ބައިނަލްއަޤްވާމީ މަންމައިންގެ ދުވަސް މިއަދު ފާހަގަކުރަމުން އަންނައިރު، ފަލަސްތީނުގެ މައިންގެ މަތިން ހަނދާން ކުރަން އެބަ ޖެހެއެވެ. އިޒްރޭލުން ފަލަސްތީނުގައި ހިންގަމުން އަންނަ ނިރުބަވެރި ޙަމަލާތަކަށް ހަތް މަހަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، ގާޒާގެ ރައްޔިތުން ދިރިއުޅެމުން އަންނަނީ ނުރައްކާތެރި ޙާލަތެއްގައެވެ. ޚާއްސަކޮށް ކުޑަކުދިންނާއި މާބަނޑު މީހުންނަށް އެ ނުރައްކާ އިންތިހާއަށް ބޮޑެވެ.
އިޒްރޭލުން ގާޒާއަށް ހުއްޓުމެއް ނެތި ދެމުން އަންނަ ބޮމުގެ ޙަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ އެތައް ކުދިންނަކަށް ވަނީ އެމީހުންގެ މަންމައަށް އަލްވަދާއު ކިޔަން ޖެހިފައެވެ. އަދި އެތައް މަޔަކަށް ވަނީ ދަރިންނަށް އަލްވަދާއު ކިޔަން ޖެހިފައެވެ. އަދި ދަރިން ސަލާމަތްވި ނަމަވެސް އެކުދިންނަށް ލިބިފައިވާ ޒަޚަމްތަކާއި ބަލިތަކުގެ ތެރެއިން ކުދިން ބޮޑުކުރުމަށް ގާޒާގެ މައިން ވަމުން އަންނަ ޤުރުބާނީއަކީ ލާމަސީލު ޤުރުބާނީއެކެވެ. މިއީ ބުނެލަން ކިތަންމެ ފަސޭހަ ބަސްކޮޅަކަސް އެކަމުގެ ހުރި ހިތާމަ އިހުސާސްކުރެވޭނީ ހަމައެކަނި އެކަން ތަހައްމަލްކުރާ މީހުންނަށެވެ.
ގާޒާގެ މައިންގެ ހައްޤުތައް ކޮބާ؟
ބައިނަލްއަޤްވާމީ ގޮތުން މައިންގެ ދުވަސް ފާހަގަކުރަމުން އަންނަ އިރު ބައިނަލްއަޤްވާމީ ފަރާތްތަކުން އެންމެ އިސްކަމެއް ދޭންވީ ހަނގުރާމައިގެ ތެރޭގައި ދަރިން ތަރުބިއްޔަތު ކުރަމުން އަންނަ މައިންގެ ހައްޤުތައް ކަށަވަރުކުރުމަށެވެ. ހަމައެކަނި ތިމާމެން ޤައުމުގެ މީހުން ނުވަތަ ތިމާ އަށް މުހިންމު ބައެއްގެ ހައްޤުތައް ކަށަވަރުކުރުމަށް އަޑު އުފުލައިގެން ނުވަތަ މަލަކާއި ހަދިޔާއެއް ދީގެން މިކަން ނިންމާލެވޭކަށް ނެތެވެ.
ކާބޯތަކެއްޗާއި، ފެނާއި، ބޭސް ފަރުވާ ނުލިބި ގާޒާގެ މާބަނޑު އަންހެނުންވެސް ދުވަސްތައް ވޭތުކުރަމުން އަންނަނީ ނުރައްކާތެރި ޙާލަތުގައެވެ. އެމީހުންނަށް ލިބެންޖެހޭ ފަރުވާ ނުލިބުމުގެ ސަބަބުން އެތައް އަންހެނެއްގެ ދަރިން ވަނީ ބައިގެން ގޮސްފައެވެ. ގާޒާގައި ގާތްގަނޑަކަށް 50,000 މާބަނޑު އަންހެނުން ތިބިއިރު، ދުވާލަކު ގާތްގަނޑަކަށް 180 އެއްހާ މީހުން ވިހަނީ ކަންބޮޑުވާފަދަ ނުރައްކާތެރި ޙާލަތުގައެވެ.

