އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓަނީ ބްލިންކެންއާ ދެކޮޅަށް އެމެރިކާގެ އިންސާނީ ޙައްޤުތަކުގެ ޖަމާޢަތްތަކުން އަޑުއުފުލައި، އޭނާ ހައްޔަރުކުރުމަށް ގޮވާލައިފިއެވެ.
އެކްޓިވިސްޓުން ބްލިންކެން ސިފަކުރީ "ޣައްޒާގެ ގާތިލު" ގެ ގޮތުގައެވެ. ތިރިގޭގައި އެމީހުން ބުނީ މިފަދަ މީހަކު އެމެރިކާ ސަރުކާރުގެ އިސްމަޤާމެއްގައި ހުރުމަކީ ޤައުމަށް ލަދުވެތިކަމެއް ކަމަށެވެ.
އެމެރިކާގެ އިތުރުން ޔޫރަޕާއި އެހެން ޤައުމުތަކުގެ އިންސާނީ ޙައްޤުތަކުގެ ޖަމާޢަތްތަކުން ވެސް އިސްރާއީލުގެ އިސްވެރިންނާއި އެމެރިކާގެ ރައީސް ބައިޑެން އަދި ބްލިންކެން ސިފަކުރަނީ "ޣައްޒާގެ ގާތިލުން" ގެ ގޮތުގައެވެ.
އިސްރާއީލުން ޣައްޒާގައި ހިންގާ އަނިޔާވެރި ޢަމަލުތަކަކީ އެމެރިކާގެ އެހީތެރިކަމާއެކު ކުރިއަށްދާ ކަމެއްކަން ދުނިޔެއަށް އެނގެއެވެ. މިކަން ފޮރުވަން ހުޅަނގުގެ މީޑިއާތަކުން މަސައްކަތްކުރި ނަމަވެސް، އެކަން ވަނީ ނާކާމިޔާބުވެފައެވެ.
އިސްރާއީލުގެ އިސްވެރިންނާއި އެމެރިކާގެ އިސްވެރިންނާ ދެކޮޅަށް ބައިނަލްއަޤްވާމީ އަދި ޤައުމީ ކޯޓުތަކަށް މައްސަލަ ހުށަހަޅާފައިވެއެވެ. އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ އާއި ކުރީގެ ދިފާޢީ ވަޒީރު ގަލަންޓް ހައްޔަރުކުރުމުގެ އަމުރު ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުން ނެރެފައިވެއެވެ.
ޣައްޒާގައި އިސްރާއީލުގެ ޢަމަލުތަކުން 45,000 އަށްވުރެ ގިނަ އާންމުން ޝަހީދުވެފައިވެއެވެ. މީގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.
އެމެރިކާއަކީ ޢިރާޤާއި އަފްޣާނިސްތާނުގައި ވެސް މިލިއަނުން މީހުން މަރާލައި، އެ ޤައުމުތައް ހަލާކުކޮށްލި ޤައުމެކެވެ. އަދި ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ނުކިޔަމަންތެރިވާ ޤައުމެކެވެ. ވިއެޓްނާމުގެ ހަނގުރާމައިގައި ވެސް އެމެރިކާއިން ވަނީ ބޮޑެތި އަނިޔާވެރި ޢަމަލުތަކެއް ހިންގާފައެވެ.
އެމެރިކާއިން ދަނީ ހަނގުރާމައިގެ ކުށުވެރިންކަމަށް ބެލެވޭ އިސްރާއީލުގެ އިސްވެރިންނަށް ހިމާޔަތްދެމުންނެވެ. އެގޮތުން ހައްޔަރުކުރުމުގެ އަމުރު ނެރެފައިވާ ގަލަންޓް އެމެރިކާއަށް ދިޔުމުން، އޭނާ ހައްޔަރުކުރުމުގެ ބަދަލުގައި ހިމާޔަތްދީފައިވެއެވެ.









