
ނާސާގެ ދެ އެސްޓްރޮނޯޓުން ކަމުގައިވާ ސުނީ ވިލިއަމްސް އަދި ބަޗް ވިލްމޯރް 8 މަސްދުވަހަށްފަހު އަނބުރާ ދުނިޔެއަށް އާދެވޭނެ ކަމަށް ނާސާއިން ބުނެފިއެވެ. މި ދެ އެސްޓްރޮނޯޓުން ޖައްވީ ސްޓޭޝަނުގައި ތާށިވީ މިދިޔަ އަހަރުގެ އަހަރުގެ ޖޫން މަހުން ފެށިގެންނެވެ.
ނާސާއިން ބުނިގޮތުގައި، އެ ދެ އެސްޓްރޮނޯޓުން އަނބުރާ ދުނިޔެއަށް ގެންނާނީ ސްޕޭސްއެކްސްގެ ޑްރެގަން ކެޕްސޫލްގައި މާރިޗު 12 ވަނަ ދުވަހުއެވެ. ނަމަވެސް މިއީ މިޝަންގެ ތައްޔާރީތަކާއި ސަލާމަތީ ކަންކަން ފުރިހަމަވުމުން ކުރިއަށް ގެންދެވޭނެ ކަމެއް ކަމަށް ނާސާއިން ބުނެފައި ވެއެވެ.

މި ސައެންސްވެރިން ޖައްވީ ސްޓޭޝަނަށް ދިޔައީ 8 ދުވަހުގެ ދަތުރަކަށެވެ. ނަމަވެސް ބޯއިންގ ކެޕްސޫލްގައި ޓެކްނިކަލް މައްސަލަތަކެއް ދިމާވުމާއި ގުޅިގެން އެމީހުންނަށް އަނބުރާ ދުނިޔެއަށް ނާދެވި 8 މަސްދުވަހަށް ދިގުދެމިގެން ދިޔައީއެވެ. ސަލާމަތީ ކަންކަން ކަށަވަރު ނުވާތީވެ ބޯއިން ކެޕްސޫލް ދުނިޔެއަށް އައީ މި ދެ އެސްޓްރޮނޯޓުންނާއި ނުލައެވެ.
ސްޕޭސްއެކްސްގެ ބާނީ އެލޮން މަސްކް ވިދާޅުވީ، މި ދެ އެސްޓްރޮނޯޓުން އަނބުރާ ދުނިޔެއަށް ގެނައުމަށް ގާތްގަނޑަކަށް 4 ހަފްތާ ހޭދަވާނެ ކަމަށެވެ. އަދި މި މިޝަން ވަރަށް ބޮޑަށް ރައްކާތެރިކަމާއެކު ކުރިއަށްގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް ލޭންޑުކުރާނެ ތަނެއް މިހާތަނަށް ހާމައެއް ނުކުރެއެވެ.