އިޒްރޭލުން ދެމުން ގެންދާ ޙަމަލާތަކުގައި ގާތްގަނޑަކަށް ހުރިހާ ހޮސްޕިޓަލްތަކާއި ޞިއްޙީ ޚިދުމަތްދޭ ތަންތަން މިހާރު ވަނީ މުޅިން ބަންދުކުރެވިފައެވެ. މާބަނޑު މީހުން ވިހަނީ ކުނިތަކެއްގެ ތެރޭގައި ނުވަތަ ޓެންޓުތަކުގައި ނުވަތަ ކާރުތަކުގައެވެ. އަދި މާބަނޑު މީހުންގެ ސްޓްރެސް ބޮޑުވުމުގެ ސަބަބުން ދުވަސް ނުފުރާ ވިހެއުމުގެ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުން ވަނީ ރިޕޯޓްކޮށްފައެވެ.
އދ.ގެ އަންހެނުންގެ ހައްޤުތަކާ ބެހޭ ކޮމިޓީން މިދިޔަ ފެބްރުވަރީ މަހުގެ 24 ވަނަ ދުވަހު ބުނެފައިވަނީ ގާޒާގެ މައިންނަށް މަދުވެގެން 7729 ކުދިން ވަޅުލެވޭ ފަދަ ހާލަތަކަށް އެތަނުގެ ޙާލަތު ވެއްޓިފައިވާ ކަމަށާއި އަންހެނުންނާއި އަންހެން ކުދިން ހިމާޔަތްކުރާ މުއާހަދާގެ އުޞޫލުތަކަށް ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަމަށެވެ. އަދި 5500 އެއްހާ އަންހެނުންނަށް ރައްކާތެރިކަމާއެކު ދަރިން ވިހޭނެ ޙާލަތެއް ގާޒާގައި ނެތްކަމުގެ އިންޒާރު އދ.ގެ ކޮމިޓީ އޮން ދަ އެލިމިނޭޝަން އޮފް ޑިސްކްރިމިނޭޝަން އެގެއިންސްޓް ވިމެން (ސީޑަބްލިއު) އިން ވަނީ ދީފައެވެ.
ހަނގުރާމައަށް ސުލްޙަވެރި އަދި ދެމެހެއްޓެނިވި ހައްލެއް ގެނައުމަށް ގޮވާލައި ކޮމިޓީން ނެރުނު ބަޔާނެއްގައި ވަނީ އަނިޔާ ލިބޭ މީހުންގެ ޢަދަދު އިތުރުވަމުންދާތީ އެކަން ކުށްވެރިކޮށް، ޤާނޫނުގެ ވެރިކަމާއި، ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާބެހޭ ޤާނޫނަށް ޢަމަލުކުރުމަށާއި، އަންހެނުންނަށް ކުރާ ތަފާތުކުރުންތައް ނައްތާލުމާބެހޭ މުޢާހަދާއާއި، ހަމަނުޖެހުންތައް ހުއްޓުވުމުގައި އަންހެނުންނާ ބެހޭ ޖެނެރަލް ރެކޮމެންޑޭޝަން ނަންބަރު 30 (2013) އަށް ޢަމަލުކުރުމަށް ގޮވާލާފައެވެ.
