އެމެރިކާގެ ލޮސް އެންޖެލެސްގެ އައްސޭރި ސަރަހައްދުގައި ހޫނު ގަދަވުމާއި ބާރު ވައިގެ ސަބަބުން އަލިފާން ރޯވެ 30،000 އަށްވުރެ ގިނަ މީހުން އެ ސަރަހައްދުން ނެރެލައިފިއެވެ.

މިހާތަނަށް 2،920 އޭކަރުގެ ސަރަހައްދަކަށް ފެތުރިފައިވާ މި އަލިފާނުގެ ހާދިސާއާ ގުޅިގެން ލޮސް އެންޖެލެސް ސިޓީން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ. އަދި އިތުރަށް ވައި ބާރުވާނެ ވަގުތެއް އަންނާނެ ކަމަށް ބެލެވޭތީ، އެންމެ ނުރައްކާތެރި ވަގުތު އަދި ކުރިއަށް އޮތް ކަމަށް އޮފިޝަލުން ވަނީ އިންޒާރު ދީފައެވެ.
މި ހާދިސާއާއި ގުޅިގެން 62،000 އަށްވުރެ ގިނަ މީހުންނަށް ވަނީ ކަރަންޓު ކެނޑިފައެވެ. އަދި ޕެސިފިކް ޕެލިސޭޑްސްގެ ކައިރި ސިޓީތަކުން ވެސް ވަނީ ނުރައްކަލުގެ އިންޒާރު ދީފައެވެ.
މީގެ އިތުރުން، ލޮސް އެންޖެލެސް ކައުންޓީގެ އިރުމަތީ ސަރަހައްދުގައި އައު އަލިފާނުގެ ހާދިސާއެއް ފެށި، 200 އޭކަރުގެ ސަރަހައްދަކަށް ވަނީ ފެތުރިފައެވެ. އަލްޓަޑީނާ ސަރަހައްދުގައި ހިނގަމުންދާ މި ހާދިސާއާއި ގުޅިގެން ވެސް ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އަމުރުތައް ނެރެފައެވެ. މި ހާދިސާ ކޮންޓްރޯލްކުރުމުގެ މަސައްކަތުގައި ޔޫއެސް ފޮރެސްޓް ސަރވިސް އާއި ލޮސް އެންޖެލެސް ކައުންޓީ ފަޔަރ ޑިޕާޓްމަންޓް އަދި ޕަސަޑީނާ ފަޔަރ ޑިޕާޓްމަންޓް ބައިވެރިވެއެވެ.
ރައީސް ޖޯ-ބައިޑަން ވިދާޅުވީ ރައްޔިތުން ސަލާމަތްކުރުމުގައި އޭނާގެ ސަރުކާރު ދެމިއޮންނާނެ ކަމަށާއި ކުރެވުނު ކޮންމެ ކަމެއް ސަރުކާރުން ކުރާނެ ކަމަށެވެ.

ލޮސްއެންޖެލެސްގެ ޖަންގަލި ސަރަހައްދުގައި ރޯވެ އަނދަމުންދާ އަލިފާން ކޮންޓުރޯލް ކުރުމަށް ބައިޑަން ސަރުކާރުން ކުރެވުނު ކޮންމެ މަސައްކަތެއް ކުރާނެ ކަމަށް ވިދާޅުވި.









