ރާއްޖޭގެ ރޭސިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރޭމް) އަށް ބައިނަލްއަގްވާމީ އޮޓޯމޯބިލް ފެޑެރޭޝަންގެ މެންބަރުކަން ލިބިއްޖެއެވެ.
މެންބަރުކަން ރާއްޖެއަށް ލިބުނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު 13 ވަނަ ދުވަހު ރުވަންޑާގައި ބޭއްވުނު އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އޮޓޯމޯބިލް (އެފްއައިއޭ) ގެ އަހަރީ އާންމު ޖަލްސާގައި ނެގުނު ވޯޓަކުންނެވެ.
ރާއްޖޭގެ ރޭސިން އެސޯސިއޭޝަންގެ ރައީސް މުހައްމަދު ޝާމިލް ބުނީ، އެފްއައިއޭގެ މެންބަރަކަށް ރާއްޖެވުމަކީ ރާއްޖޭގެ މޮޓޯ ސްޕޯޓްސްގެ ދާއިރާ ކުރިއަރުވާ ތަރައްޤީކުރުމަށް، މީގެ ކުރިން ނުލިބޭ ފުރުސަތުތަކަކަށް ހުޅުވުނު ދޮރެއްކަމަށެވެ. މި މެންބަރުކަމާއެކު، ރޭސިން އެސޯސިއޭޝަނަށް އާ ވަސީލަތްތަކާއި، ތަޖުރިބާ އަދި ބައިނަލްއަގްވާމީ ފެންވަރުގެ ގަބޫލުކުރުން ލިބިގެންދާނެކަމަށް ޝާމިލް ފާހަގަކުރިއެވެ.

މި މެންބަރުކަމުގެ ސަބަބުން ރާއްޖެއަށް ލިބޭނެ މުހިންމު ފައިދާތަކުގެ ތެރޭގައި:
- ބައިނަލްއަގްވާމީ ރައްކާތެރިކަމުގެ މިންގަނޑުތަކާއި އެއްގޮތަށް މޮޓޯ ސްޕޯޓްސް އިވެންޓްތައް ބޭއްވުން.
- އެފްއައިއޭގެ ތަރައްޤީގެ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު.
- ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު.
- ތިމާވެއްޓަށް ރައްޓެހި އަދި ހަކަތަ ޒިންމާދާރު ގޮތެއްގައި ބޭނުންކުރެވޭނެ ގޮތްތައް ދަސްކުރުން.
- މޮޓޯ ސްޕޯޓްސްއަށް ޚާއްޞަ ދާއިމީ ތަންތަނާއި އިންފްރާސްޓްރަކްޗަރ ގާއިމުކުރުން.
- މަގުމަތީގެ ރައްކާތެރިކަން އިތުރުކުރުމަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުން.
- މޮޓޯ ސްޕޯޓްސް އެތްލީޓުން އުފެއްދުމާއި ތަމްރީނުކުރުން.
މި ކާމިޔާބީއަކީ ރާއްޖޭގެ މޮޓޯ ސްޕޯޓްސްގެ މުސްތަގުބަލަށް އައު އުއްމީދުތަކެއް ގެނެސްދޭނެ ކަމެއްކަމަށް ރޭސިން އެސޯސިއޭޝަނުން ބުންޏެވެ.






