ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓު ނުވަތަ މާލެ-ތިލަފުށި ލިންކު މަޝްރޫޢުގެ 46.58 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ޢިމާރާތްކުރުމާއި ބިނާވެށި ތަރައްޤީކުރުމުގެ ވުޒާރާއިން ހާމަކޮށްފިއެވެ.
ވުޒާރާއިން ބުނީ، ރާއްޖޭގެ ތަރައްޤީއާއި ގުޅިލާމެހިފައިވާ މި މުހިންމު މަޝްރޫޢަށް ފާއިތުވި 52 ހަފުތާގެ ތެރޭގައި ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. މިގޮތުން، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހާއި ހަމައަށް ނިމިފައިވަނީ 28.70 އިންސައްތަ ކަމަށްވާއިރު، މިއަހަރުގެ އޮކްޓޯބަރު 15 އާއި ހަމައަށް 46.58 އިންސައްތަ މަސައްކަތް ނިމިފައިވާކަން ފާހަގަކޮށްފައިވެއެވެ.
ތިލަމާލެ ބްރިޖަކީ 500 މިލިއަން އެމެރިކާ ޑޮލަރު (7.7 ބިލިއަން ރުފިޔާން ރުފިޔާ) ގެ މަޝްރޫޢެކެވެ. މީގެ ތެރެއިން 400 މިލިއަން ޑޮލަރު ލިބެނީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. އަދި 100 މިލިއަން ޑޮލަރު ލިބެނީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ގޮތުގައެވެ.
މި މަޝްރޫޢުގެ ދަށުން މައިގަނޑު ގޮތެއްގައި އަޅާނީ ތިން ބްރިޖެކެވެ. އެއީ މާލެއާއި ވިލިމާލެ ގުޅުވާލާ ބްރިޖާއި، ވިލިމާލެއާއި ގުޅީފަޅު ގުޅުވާލާ ބްރިޖާއި، ގުޅީފަޅާއި ތިލަފުށި ގުޅުވާލާ ބްރިޖެވެ. މީގެ އިތުރުން، ވިލިމާލޭގައި އުޅަނދުފަހަރު ދަތުރުކުރުމަށް ރޭމްޕެއް ހެދުމާއި، ގުޅީފަޅުގައި އުޅަނދުފަހަރު ދުއްވުމަށް މަގެއް ހެދުން ހިމެނެއެވެ. އަދި ވިލިމާލެއާއި ތިލަފުށިން ބައެއް ހިއްކުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މަޝްރޫޢާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައިވާ ގޮތުން، މުޅި ބްރިޖުގެ ދިގުމިނުގައި 6.9 ކިލޯމީޓަރު ހުންނާނެއެވެ.