ގާޒާގެ މައިންގެ ޞިއްޙަތު
ގާޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެތަނުގައި ތިބި 60،000 މާބަނޑު އަންހެނުންނަކީ ޑީހައިޑްރޭޝަން އާއި ނިއުޓްރިޝަންގެ ޝިކާރައަކަށްވެފައިވާ މީހުން ކަމަށެވެ. އެ ބަޔާނުގައި ބުނެފައިވާ ގޮތުން ގާޒާގައި ކޮންމެ މަހަކު 5000 މާބަނޑު އަންހެނުން ވިހަނީ ބޮމުގެ ޙަމާލަތަކުގެ ތެރޭގައާއި ގެދޮރު ގެއްލުމާއި ރަނގަޅު ކާނާ ނުލިބުމުގެ ސަބަބުން ކުރިމަތިވެފައިވާ ނުރައްކާގެ ތެރޭގައި ކަމަށެވެ.

ބަނޑުހައިހޫނުކަން މިހާރު މުޅި ގާޒާގައި ފެތުރިފައިވާއިރު، ކާބޯތަކެތި ލިބެން ނެތުމުން، އެންމެ ނުރައްކާ ވަނީ މައިންނާއި ކުޑަ ކުދިންނަށެވެ. ރިޕޯޓުތައް ބުނާގޮތުން މިއަހަރުގެ ބައިނަލްއަޤްވާމީ މަންމައިންގެ ދުވަހަކީ ފަލަސްތީނުގެ ތާރީޚުގައިވެސް މައިންނަށް އެންމެ އަނދިރި މަންމައިންގެ ދުވަހެވެ.
އިޒްރޭލުގެ ޙަމަލާތަކާ ގުޅިގެން ގާޒާގެ މައިންނަށް ކުރިމަތިވެފައިވާ ބަނޑުހައިހޫނުކަމާއި ޒަޚަމްތަކާއި އިންފެކްޝަންތަކާއި ނުވަތަ ބަލިތަކުގެ ސަބަބުން މަރުވެދާނެކަމުގެ ނުރައްކާ ވަނީ ބޮޑުވެފައެވެ. އެކަށީގެންވާ ފަރުވާ ނުލިބުމުގެ ސަބަބުން މާބަނޑު މީހުން މަރުވާ މިންވަރު އިތުރުވާނެ ކަމަށް ބެލެވޭއިރު، ހަމަނުޖެހުންތަކުގެ ނަފްސާނީ އަސަރުތަކުގެ ސަބަބުން ދަރިމައިވުމުގެ ޞިއްޙަތަށް ސީދާ އަދި ބައެއް ފަހަރު ނުރައްކާތެރި އަސަރުތަކެއް ވެސް ކުރިމަތިވެ، ސްޓިލްބާތްސް އަދި ދުވަސް ނުފުރާ ވިހެއުން ފަދަ މައްސަލަތައް ވެސް ކުރިމަތިވެއެވެ.
މައިންގެ ޞިއްޙަތު ނުރައްކާވުމުގެ ސަބަބުން ކުޑަކުދިންގެ ދިރިހުރުމަށާއި ކުރިއެރުމަށް ވެސް އޭގެ ނޭދެވޭ އަސަރު އަންނަނީ ކުރަމުންނެވެ. އިޒްރޭލުގެ ސީދާ ބޮމުގެ ޙަމަލާތަކުގައި ނޫނަސް، އެ ޙަމާލަތަކާއި ގުޅިގެން ގާޒާއަށް ކުރިމަތިވެފައިވާ ޙާލަތުގެ ސަބަބުން ކާބޯތަކެއްޗާއި ފެނުގެ ވަސީލަތްތައް ލިބުން އިތުރަށް ގޯސްވަމުންދާއިރު، އާއިލާއަށް ކާންދީ ބެލެހެއްޓުމުގައި ދަތިތައް ކުރިމަތިވެ، ބަލިޖެހުމާއި މަރުވުމުގެ ނުރައްކާ ދަނީ އިތުރުވަމުންނެވެ.
ގާޒާގެ މިހާރުގެ ނައްތާލުމަކީ މައިންނާއި އެމީހުންގެ ދަރިންނާ ދެކޮޅަށް ރެކޯޑް އަދަދަކަށް ހިނގަމުންދާ ހަނގުރާމައެކެވެ. ހަނގުރާމައިގެ ކޮންމެ ގަޑިއަކު އެވްރެޖްކޮށް ގާޒާގެ ދެ މައިން މަރުވެ، އާއިލާތައް ހަލާކުވެ، ދަރިންނަށް ރައްކާތެރިކަން ކުޑަވެގެންދެއެވެ.
