ޕައިލެޓުންގެ ކަންބޮޑުވުންތަކާ ގުޅިގެން އަނެއްކާވެސް ޑޮލަރުން މުސާރަ ދޭން ޓީއެމްއޭ އިން ނިންމައިފި

މުހައްމަދު ޖަމްޝަތު | 4 ގަޑިއިރު ކުރިން - 20 ޖުލައި 2025 19:30
ޓީއެމްއޭގެ ސީޕްލޭން ޓާމިނަލް----
ޓީއެމްއޭގެ ސީޕްލޭން ޓާމިނަލް----
ޚުލާސާ

ޕައިލެޓުންގެ މުސާރަ އަނެއްކާވެސް އެއްކޮށް ޑޮލަރުންދޭން ޓީއެމްއޭއިން ނިންމީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެދިލެއްވުމުގެ މަތިން

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ ޕައިލެޓުންގެ މުސާރައިގެ 20 ޕަސެންޓު ދިވެހި ރުފިޔާއިން ދޭން ނިންމި ނިންމުން ބަދަލުކޮށް ކުރިއެކޭ އެއްގޮތަށް ޕައިލެޓުންގެ މުސާރަ އެއްކޮށް ޑޮލަރުން ދޭން އެކުންފުނިން ނިންމައިފި އެވެ.

މުސާރައިގެ މައްސަލާގައި ޓީއެމްއޭގެ ޕައިލެޓުން ވަނީ އިހުތިޖާޖުކުރަން ނިންމައި މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން ދަތުރުތައް ކުރުން ހުއްޓާލުމަށް ނިންމައިފަ އެވެ. މި މައްސަލައަށް ހައްލެއް ނުލިބެނީސް ދެން ދަތުރުތައް ކުރަން ނުފަށާނެ ކަމަށް ޕައިލެޓުން ވަނީ މައުލޫމާތު ދީފަ އެވެ.

މި މައްސަލައިގައި މަޓާޓޯއިންވެސް ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް ޓީއެމްއޭގެ ސީއީއޯ އުސާމާ ފައުޒީ ވަނީ ކުންފުނީގެ މުވައްޒަފުންނަށް މެސެޖެއް ކުރައްވައި މުސާރައިގެ 20 ޕަސެންޓް ރުފިޔާއިން ދޭން ނިންމި ނިންމުމަށް އަމަލު ނުކުރަން މިހާރު ނިންމާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

އެނގިފައިވާ ގޮތުގައި ޕައިލެޓުންގެ މުސާރަ އަނެއްކާވެސް އެއްކޮށް ޑޮލަރުންދޭން ޓީއެމްއޭއިން ނިންމީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެދިލެއްވުމުގެ މަތިންނެވެ.

ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން ޑޮލަރު މާރުކުރުމުގައި "ކެޓެގަރީ އޭ" ގައި ހިމެނޭ ކުންފުނިތަކުން ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު ނުވަތަ ކޮންމެ މަހެއްގެ ޖުމުލަ އާމްދަނީގެ 20 ޕަސެންޓަށް ވާ ޑޮލަރު މާރުކުރުމުގެ އިހުތިޔާރު ލިބިފައިވެ އެވެ. އަދި "ކެޓެގަރީ ބީ" ގައި ހިމެނޭ ކުންފުނިތަކުން ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ މަސް ދުވަހުގެ އާމްދަނީގެ 20 ޕަސެންޓު ޑޮލަރު މާރުކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވެ އެވެ. ޓީއެމްއޭ އަކީ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ކުންފުންޏެކެވެ.

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު، ޓީއެމްއޭގައި 200 އަށް ވުރެ ގިނަ ޕައިލެޓުން މަސައްކަތްކުރެ އެވެ. އެ ކުންފުނީގެ ދަށުން މަސައްކަތްކުރާ ކެޕްޓަނުންގެ ތެރެއިން އެންމެ ޖޫނިއާ މުވައްޒަފުންނަށް ވެސް ގާތްގަނޑަކަށް 6،000 ޑޮލަރުގެ އާމްދަނީއެއް ލިބޭ އިރު، އެންމެ ސީނިއާ ކެޕްޓަނުންނަށް ގާތްގަނޑަކަށް 12،000 ޑޮލަރު މަހަކު ލިބެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%