އެމެރިކާއާ ދެކޮޅަށް 70 އަށްވުރެ ގިނަ ޤައުމަކުން ބައިނަލްއަޤްވާމީ ޖިނާއީ ކޯޓު (އައިސީސީ) އަށް ތާއީދުކޮށްފިއެވެ.
އެމެރިކާއިން އެ ކޯޓަށް ދަތި ކުރުމުން އެކަމާއި ނުރުހި، ތާއީދު އާކުރި ޤައުމުތަކުގެ ތެރޭގައި ފްރާންސް، ޖަރުމަނުވިލާތް، އިނގިރޭސިވިލާތް އަދި ނެދަލޭންޑްސް ހިމެނެއެވެ.
ހުޅަނގުގެ މަސްދަރުތަކުން ބުނާ ގޮތުގައި މި ޤައުމުތަކުން ނެރުނު ބަޔާނުގައި އައިސީސީ އަކީ މިނިވަން ކޯޓެއް ކަމަށް ބުނެފައި ވެއެވެ. އަދި އައިސީސީއަކީ "ބައިނަލްއަޤްވާމީ އަދުލު އިންސާފުގެ ނިޒާމުގެ މުހިންމު ތަނބެއް" ކަމަށާއި އެ ކޯޓަށް ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެންމެ ނުރައްކާތެރި ކުށްތަކަށް އަދަބު ނުލިބުމުގ ނުރައްކާ އިތުރުވެގެންދާނެ ކަމަށް ބުނެފައި ވެއެވެ. އަދި މިއީ ބައިނަލްއަޤްވާމީ ޤާނޫނުގެ ވެރިކަން ނެތިދިއުމުގެ ބިރު އޮތް ކަމެއް ކަމަށް ވެސް ބުންޏެވެ."
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އައިސީސީއަށް ދަތިކުރުމަށް އަމުރެއްގައި ސޮއިކުރައްވާފައެވެ. މިއީ އިޒްރޭލުން ޣައްޒާގައި ހިންގާ ހަނގުރާމައިގެ ކުށްތައް ތަޙުޤީޤުކުރުމާއި ގުޅިގެން އިޒްރޭލުގެ ވެރިން ޙިމާޔަތް ކުރުމަށް އެމެރިކާ ސަރުކާރުން ނިންމި ނިންމުމެކެވެ.
ޣައްޒާގައި ހިންގާފައިވާ ހަނގުރާމައިގެ ކުށްތަކާއި އިންސާނިއްޔަތާ ދެކޮޅު ކުށްތަކާ ގުޅިގެން އައިސީސީއިން ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އިޒްރޭލުގެ ބޮޑުވޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ އާއި ކުރީގެ ދިފާޢީ ވަޒީރު ޔޯވް ގަލަންޓް ހައްޔަރު ކުރުމަށް އަމުރު ވެސް ނެރެފައެވެ.