"ދަރިންނަށް ބޭނުންވާ ކިރު އުފެއްދޭ ޙާލަތުވެސް މައިންގެ ނެތް."
ގާޒާގެ ގިނަ މައިންނަކީ އަލަށް އުފަންވާ ކުދިންނަށް ކިރު އުފައްދައިނުދެވޭ ވަރަށް އެމީހުންގެ ޞިއްޙީ ހާލަތު ގޮސްފައިވާ މީހުންނެވެ. ގާޒާގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޖަމިއްޔާތަކުންވެސް ބުނެފައިވަނީ އިޒްރޭލުން ގާޒާގައި ޢަމަލުކުރާފަދަ އަނިޔާވެރިކަމެއް ދުވަހަކުވެސް ފެނިފައި ނުވާކަމަށެވެ.

ބަނޑުހައިހޫނުކަމުގެ ސަބަބުން މައިންނަށް ދަރިންނަށް ކިރުދޭ ވަރަށް ކިރު ނުއުފެއްދޭ ކަމަށް ޑޮކްޓަރުން އަންނަނީ ބުނަމުންނެވެ. ތުއްތު ކުދިންގެ ފޯމިއުލާއަށް އެދި މައިންބަފައިން އަންނަނީ އާދޭސްކުރަމުންނެވެ. ކުދިންގެ ބަރުދަން އެތައް ކިލޯއެއް ލުއިވެފައިވާ ކަމަށް ރިލީފް ވޯކަރުން އަންނަނީ ބުނަމުންނެވެ. ޞިއްޙީ ހިދުމަތްތެރިން ބުނަނީ އިޒްރޭލުން ބޮން އެޅުމާއި ވަށާލުމުގެ ސަބަބުން ޞިއްޙީ ވަޞީލަތްތައް ހަލާކުވެފައިވާތީ، ގާޒާގެ ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށް ފަރުވާތައް ނުދެވޭ ކަމަށެވެ.
ގާޒާގެ މައެއް ކަމަށްވާ ޝަބާނާ އޭނާގެ އަލަތު ދަރިފުޅު ވިހާފައިވަނީ ހަނގުރާމައިގެ ތެރެއިންނެވެ. އެއްވެސް ޞިއްޙީ ފަރުވާއެއް ނުވަތަ ވަޞީލަތެއްގެ އެހީތެރިކަމެއް ނެތި އޭނާ ވިހަން ޖެހުނު އިރު، ދަރިއަށް ބޭނުންވާ ކިރު އުފެއްދޭ ވަރަށް އޭނާގެ ޞިއްޙީ ޙާލަތު ނުހުރުމަކީ ވިހެއުމަށްވުރެ ވޭން އަޅާ ކަމެއް ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ އިންސާނީ އެހީ ލިބުމާއި ބަނޑުހައިހޫނުކަމުގެ ދަތިކަން ގާޒާގައި ބޮޑުވެފައިވާތީ، ދަރިއަށް ބޭނުންވާ ކިރު ފޯމިއުލާވެސް ހޯދުމުގައި ނުކުޅެދިފައިވާ ކަމަށެވެ.
ދަރިންނަށް ބޭނުންވާ ނެޕީ ހޯދުމަކީވެސް ގާޒާގައި ގާތްގަނޑަކަށް ނާދިރު ކަމެކެވެ. ޢަރަބި ދުނިޔޭގެ ގިނަ ބަޔަކު މައިންގެ ދުވަސް ފާހަގަކުރާއިރު، ހަނގުރާމައިގެ ސަރަޙައްދެއްގައި ޢާއިލާއެއް ތަރުބިއްޔަތުކުރުމަކީ ޙަޤީޤަތުގައި ވެސް ކިހާވަރެއްގެ ކަމެއްކަން އިހުސާސްވާނީ ހަމަ އެކަން ތަޖުރިބާކުރާ މައިންނަށެވެ.
