އެމެރިކާގެ ޖެޓްބްލޫ އެއާލައިންގެ ފްލައިޓެއްގެ ލޭންޑިން ގިއާއިން ދެ ހަށިގަނޑު ފެނިއްޖެ އެވެ.
އެ އެއާލައިނާއި ހަވާލާދީ ނިއުޔޯކު ޓައިމްސް އިން ބުނީ، ނިއުޔޯކުން ފްލޮރިޑާގެ ލޯޑަރޑޭލް އަށް ދަތުރުކުރި ފްލައިޓްގެ ލޭންޑިން ގިއާ ކޮމްޕާޓްމަންޓުން ދެ މީހަކު މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށެވެ.
ފްލައިޓް ޓްރެކަރުގެ ޑޭޓާއަށް ބަލާއިރު ޖެޓްބްލޫ ފްލައިޓް 1801 ނިއުޔޯކުގެ ކެނެޑީ އެއާޕޯޓުން ފުރައިގެން ދިޔައީ ހޯމަ ދުވަހުގެ ހަވީރު 7:49 ހާއިރުއެވެ.
އެ އެއާލައިނުން ބުނީ ފޯޓް ލޯޑަރޑޭލް-ހޮލީވުޑް އިންޓަނޭޝަނަލް އެއާޕޯޓަށް ބޯޓު ޖެއްސުމަށް ފަހު ޗެކް ކުރަމުން ދިޔަ އިރު އެ ބޯޓުން ދެމީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށާއި މިވަގުތު ތަޙްޤީޤ ކުރިޔަށް ދަނީ އެ މީހުން ބޯޓަށް ވަނީ ކިހިނަކުންތޯ ބެލުމަށެވެ.
އެ ދެމީހުން ލޭންޑިން ގިއާ ކޮމްޕާޓްމަންޓުގައި ތިބީ ކިހާ ދުވަހެއް ވަންދެން ކަމެއް ސާފުކުރުމަށްޓަކައި ކެނެޑީ އެއާޕޯޓް މެނޭޖްކުރާ ނިއުޔޯކާއި ނިއު ޖާޒީގެ ޕޯޓް އޮތޯރިޓީން ދަނީ ކެމެރާތައް ބަލައި އެކަމުގައި ބައިވެރިވި މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
މަރުވެފައި އޮއްވާ ފެނުނު އެ ދެމީހުންގެ ނަމެއް ވެސް އަދި އެ،ީހުންނާއިބެހޭ އިތުރު އެއްވެސް މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
ލޭންޑިން ގިއާ ކޮމްޕާޓްމަންޓަށް ނުވަތަ ކުރީ ފުރޮޅު ތެރެއަށް ވަދެ މީހުން ވަގަށް ދަތުރުކުރުމަކީ ދޭތެރެދޭތެރެއިން މީޑިއާގެ ސުރުހީއަށް އަރާ ކަންތަކެވެ. ބިނަފަހަރަށް މިގޮތަށް ފުލައިޓަށް ވަގަށް އެރޭނީ ކާގޯ މީހުންނާއި ގުޅިގެންނެވެ.









