މޯލްޑިވިއަން އިން ބ. ކަމަދުއަށް ސީޕްލޭންގެ ދަތުރުތައް އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުން ފެށިގެން ފަށާނެކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފި އެވެ.
މޯލްޑިވިއަން އިން ބުނި ގޮތުގައި މި ދަތުރުތައް ކުރިއަށް ގެންދާނީ ކޮންމެ ހަފުތާއެއްގެ ބުރާސްފަތި އަދި ހޮނިހިރު ދުވަހު އެވެ.
މި ހިދުމަތް ފެށުމާއެކު، ދިވެހިންނަށް ހާއްސަ އަގެއްގައި ޓިކެޓް ވިއްކުމަށް ވެސް މޯލްޑިވިއަން އިން ވަނީ ނިންމާފަ އެވެ. އެގޮތުން މާލެއިން ކަމަދުއަށް ދަތުރުކުރާ ސީޕްލޭން ޓިކެޓެއްގެ އަގު ހަމަޖެހިފައިވަނީ 1,199 ރުފިޔާއަށެވެ.
ކަމަދުއަށް ސީޕްލޭން ދަތުރުތައް ފެށުމަށްޓަކައި މޯލްޑިވިއަނާއި ހޯކްސް ހޮޓެލްސްއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ މަހު އެ ރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރޭގަ އެވެ.
"ސީޕލްލޭންގެ ހިދުމަތް ކަމަދޫގައި ފެށިގެންދިއުމަކީ ލޯކަލް ޓޫރިޒަމް މިހާބޮޑަށް ތަރައްގީވެފައިވާ ރަށަކަށް ވަރަށް ބޮޑު އިގްތިސާދީ ފައިދާއެއް ކުރާނެ ކަމެއް." ރައީސް ވިދާޅުވި އެވެ.