ދަރިންގެ ޞިއްޙަތުވެސް ނުރައްކަލަށް ހުށަހެޅިފައި
ގާޒާގެ މާބަނޑު އަންހެނުން ނުރައްކާތެރި ޙާލަތުގައި ދިރިއުޅެމުން އަންނައިރު، އަލަށް އުފަންވާ ކުދިންގެ ދިރިއުޅުން ވެސް ވަނީ ނުރައްކަލަށް ހުށަހެޅިފައެވެ. ހޮސްޕިޓަލްތަކުގައި ތެޔޮ ހުސްވެ، އިންކިއުބޭޓަރުތަކާއި އެހެނިހެން މެޑިކަލް އިކުއިޕްމަންޓްތައް މިހާރު މަސައްކަތް ނުކުރާތީ، ނިއޯނޭޓަލް އަދި އިންޓެންސިވް ކެއާގެ ޚިދުމަތަށް ބަރޯސާވާ ދުވަސް ނުފުރާ ކުދިންގެ ފުރާނައަށް ވަނީ ނުރައްކާ ކުރިމަތިވެފައެވެ.
ގާޒާގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން މިހާރު ޔޫއެންއާރުޑަބްލިއުއޭގެ ފެސިލިޓީތަކުގައި ހިޔާވަހިކަން ހޯދަމުން ދަނީ ފެނާއި ކާބޯތަކެތީގެ ވަސީލަތްތައް ނުލިބުމުގެ ސަބަބުން ބަނޑުހައިހޫނުކަމާއި ނިއުޓްރިޝަން އާއި ޑީހައިޑްރޭޝަން އަދި ފެނުގެ ޒަރިއްޔާއިން ޖެހޭ ބަލިތަކުގެ ތެރޭގައެވެ. ޔޫއެންއާރްޑަބްލިއުއޭގެ އިބްތިދާއީ އެސެސްމަންޓްތަކުން ދައްކާ ގޮތުގައި އެ ތަންތަނުގައި ދިރިއުޅެމުންދާ 4600 މާބަނޑު އަންހެނުންނާއި އަލަށް އުފަންވާ ގާތްގަނޑަކަށް 380 ކުދިންނަށް ފަރުވާ ދޭން ޖެހެއެވެ. މިހާރުވެސް އެކިއުޓް ރެސްޕިރޭޓަރީ އިންފެކްޝަންގެ 22,500 އަށްވުރެ ގިނަ ކޭސް ރިޕޯޓްކޮށްފައިވާއިރު، ޑައިރިއާގެ 12,000 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ.
ނިއުޓްރިޝަނަލް ސްކްރީނިންތަކުން ދައްކާ ގޮތުގައި ގާޒާގައި ދެ އަހަރުން ދަށުގެ ކުދިންގެ ތެރެއިން %31 ކުދިންނަކީ އެކިއުޓް ނިއުޓްރިޝަންގެ ޝިކާރައަކަށްވެފައިވާ ކުދިންނެވެ. ޔުނިސެފްގެ އެގްޒެކެޓިވް ޑިރެކްޓަރު ކެތަރިން ރަސެލް ވިދާޅުވި ގޮތުގައި ގާޒާގައި ކުޑަކުދިންގެ ނިއުޓްރިޝަންގެ މި ނުރައްކާތެރި މައްސަލަ އިންތިހާއަށް ބޮޑުވެފައިވާ މި ހަލުވިމިނަކީ ހައިރާންކުރުވަނިވި ކަމެކެވެ.
