އެމެރިކާގެ ޖާސޫސީ އިދާރާ ސެންޓްރަލް އިންޓެލިޖެންސް އެޖެންސީ (ސީއައިއޭ) ގެ މުވައްޒަފުން ހިމެނޭ ގޮތަށް އެތައް އިދާރާއެއްގެ އިންޓެލިޖެންސް މުވައްޒަފުން ވަރަށް ބޮޑަށް މަދުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ސީއައިއޭގެ ގާތްގަނޑަކަށް 1،200 މަގާމު އުވާލުމަށް ހަމަޖެހިފައިވާއިރު، ނޭޝަނަލް ސެކިއުރިޓީ އެޖެންސީ (އެންއެސްއޭ)، ޑިފެންސް އިންޓެލިޖެންސް އެޖެންސީ (ޑީއައިއޭ)، އަދި ނޭޝަނަލް ރިކޮނައިސަންސް އޮފީސް (އެންއާރުއޯ) އިން ވެސް ހާހުން މުވައްޒަފުން ކަނޑާލާނެ ކަމަށް ދަ ވޮޝިންޓަން ޕޯސްޓް ބުނެއެވެ.
ރޮއިޓާސްއިން ބުނާ ގޮތުގައި މިއީ ޓްރަމްޕުގެ ސަރުކާރުގެ އޮޕަރޭޝަންތައް ހަރުދަނާކޮށް، ފެޑެރަލް ހަރަދުތައް ކުޑަކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕާއި ސީނިއާ އެޑްވައިޒަރު އެލޮން މާސްކް ނިންމެވި ނިންމެވުމެކެވެ. މިހާރުވެސް އެކި ގޮތްގޮތުން 200،000 އަށް ވުރެ ގިނަ ފެޑެރަލް މުވައްޒަފުން ވަކިކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

ސީއައިއޭގެ ޑިރެކްޓަރު ޖޯން ރެޓްކްލިފް ވިދާޅުވީ އިންޓެލިޖެންސުން ވަކިވާ މީހުންނަށް ގާތްގަނޑަކަށް އަށް މަސް ދުވަހުގެ މުސާރައާއި އިނާޔަތްތައް ދޭނެކަމަށް. / ފޮޓޯ: ވޮޝިންގޓަން ޕޯސްޓް.
ސީއައިއޭގެ ޑިރެކްޓަރު ޖޯން ރެޓްކްލިފް އާއި ޑިރެކްޓަރު އޮފް ނޭޝަނަލް އިންޓެލިޖެންސް ޓޫލްސީ ގަބާޑް އާއި ހަވާލާދީ ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި އަމިއްލައަށް އިންޓެލިޖެންސުން ވަކިވާ މީހުންނަށް ގާތްގަނޑަކަށް އަށް މަސް ދުވަހުގެ މުސާރައާއި އިނާޔަތްތައް ދޭގޮތަށް ވެސް ވަނީ ނިންމާފައެވެ.
ޖާސޫސުން މަދުކުރުމާއި ދެކޮޅުހަދާ ފަރާތްތަކުން ބުނާ ގޮތުގައި މިއީ އެމެރިކާގެ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމެކެވެ. ސަބަބަކީ ރަޝިއާ އާއި ޗައިނާ ފަދަ ގައުމުތަކުން ވަޒީފާއިން ވަކިކޮށްފައިވާ އެމެރިކާގެ ޖާސޫސީ މުވައްޒަފުން ހޯދައިގެން ހާލަތުގެ ބޭނުން ހިފާފާނެ ކަމުގެ ކަންބޮޑުވުންތައް އޮތުމެވެ.









