ޖޯޖިއާއިން ޔޫރަޕިއަން ޔޫނިއަނަށް ވަނުމުގެ މަޝްވަރާތައް ހުއްޓާލުމާއި ގުޅިގެން، އެ ގައުމާއެކު އޮތް "ސްޓްރެޓީޖިކް ޕާޓްނަރޝިޕް" އެމެރިކާއިން ނިމުމަކަށް ގެނެސްފައިވާ ކަމަށް ޔޫއެސް ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު މެތިއު މިލަރ އިއްޔެ ވިދާޅުވެއްޖެއެވެ.
އިއްޔެ އެކްސްގައި އޭނާ ހާމަކުރެއްވި ގޮތުގައި ޖޯޖިއާގެ ވެރިކަންކުރާ ޕާޓީ "ޖޯޖިއަން ޑްރީމް" އިން އީޔޫއަށް ވަނުމުގެ މަޝްވަރާތައް ހުއްޓާލުމަކީ އެ ގައުމުގެ ޤާނޫނު އަސާސީއަށް ޚިޔާނާތްތެރިވުން ކަމަށް ވަނީ ބުނެފައެވެ.
ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޖޯޖިއާއިން އެ ގޮތަށް ނިންމުމަކީ ރަޝިއާއަށް އެ ގައުމު ނާޒުކުވެގެންދާނެ ކަމެއް ކަމަށެވެ. އަދި ޖޯޖިއާގެ ރައްޔިތުން ބޭނުންވަނީ ޔޫރަޕާއި އެކުވުމަށް ކަމަށް ވެސް ބުނެފައިވެއެވެ.
ޖޯޖިއާގެ ބޮޑުވަޒީރު އިރަކްލީ ކޮބަޚިޒެ ވަނީ އީޔޫއަށް ވަނުމުގެ މަޝްވަރާތައް ހުއްޓާލާފައި ވަނީ އެ ގައުމުގެ ޢިއްޒަތާއި ކަރާމާތް ދޫކޮށްލަން ޖެހޭތީ ކަމަށް ބުނެފައެވެ. އަދި މިހާރު ޓިބިލިސީގައި ހިނގަމުންދާ މުޒާހަރާ ތަކަކީ ސަރުކާރު ވައްޓާލުމަށް ކުރާ މަސައްކަތް ތަކެއް ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
ޖޯޖިއާގައި މުޒާހަރާތައް ފެށިގެން "ފޮރިން އޭޖެންޓް" ޤާނޫނުގެ ސަބަބުންނެވެ. މި ޤާނޫނަކީ 2012 ވަނަ އަހަރު ތައާރަފްކުރި ޤާނޫނެކެވެ. އޭގައި ވާގޮތުން، ބޭރުގެ ފަރާތްތަކުން %20 އަށްވުރެ ގިނަ ފައިސާ ލިބޭނަމަ އެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރަން ޖެހޭ ކަމަށެވެ. މިއީ ރަޝިއާގެ ޤާނޫނުތަކާއި އެއްގޮތް ގާނޫނެއް ކަމަށާއި އެ ގާނޫނު އެތަނުގައި ބޭނުންކޮށްފައި ވަނީ އެންޖީއޯތަކާއި މީޑިއާތަކާއި އެކްޓިވިސްޓުންނަށް އަމާޒުކޮށްގެން ކަމަށް ބުނެ ޖޯޖިއާގައި އިދިކޮޅު ފަރާތްތަކުން ބުނަނީ އެ ގާނޫނުގެ ސަބަބުން ޔޫރަޕިއަން ޔޫނިއަންގެ މެމްބަރުކަން ހޯދުމަށް އެގައުމުގެ އުންމީދުތަކަށް ގެއްލުން ލިބި، މިނިވަންކަން ހަނިވެދާނެ ކަމަށެވެ. މުޒާހަރާތަކުގައި ވަނީ އެ ބިލް އަނބުރާ ގެންދިއުމަށް ގޮވާލާފަ އެވެ.
މިއަހަރުގެ މެއި މަހުގެ މެދުތެރެއިން ފެށިގެން މުޒާހަރާތައް ކުރިއަށްދާއިރު މުޒާހަރާގެ ބައިވެރިންނަށް ހުޅަނގުން ފަންޑު ކުރާކަމަށް ތުހުމަތު ކުރެވޭ ރިޕޯޓުތައް ބުނެއެވެ.
ބަރުލަމާނީ ނިޒާމެއް އޮންނަ ޖޯޖިއާގައި ރައީސަކީ އަންހެން ކަނބަލެއް ކަމަށްވާ ސަލޯމޭ ޒުރަބިޗްވިލީ އެވެ. އޭނާއާއި ޔޫރަޕާއި ވަރަށް ގާތް ގުޅުމެއް އޮވެއެވެ. އޭނާ ބޭނުމީ އީޔޫގެ މެމްބަރަކަށް ވުމަށެވެ. މުޒާހަރާ ކުރާ ފަރާތްތަކާއި އޭނާ ގުޅިފައިވާއިރު، މިނިވަން މެމްބަރެއްގެ ގޮތުގައި ރައީސް ކަމަށް އޭނާ ހޮވުނީ 2018 ގައެވެ. އެޤައުމުގެ އިންތިޚަބު ދެން އޮންނާނީ އަންނަ މަހުގެ 14 ވަނަ ދުވަހުގައެވެ.
ޖޯޖިއާގެ ސަރުކާރުން ވަނީ 2028 ވަނަ އަހަރާއި ހަމައަށް އީޔޫއަށް ވަނުމުގެ މަޝްވަރާތައް ހުއްޓާލުމަށް ނިންމާފައެވެ. ޕާލަމެންޓުގެ 150 ގޮނޑީގެ ތެރެއިން 84 ގޮނޑި ކޮންޓްރޯލް ކުރަނީ ވެރިކަންކުރާ ޖޯޖިއަން ޑްރީމް ޕާޓީންނެވެ. ޖޯޖިއަން ޑްރީމްގެ މެމްބަރު ބޮޑުވަޒީރު އިރާކްލީ ގަރިބަޝްވިލީ އަކީ އީޔޫއަށް ވުރެ ރަޝިޔާ އާއި ގުޅުން ބަދަހި ކުރުމަށް ތާއީދު ކުރައްވާ ބޭފުޅެކެވެ.









