އެމެރިކާގެ ލޮސް އެންޖެލިސްގެ މަޝްހޫރު ސަރަޙައްދު ޕެސިފިކް ޕެލިސޭޑްސްގައި ހުރި އެންމެ އަގުބޮޑު ގެ އަނދައި ހުލިވެއްޖެއެވެ.
ލޮސް އެންޖެލިސްގައި މިހާރު ފެތުރެމުންދާ އަލިފާނުގެ ސަބަބުން ގިނަ ބަޔަކު މަރުވެފައިވާއިރު، އެތައް ހާސް ކާރާއި ގެތަކާއި އަގުހުރި މުދާތައް ވަނީ އަނދައި އަޅިއަށް ވެފައެވެ. މި ހާދިސާގައި އަނދައިގެން ދިޔަ ތަކެތީގެ ތެރޭގައި ހިމެނޭ އެންމެ އަގުބޮޑު އެއްޗަކީ ޕެސިފިކް ޕެލިސޭޑްސްގައި ހުރި 18 ކޮޓަރީގެ ލަގްޒަރީ ގެއެކެވެ. މި ގޭގެ އަގަކީ 125 މިލިއަން އެމެރިކާ ޑޮލަރެވެ.
ޑެއިލީ މެއިލްގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މި ގެ ހުރީ ޕެސިފިކް ކަނޑުގެ މަންޒަރު ފެންނަ ފަރުބަދައެއްގެ މަތީގައެވެ. މި ގޭގެ ވެރިފަރާތަކީ ލޫމިނާ ޓެކްނޮލޮޖީސްގެ 29 އަހަރުގެ ވެރިޔާ އައިސްޓަން ރަސެލްއެވެ. އޭނާ މި ގެ ގަތީ 2021 ވަނަ އަހަރު 83 މިލިއަން ޑޮލަރަށެވެ.
މި ގޭގައި ހުރި ޚާއްޞަ ވަސީލަތްތަކުގެ ތެރޭގައި ޖަޕާނުގެ މަޝްހޫރު ޝެފް ނޮބޫ މަޓްސުހިސާ ފަރުމާކޮށްފައިވާ ބަދިގެއަކާއި، 20 މީހުންގެ ޖާގައިގެ ޕްރައިވެޓް ސިނަމާއަކާއި، ޒަމާނީ ސްމާޓް ވެދަރ ކޮންޓްރޯލް ސިސްޓަމަކާއި، ރޭގަނޑު އުޑުގެ ތަރިތައް ބަލާލުމަށް ހާއްޞަކޮށް ތައްޔާރުކޮށްފައިވާ ފުރާޅެއް ހިމެނެއެވެ. އަދި ގޭގެ ފަހަތުގައިވާ ބަގީޗާތަކެއްގެ ތެރޭގައި ޒަމާނީ ސްވިމިން ޕޫލެއްވެސް ހުއްޓެވެ.
މިއީ އެޗްބީއޯގެ "ސެކްސޭޝަން" ގެ ސީޒަން ހަތަރެއް ވެސް ޝޫޓްކޮށްފައިވާ ގެއެވެ. އަލިފާނުގެ ހާދިސާގެ ކުރިން މި ގެ މަހަކު 450,000 ޑޮލަރަށް ކުއްޔަށް ދޫކުރެއެވެ.









