ގާނޫނާއި ގަވާއިދާއި ހިލާފަށް ރާއްޖެއަށް ސިނގިރޭޓް އެތެރެކޮށްފައިވާ މައްސަލައަކާއި ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ މިދިޔަ ހުކުރު ދުވަހުގެ ރޭ 12:15 ހާކަށް ހާއިރު ވިލިމާލެ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ތިލަފުށި ބޯޓުޔާޑުގައި އޮތް ދޯންޏެއް ބަލައި ފާސްކުރި އިރު، ގަވާއިދާއި ހިލާފަށް ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މެންޗެސްޓާ ބްރޭންޑުގެ 32 ކާޓޫނު ސިނގިރޭޓް ފެނިފައިވާ ކަމަށެވެ.

އެ މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ ބަންގުލަދޭޝް މީހެއް ކަމަށްވާ އަބްދުލް ކަރީމް، 45 އެވެ.

ފުލުހުން ބުނީ އޭނާއަކީ ގަވާއިދާއި ހިލާފަށް ރާއްޖޭގައި އުޅޭ މީހެއްކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން އޭނާގެ ބަންދާއި މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.