ހަނިމާދޫ ސްކޫލްގައި "ސްކޫލް ހައިޑްރޮޕޯނިކްސް ޕްރޮގްރާމް" ގެ ނަމުގައި ޕްރޮގްރާމެއް އިފްތިތާޙްކޮށްފިއެވެ. މި ޕްރޮގްރާމަކީ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޙަރަކާތްތަކުގެ ތެރެއިން އެއް ޙަރަކާތެއް ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ.
މި ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އަލްފާޟިލް އިސްމާޢީލް މުޙައްމަދެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ދަރިވަރުންގެ މެދުގައި ދަނޑުވެރިކަމުގެ މަސައްކަތްތަކަށް ލޯބި ޖައްސުވައި، ދަނޑުވެރިކަމަށް ޝައުޤުވެރިވާ ޒުވާން ޖީލެއް އުފެއްދުން ކަމަށް ވުޒާރާއިން ހާމަކުރިއެވެ.
އެގުތުން، މި ޕްރޮގްރާމްގެ ދަށުން ހަނިމާދޫ ސްކޫލްގައި ވަނީ ދަރިވަރުންނަށް މަސައްކަތުގެ ތަޖުރިބާ ޙާޞިލް ކުރެވޭނެ ގޮތަށް ކުޑަ ގްރީންހައުސްއެއް ވެސް ޤާއިމްކޮށްފައެވެ. މި ގްރީންހައުސްގައި ހައިޑްރޮޕޯނިކްސް ސިސްޓަމްގައި ފަތްޕިލާވެލީގެ ބާވަތްތަކާއި ކިޔުކަންބާ އާއި މެލަން ފަދަ ބާވަތްތައް ހައްދާނެ ހައިޑްރޮޕޯނިކްސް ނިޒާމެއްވެސް ޤާއިމްކުރެވޭނެ ކަމަށް ދަނޑުވެރިކަމާބެހޭ ވުޒާރާއިން ބުންޏެވެ.
މި ޕްރޮގްރާމްގައި ސްކޫލްގެ ދަރިވަރުންނާއި މުވައްޒަފުންގެ އިތުރުން ސްކޫލްގެ ޕީ.ޓީ.އޭ ގެ މެންބަރުން ހިމެނޭ ގޮތަށް ޖުމްލަ 50 ބައިވެރިން ބައިވެރިވިކަމަށާއި، މިފަދަ ޕްރޮގްރާމްތަކަކީ ދަރިވަރުންގެ މަދުރަސީ ޙަޔާތުގައި ވޭތުކުރާ ދުވަސްވަރު ދަނޑުވެރިކަމުގެ ތަޖުރިބާއާއި އިލްމު ލިބިދެވޭނެ މަގު ތަނަވަސްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ދަނޑުވެރިކަމާބެހޭ ވުޒާރާއިން ބުންޏެވެ. އަދި މިއީ ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ކުރިމަގު އުޖާލާ ކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއްކަމުގައިވެސް އެ ވުޒާރާއިން ފާހަގަކުރިއެވެ.



