ވަޒީފާއެއްގައި ޝާމިލް ނުވާ ގާތްގަޑަކަށް %15 ޒުވާނުން ރާއްޖޭގައި ދިރިއުޅޭ ކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވެއްޖެއެވެ.
ޝިފާން މިހެން ވިދާޅުވީ ކިޔެވުމުގެ ފުރުޞަތު ނެތް ނުވަތަ ވަޒީފާއެއް ނެތް ކޮންމެ ޒުވާނަކު ސަލާމަތީ ބާރުތަކުގެ ތަމްރީނުތަކުގައި ބައިވެރިކުރެވޭނެ ގޮތަށް، ޤައުމީ ޚިދުމަތުގެ ނިޒާމެއް ތަޢާރަފްކުރަން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޢިއުލާނުކުރެއްވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޝިފާން ވިދާޅުވީ ކިޔެވުމުގެ ކުރިމަގެއް ފަހިވެފައި ނެތް އަދި ވަޒީފާގެ ފުރުޞަތެއް ލިބިފައި ނުވާ ޙާލަތުގައި ތިބޭ ޒުވާނުން ކުށަށް ހުށަހެޅޭކަން ތަފާސްހިސާބުން ޔަޤީން ކޮށްދޭ ކަމަށެވެ. އެގޮތުން ބޯހިމެނުމުގެ ޢަދަދުތައް ބުނާގޮތުން 24-15 ދެމެދު އަހަރުގެ އުނގެނުމުގެ ފުރުޞަތުނެތް އަދި ވަޒީފާއެއްގައި ޝާމިލް ނުވާ ގާތްގަޑަކަށް %15 ޒުވާނުން ރާއްޖޭގައި ދިރިއުޅޭ ކަމަށް ޝިފާން ވިދާޅުވިއެވެ.
ޝިފާން ވިދާޅުވީ ޤައުމީ ޚިދުމަތުގެ ނިޒާމަކީ، ރަސްމީ ނިޒާމެއްގެ ތެރެއިން ޒުވާނުންނަށް އަޅާލުމެއް ނުލިބުމުގެ ސަބަބުން ދައުލަތަށް އުފުލަން ޖެހޭ ބުރައާއި މިކަމުގެ އިގްތިޞާދީ އަދި އިޖްތިމާޢީ ގެއްލުމުން މިންޖުވެ، ދިވެހިރާއްޖޭގައި ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ތަޢާރަފްކުރެވުނު ވަރަށް މުޙިންމު ޕްރޮގްރާމެއް ކަމަށެވެ.
ރައީސް މި ޕްރޮގްރާމް ޢިއުލާނުކުރައްވާފައިވަނީ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން އޯލެވެލް ނިމި އޭލެވެލްއަށް ނުދެވި ތިބޭ އަދި އޭލެވެލް ނިންމައި ޑިގްރީއަށް ނުދެވި ތިބި ބައިވަރު ކުދިން ތިބި ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
އެކުދިންނަށް ވަޒީފާ ނުލިބޭކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެފަދަ ކުދިން މަސްތުވާތަކެއްޗާއި އެކި ކަހަލަ ނުބައި ޢަމަލުތަކަށް ހުށަހެޅޭކަމަށެވެ. އަދި އޭގެ ސަބަބުން ސަރުކާރުންނާއި، މުޖުތަމަޢާއި އެ ކުދިންގެ ޢާއިލާއިން އުފުލަންޖެހޭ ބުރަ ބޮޑުކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެކުދިންނަށް އަސްކަރީ ތަމްރީނު ލިބި، ރަނގަޅަށް ތަރުބިއްޔަތު ކުރެވިއްޖެނަމަ ޤައުމަށާއި ސިފައިންގެ ޚިދުމަތަށް ވެސް ކުރިއެރުން ލިބޭނެ ކަމަށެވެ.








