ކުށްތަކާއި ގުޅުންހުރި ކުޑަކުދިންގެ މަޢުލޫމާތު ހާމަ ކުރުމަކީ ކުށެއް - ޖެންޑަރ

މުޙައްމަދު ޛިހާން ޒުބައިރު | 366 ދުވަސް ކުރިން - 30 ނޮވެންބަރު 2024 09:58
ޚުލާސާ

ކުޑަކުދިންގެ ޒާތީ މަޢުލޫމާތު ޢާންމު ކުރުމުން ނަފްސާނީ ގޮތުން އެކުދިންނަށް ގެއްލުން ލިބޭނެ ކަމަށާއި، ކުށަކާއި ގުޅުން ހުއްޓަސް އެކުދިންގެ މަޢުލޫމާތު ހާމަކުރުމަކީ ކުށަކަށް ވާއިރު އެފަދަ ކަންތައްތައް ނުކުރުމަށް އިލްތިމާސް ކުރައްވައިފި.

ކުޑަކުދިންގެ އަމިއްލަ މަޢުލޫމާތު ސޯޝަލް މީޑިއާގައި ހާމަނުކުރުމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން އާންމުންނަށް ގޮވާލައިފިއެވެ. މި އިލްތިމާސް ކުރުމުގެ މައިގަނޑު މަޤްޞަދަކީ ކުޑަކުދިންގެ ޢިއްޒަތާއި ކަރާމާތް ހިމާޔަތްކުރުމެވެ.

މިނިސްޓްރީން އެކްސް ގައި ކުރި ޕޯސްޓެއްގައި ވަނީ، ކުޑަކުދިންގެ އަމިއްލަ މަޢުލޫމާތު ސޯޝަލް މީޑިއާގައި ހިއްސާކުރުމަކީ އެކުދިންގެ ކަރާމާތަށް އުނިކަން އަތުވެދާނެ ކަމެއްކަމަށް ބަޔާންކޮށްފައެވެ. މީގެ އިތުރުން، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގައި ވެސް މިފަދަ މަޢުލޫމާތު ހާމަކުރުން މަނާކޮށްފައި ވާކަން ފާހަގަކޮށްފައި ވެއެވެ.

މި ޤާނޫނުގެ ދަށުން، ކުށުގެ ތުހުމަތުގައިވާ ކުދިންނާއި، ކުށުގެ ޝިކާރައަކަށް ވެފައިވާ ކުދިންނާއި، އަދި އެހެނިހެން ސަބަބުތަކަށްޓަކައި ޚާއްޞަ އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުދިންގެ ނަން، އެޑްރެސް، އަދި ތަޢުލީމު ޙާޞިލުކުރާ ތަނުގެ ނަން ފަދަ އަމިއްލަ މަޢުލޫމާތު މީޑިއާގައި ނުވަތަ އެހެން އެއްވެސް ވަސީލަތެއްގައި ޝާއިޢުކުރުން މަނާކުރެއެވެ. މީގެ އިތުރުން، އެކުދިންގެ ފޮޓޯ ނުވަތަ ކުއްޖާއަކީ ކާކުކަން ދެނެގަނެވޭނެ އެއްވެސް މަޢުލޫމާތެއް ހާމަކުރުން ވެސް މަނާކުރެއެވެ.

މިނިސްޓްރީން އިތުރަށް ބަޔާންކޮށްފައިވަނީ، ކުޑަކުދިންގެ މަޢުލޫމާތު ސޯޝަލް މީޑިއާގައި ހިއްސާކުރުމުގެ ސަބަބުން އެކުދިންނަށް ނަފްސާނީ ގޮތުން ލިބިދާނެ ގެއްލުމާއި، އެކުދިންގެ ކަރާމާތަށް އަތުވެދާނެ އުނިކަމާ މެދު ނުހަނު ކަންބޮޑުވާކަމަށެވެ. އެހެންކަމުން، ކުޑަކުދިންގެ ޢިއްޒަތާއި ކަރާމާތް ރައްކާތެރިކުރުމަށްޓަކައި، އެކުދިންގެ އަމިއްލަ މަޢުލޫމާތާއި ފޮޓޯތައް މީޑިއާގައި ޝާއިޢުނުކުރުމަށް އާންމުންނަށް އިލްތިމާސްކޮށްފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%