އެމެރިކާއިން ޕެރިސް މޫސުމީ އެއްބަސްވުމުން ވަކިވެއްޖެކަން އދ. އިން މިއަދު ކަށަވަރުކޮށްފިއެވެ.
އދ. ގެ ތަރުޖަމާނު ސްޓެފާނީ ދުޖާރިކް ނޫސްވެރިންނާއި ވާހަކަދައްކަމުން ވިދާޅުވީ އެމެރިކާއިން އިއްޔެ ނޫން ކުރީ ދުވަޖު (ޖަނަވަރީ 27 ވަނަ ދުވަހު) އދ. ގެ ސެކްރެޓަރީ ޖެނެރަލް އަންޓޯނިއޯ ގުޓެރެސްއަށް ޕެރިސް އެއްބަސްވުމުން ވަކިވާން ނިންމި ކަމުގެ ރަސްމީ ލިޔުން ފޮނުވާފައިވާ ކަމަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ 2019 ވަނަ އަހަރު ޕެރިސް އެއްބަސްވުމުން ވަކިވެފައެވެ. ނަމަވެސް ކުރީގެ ރައީސް ޖޯ ބައިޑަން ވަނީ އޭނާގެ ދައުރުގެ ފުރަތަމަ ދުވަހު އެމެރިކާ އަލުން އެއްބަސްވުމުގައި ބައިވެރިކޮށްފައެވެ. ޓްރަމްޕް އަލުން ރައީސްކަމަށް އައުމާއެކު އޭނާ ވަނީ އެމެރިކާ އެއްބަސްވުމުން ވަކިކުރުމަށް އަމުރެއް ސޮއިކޮށްފައެވެ.
ދުޖާރިކް ވިދާޅުވީ އދ. އިން މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް މަސައްކަތްކުރުމަށް އޮތް އެއްބަސްވުމަށް ތާއީދުކުރާ ކަމަށާއި، ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީ ސެލްސިއަސްއަށްވުރެ މައްޗަށް ނުދިއުމަށް ކުރެވޭ ހުރިހާ މަސައްކަތަކަށް އެހީތެރިވާނެ ކަމަށެވެ.









