މަތީ ތައުލީމުގެ ހާސިލްކުރުމުގެ ސްކޮލަޝިޕްގެ ފުރުސަތެއް، ކ. ހިންމަފުށީ ކައުންސިލުން އެ ރަށުގެ މީހުންނަށް އިއްޔެ ހުޅުވާލައިފި އެވެ.
ހިންމަފުށީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ މި ސްކޮލަޝިޕްގެ ފުރުސަތަކީ އެ ރަށުގެ ދަރިވަރުންގެ ތެރެއިން ސާނަވީ މަރުހަލާގައި ކިޔަވާ ދަރިވަރުން ކިޔެވުމަށް ބާރުއެޅުމަށާއި ރަނގަޅު ނަތީޖާ ހޯދުމަށް ހިތްވަރު ދިނުމަށާއި ރަށުގައި ތައުލީމީ ގޮތުން ކުރިއަރާފައިވާ ދަރިވަރުން ބިނާކުރުމުގެ މަގުސަދުގައި ކައުންސިލުން ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
ކައުންސިލުން ފާސްކޮށްފައިވާ "ހިންމަފުށީ މަތީ ތައުލީމް ސްކޮލަޝިޕް އުސޫލް" ވެސް އެ އިއުލާނާ އެކުގައި ވަނީ އާންމުކޮށްފަ އެވެ.
އެ އުސޫލުގައިވާ ގޮތުން އެ ސްކޮލަޝިޕަށް ކުރިމަތިލެވޭނީ އެ ރަށު ސްކޫލުން 2021 ވަނަ އަހަރާއި 2024 ވަނަ އަހަރާއި ދެމެދު ގްރޭޑް 10 ނިންމައި މަތީ ވަނަތައް ހޯދާފައިވާ ދަރިވަރުން އަދި މި އަހަރުން ފެށިގެން އެ ރަށު ސްކޫލްގައި ގްރޭޑް 10 ނިންމައި "ބެސްޓް އޯލް ރައުންޑް" ހޯދާ ދަރިވަރާއި ގައުމީ ޓޮޕް ޓެންގެ ވަނަތައް ހޯދާ އެ ރަށުގެ ރަށްވެހިކަން އޮތް ދަރިވަރުންނަށް ކަމަށެވެ.
އެ އުސޫލުގައިވާ ގޮތުގެ މަތިން ސްކޮލަޝިޕަށް ކުރިމަތިލާން ބޭނުންވާ މީހުން އެކަމަށް ހާއްސަކޮށްފައިވާ ފޯމް ފުރުމަށް ފަހު ކައުންސިލަށް ހުށަހެޅުމަށް އެ އިއުލާނުގައި ވަނީ އެދެފަ އެވެ.










