރު އިތުރު ދެ ކީޕަރުން ވަނީ ގެނެސްފައިވެއެވެ. ދެން ގެނެސްފައިވަނީ ފްރެންކްފާޓުގެ ފޯވާޑު ހޫގޯ އެކިޓިކޭ އެވެ. އޭނާގެ އަގަކީ ޖުމްލަ 79 މިލިޔަން ޕައުންޑެވެ. 

ލިވަޕޫލްގެ ފޯވާޑު ޑާވިން ނުނޭޒް ވިއްކާލަން އެކުލަބުން މަސައްކަތްކުރާއިރު މިހާތަނަށް ހިތްހަމަ ޖެހޭ ހުށަހެޅުމެއް އެ ކުލަބަށް ލިބިފައެއް ނުވެއެވެ. އޭނާ ހޯދަން ނަޕޯލީ އިން 55 މިލިޔަން ޔޫރޯ ހުށަހެޅި ނަމަވެސް ލިވަޕޫލުން އެ އަގަކަށް އެއްބަސްވެފައެއް ނުވެއެވެ. އޭނާ ހޯދަން ސައޫދީގެ އަލް ހިލާލް އަދި ޔުވެންޓަސް އިން ވެސް މަސައްކަތް ކުރެއެވެ. 

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%