މުސާރައިގެ މައްސަލަ: ޓީއެމްއޭ ޕައިލެޓުން މިމަހުގެ 26 އިން ފެށިގެން ދަތުރުތައް ހުއްޓާލަނީ!

އާނާ ފަހީމް | 7 ގަޑިއިރު ކުރިން - 19 ޖުލައި 2025 19:16
ޓްރާންސް މޯލްޑިވިއަން އެއަރވޭސް
ޓްރާންސް މޯލްޑިވިއަން އެއަރވޭސް
ޚުލާސާ

ޓީއެމްއޭގެ ޕައިލެޓުން، މުސާރައިގެ 20 ޕަސެންޓު ރުފިޔާއިން ދިނުމުން، މުޅި މުސާރަ ޑޮލަރުން ދިނުމަށް އެދި މި މަހު 26 އިން ފެށިގެން ދަތުރުތައް ހުއްޓާލަން ނިންމައިފި.

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ ޕައިލެޓުން، އެ ކުންފުނިން މުސާރައިގެ 20 ޕަސެންޓު ދިވެހި ރުފިޔާއިން ދޭން ނިންމުމާ ގުޅިގެން، މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން ދަތުރުތައް ކުރުން ހުއްޓާލުމަށް ނިންމައިފި އެވެ. މި މައްސަލައަށް ހައްލެއް ނުލިބެނީސް، ދެން ދަތުރުތައް ކުރަން ނުފަށާނެ ކަމަށް ޕައިލެޓުން ވަނީ މައުލޫމާތު ދީފަ އެވެ.

މިދިޔަ މަހު ޓީއެމްއޭ އިން ވަނީ އެ ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް ވެސް، މި ޖުލައި އަދި އޮގަސްޓް މަހުން ފެށިގެން ކޮންމެ މުވައްޒަފަކަށް ލިބޭ މުސާރައިގެ 20 ޕަސެންޓު ދެން ދޭނީ ދިވެވެހި ފައިސާއިން ކަމަށް އަންގާފަ އެވެ. އެހެންނަމަވެސް، ބާކީ 80 ޕަސެންޓަށް ވާ މުސާރަ އަދިވެސް ޑޮލަރުން ދޭނެ ކަމަށް އެ އެންގުމުގައިވެ އެވެ.

ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން ޑޮލަރު މާރުކުރުމުގައި "ކެޓެގަރީ އޭ" ގައި ހިމެނޭ ކުންފުނިތަކުން ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު ނުވަތަ ކޮންމެ މަހެއްގެ ޖުމުލަ އާމްދަނީގެ 20 ޕަސެންޓަށް ވާ ޑޮލަރު މާރުކުރުމުގެ އިހުތިޔާރު ލިބިފައިވެ އެވެ. އަދި "ކެޓެގަރީ ބީ" ގައި ހިމެނޭ ކުންފުނިތަކުން ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ މަސް ދުވަހުގެ އާމްދަނީގެ 20 ޕަސެންޓު ޑޮލަރު މާރުކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވެ އެވެ. ޓީއެމްއޭ އަކީ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ކުންފުންޏެކެވެ.

"ޚުލާސާ ނޫހުން" ޓީއެމްއޭގައި މަސައްކަތްކުރާ ދެ ޕައިލެޓަކަށް ގުޅައި މިކަން ސާފުކުރިއިރު، ދެ ޕައިލެޓުންވެސް ވަނީ މިކަން ކަށަވަރުކޮށްދީފަ އެވެ. އެ ދެ ޕައިލެޓުން ބުނީ، މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން ދަތުރުތައް ހުއްޓާލާނެ ކަން މެނޭޖުމެންޓަށް ވެސް އަންގާފައިވާ ކަމަށެވެ. ކުރިން މިކަން ކުރަން ނިންމާފައިވަނިކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު މި މަހު 26 ވަނަ ދުވަހު ހުޅުވުމަށް ހަމަޖެހިފައިވާތީ މި ކަން ފެށުން މި މަހު 26 ވަނަ ދުވަހަށް މަޑުކުރީކަމަށްވެސް އެ ޕައިލަޓު މައުލޫމާތު ދިނެވެ. ޕައިލެޓުންގެ އެދުމަކީ ކުރިއެކޭ އެއްގޮތަށް، މުސާރަ އެއްކޮށް ޑޮލަރުން ދިނުމެވެ.

މި މައްސަލައަށް ހައްލެއް ހޯދުމަށް ޓީއެމްއޭގެ ޕައިލެޓުން ވަނީ ސަރުކާރާ ބައްދަލުކުރުމަށް އެދިފަ އެވެ. ނަމަވެސް، މިކަމުގައި އިސްކޮށް އުޅޭ މީހުންނާ ބައްދަލުކުރުމަށް ސަރުކާރުން ދެކޮޅު ހަދާފައިވާ ކަމަށް އެނގިފައި ވެ އެވެ.

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު، ޓީއެމްއޭގައި 200 އަށް ވުރެ ގިނަ ޕައިލެޓުން މަސައްކަތްކުރެ އެވެ. އެ ކުންފުނީގެ ދަށުން މަސައްކަތްކުރާ ކެޕްޓަނުންގެ ތެރެއިން އެންމެ ޖޫނިއާ މުވައްޒަފުންނަށް ވެސް ގާތްގަނޑަކަށް 6،000 ޑޮލަރުގެ އާމްދަނީއެއް ލިބޭ އިރު، އެންމެ ސީނިއާ ކެޕްޓަނުންނަށް ގާތްގަނޑަކަށް 12،000 ޑޮލަރު މަހަކު ލިބެ އެވެ. ޕައިލެޓުންގެ މި ނިންމުމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް ބޮޑު ހުއްޓުމެއް އަންނާނެ ކަމަށް ބެލެވެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%