އެމްޑީޕީ ސަރުކާރުން ވެރިކަން ނިންމާލާފައި ދިޔައީ ރައްޔިތުންނަށް ދެވެންހުރި ހުރިހާ އަނިޔާއެއް ދީފައި ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފު ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި 2025 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ބަހުސް މަރުހަލާގައި ވާހަކަދައްކަވަމުންއެވެ.
ޝަރީފް ވިދާޅުވީ އެމްޑީޕީ ސަރުކާރުން އެކުލަވާލައި، އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ފާސްކުރި 2024 ވަނަ އަހަރުގެ ބަޖެޓުގައި ފައިސާގެ އަދަދުތައް ޖަހާފައި ހުރީ ތާކުންތާކު ނުޖެހޭ ގޮތަކަށް ކަމަށެވެ.
"އެބޭފުޅުން ސަރުކާރު ދޫކޮށްލާފައި ދިޔައިރު ދިޔައީ އެނބުރި އައިސް ދިވެހި ރައްޔިތުންނަށް ޚިދުމަތްކޮށްދިނުމުގެ ނިޔަތުގައި ވަރަށް މާތް ނިޔަތެއް ކަމަށް ވާހަކަދައްކަމުން ގެންދާ.. އެބޭފުޅުން ކަންކޮށްފައި އޮތީ އެހެނެއް ނޫން. އެބޭފުޅުން ދިޔައީ ދަމުންވެސް ދިވެހި ރައްޔިތުންނަށް އޮޅުވާލާފައި ދެވެންހުރި ހުރިހާ އަނިޔާއެއް ދީފައި." ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ފާހަގަކުރެއްވި ގޮތުގައި ކެލާ ފަދަ ރަށްރަށުގައި 18 މަގު ހެދުމަށް މިލިއަނެއްހާ ރުފިޔާވެސް ބަޖެޓް ކޮށްފައި ނެތެވެ. އަދި ފިއްލަދޫ އާއި ވަށަފަރުގައި ހިންގަން ބަޖެޓުކޮށްފައި ހުރި މަޝްރޫޢުތަކާއި ސްކޫލް ޢިމާރާތްތައް ފަދަ މުހިންމު ޢިމާރާތްތަކުގެ މަޝްރޫޢުތައްވެސް ހުރީ މިފަދަ ހާލަތެއްގައި ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
އެހެންނަމަވެސް، މިހާރުގެ ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަކީ ރައްޔިތުން ބޭނުންވާ ކަންކަން ފުރިހަމަކޮށްދެވޭނެ ބަޖެޓެއް ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި ވާދަވެރިން ސިހިގެން ނިދިން ހޭލެވިގެން އުޅެނީ ޤައުމަށް ހެޔޮ ބަދަލު އަންނަތަން ފެނުމުން ކަމަށާއި، އިދިކޮޅު ފަރާތްތަކުން މިކަން އޮޅުވާލަން މަސައްކަތް ކުރަމުންދާކަމަށް ޝަރީފް ވިދާޅުވިއެވެ.
"މީ ޒިންމާދާރު މީހުން ކަންކަން ކުރާ ގޮތް. ޚުދުމުހުތާރު ގޮތް ދޫކޮށްލައި ރައްޔިތުންގެ ފަޅީގައި ހުރެގެން ވެރިކަން ކުރުމަކީ މިއީ." ޝަރީފް ވިދާޅުވިއެވެ.
ޝަރީފް އިތުރަށް ވިދާޅުވީ ކެލާ ދާއިރާއަށް ރައީސް ޑރ. މުޢިއްޒު ވެފައި ހުރި ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މަގު ހެދުމާއި ބިން ހިއްކުން ފަދަ މަޝްރޫޢުތައް ނިމޭނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ. އަދި ދާއިރާގެ ރަށްރަށުގެ ތަރައްޤީގެ މަސައްކަތްތައް ކުރިއަށްދާނީ ރަށްތަކުގެ ރައްޔިތުންގެ މަޝްވަރާއާއި އެކުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.