"ކުޑަކުދިންގެ ޙާލަތު ދުވަހެއް ދުވަހަކަށް ދަނީ ގޯސްވަމުން. ފުރާނަ ސަލާމަތް ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އަޅުގަނޑުމެން ކުރާ މަސައްކަތަށް ބޭކާރު ފިޔަވަޅުތަކުގެ ސަބަބުން ހުރަސްއެޅި، އެކަމުގެ ސަބަބުން ކުޑަކުދިންގެ ފުރާނަ އަށް ގެއްލުން ވަމުން އެބަދޭ." ރެސަލް ވިދާޅުވިއެވެ.
"ކެއުމާއި ހަދިޔާއެއް ބޭނުމެއް ނޫން. ބޭނުމީ ހަނގުރާމަ ހުއްޓާލަން"
އިޒްރޭލުން ގާޒާއަށް ދެމުން އަންނަ ހަމަލާތަކަށް ހަތް މަހަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، ގާޒާގެ މައިން ތިބީ މާޔޫސްވެ، އެމީހުންގެ ދަރިންނާއި ޢާއިލާއާމެދު ކަންބޮޑުވެފައެވެ. ޒަހުރާ ހުސެއިނަކީ ހަތް ކުދިންގެ މަންމައެކެވެ. ޙަމަލާތަކުގެ ސަބަބުން 4 ފިރިހެން ދަރިންނާއި 1 އަންހެން ދަރި ޝަހީދުވެފައިވާއިރު ޒަހުރާގެ އުންމީދަކީ ދުނިޔޭގައި ބާކީ ތިބި 2 އަންހެން ދަރިންނާއެކު ހަމަޖެހުމާއެކީ ހަޔާތުގެ ބާކީ އޮތް ދުވަސްތައް ވޭތުކުރުމެވެ.
"އަހަރެންގެ ފިރިމީހާވެސް އަދި 5 ދަރިންވެސް ވަނީ ޝަހީދުވެފައި. އިޒްރޭލުން ހިންގަމުން އަންނަ ޙަމަލާތަކަކީ ފަލަސްތީނުގެ ނަސްލު ނައްތާލުމަށް ދެމުން އަންނަ ޙަމަލާތަކެއް. އަހަރެން ބޭނުންވަނީ މިކަންތައް އަވަހަށް ނިމެން. ކާއެއްޗިއްސާއި އެހީއެއް ބޭނުމެއް ނޫން. ބޭނުންވަނީ ހަނގުރާމަ ހުއްޓާލަން. ވަރަށް ކެތް ކުރެވިއްޖެ." ޒަހުރާ ބުންޏެވެ.
ގާޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނާ ގޮތުގައި އިސްރާއީލުގެ ހަމަލާތަކުގައި 34,971 މީހުން ޝަހީދުވެފައިވާއިރު އޭގެ ތެރޭގައި 10,000 އަށްވުރެ ގިނަ އަންހެނުން ހިމެނެއެވެ. އަދި 78,641 މީހުން ޙަމަލާތަކުގެ ސަބަބުން ޒަޚަމްވެފައިވާއިރު، އެތައް ހާސް ބަޔަކު ކުނިތަކުގެ ދަށުގައި މަރުވެފައިވާ ކަމަށް ބެލެވެއެވެ.
މި މައިންގެ ދުވަހު، މި ހަނގުރާމައިގައި ސަލާމަތުން ތިބި އަންހެނުންނަށްޓަކައި އޮތް އެދުމަކީ، އެމީހުންގެ ލޮބުވެތި ފަލަސްޠީނު، އަލުން އާރާސްތުކުރުމުގެ ވަސީލަތްތަކާއެކު، އ.ދ.ގެ މެންބަރު ޤައުމަކަށް ވެ ހަމަޖެހުމާއެކު ދިރިއުޅެމުންދާތަން ފެނުމެވެ. ދުނިޔެ އެމީހުންނާއެކު އޮންނަންޖެހޭނީ ހަމައެކަނި އަނގައިން ބުނެލާ ބަހަކުން ނޫނެވެ. ޢަމަލުތަކުންނެވެ.



