ވަޒީފާގެ މާހައުލަކީ ކޮންމެ މީހަކުވެސް އެމީހެއްގެ ތައުލީމީ ފެންވަރާއި، ހުނަރާއި، މަސައްކަތަށް ދޭ އަހައްމިއްޔަތުކަމުގެ އަގު ވަޒަންކުރެވޭނެ ތަނެއްގެ ގޮތުގައި ދެކޭ މާހައުލެކެވެ. ނަމަވެސް، ހިތާމައަކީ ބައެއް އޮފީސްތަކުގައި މުވައްޒަފެއްގެ ގާބިލުކަމާއި، މަސައްކަތުގެ ނަތީޖާއަށްވުރެ ބޮޑަށް، އޮފީހުގެ އިސްވެރިންނާއެކު އޮންނަ ޒާތީ ގުޅުންތަކާއި "ކޮފީ ޕާޓްނަރުން" ނަށް އިސްކަންދެވޭ މަންޒަރު ފެންނަމުންދާ ކަމެވެ. ވަޒީފާގެ މާހައުލުގައި ވަކި ބަޔަކަށް ހާއްސަ އިނާޔަތްތަކެއް ދިނުމަކީ ދިވެހިރާއްޖޭގައި ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހިފައިވާ މައްސަލައެކެވެ. ހާއްސަކޮށް، ޑިޕާޓްމަންޓްތަކުގެ ވެރިންނާއި، ސުޕަވައިޒަރުން އަދި އިސް މެނޭޖްމަންޓުން މުވައްޒަފުންގެ ކުރިއެރުމާމެދު ނިންމާ ނިންމުންތަކުގައި މިފަދަ ނުފޫޒުތައް ވަރަށް ބޮޑަށް ހިނގައެވެ.
އެއް ފެންވަރެއްގެ ނުވަތަ އެއަށްވުރެ މާ ގާބިލު މުވައްޒަފުން އެކަށީގެންވާ ފުރުސަތުތަކާއި ބަލައިގަތުމަށް އެދި އާދޭސްކުރަން ޖެހިފައިވާއިރު، އިސްވެރިންނާ ގާތް ގުޅުމެއް އޮންނަ، އެމީހުންގެ "އިނަރ ސާކަލް" ގައި ހިމެނޭ ފަރާތްތަކަށް ހުރިހާ ދޮރުތަކެއް ތަންމިންޏަށް ހުޅުވިފައި ހުރުމަކީ އިންސާފުވެރި ގޮތެއް ނޫނެވެ.
އޮފީހުގެ މާހައުލުގައި އެކުވެރިކަން އުފެދުމަކީ ތަބީއީ ކަމެކެވެ. މައްސަލަ އުފެދެނީ މެނޭޖަރުންނާއި އިސްވެރިންގެ އެ ޒާތީ ގުޅުންތަކުގެ ނުފޫޒު ވަޒީފާގެ ނިންމުންތަކަށް ފޯރުވާން ފެށުމުންނެވެ. ގަޑިއަށް ފަރުވާތެރިވެ، ހަވާލުކުރެވޭ މަސައްކަތްތައް ފުރިހަމައަށް ނިންމާ މުވައްޒަފަށް މަގާމުގެ ކުރިއެރުން ނުލިބި، މެނޭޖްމަންޓާ އެކުވެރިކަން އޮންނަ މުވައްޒަފަކަށް އެ ފުރުސަތު ދެވޭ ހިސާބުން އިންސާފުގެ ބިންގާ އަޅިއަށްވެގެންދެއެވެ.
މިފަދަ ބޭއިންސާފު އަމަލުތައް އާންމުކޮށް ފެންނަނީ ތިރީގައިވާ ސިފަތަކުގައެވެ:
- ޤާބިލުކަމަށް ބެލުމެއްނެތި، ޒާތީ ގުޅުންތަކަށް ބަލައި މަޤާމުގެ ކުރިއެރުން ދިނުން.
- މުސާރަ އިތުރުކުރުކުރުން
- އަހަރީ ޗުއްޓީ ހަމަޖެއްސުމުގައި ވަކި ބަޔަކަށް އިސްކަންދިނުން.
- ހާޒިރީގެ އުސޫލުތައް ހަމައެކަނި ވަކި ބަޔަކަށް ތަންފީޒުކުރުން.
- މަސައްކަތުގެ ބުރަދަން ހަމަހަމަކަމެއް ނެތި ބެހުން.
- ގާތް މުވައްޒަފުން ކުރާ ކުށްތަކަށް ފިޔަވަޅު ނޭޅުމާއި އެމީހުން ހިމާޔަތްކުރުން.
- މުހިންމު ބައްދަލުވުންތަކުންނާއި ފުރުސަތުތަކުން ގާބިލު މުވައްޒަފުން އެކަހެރިކުރުން.
- އަހަރީ ޕާފޯމަންސް އިވެލުއޭޝަންތަކުގައި ގާތް ރަހުމަތްތެރިންނަށް މަތިން މާކްސް ދިނުން.
މި ކަންކަން މާހައުލުގައި އާންމު ވެގެންދާއިރު، ބުރަކޮށް މަސައްކަތްކުރުމުގެ އެއްވެސް ބޭނުމެއް އޮތްތޯ މުވައްޒަފުން ސުވާލު އުފައްދަން ފަށައެވެ.
ރާއްޖެއަކީ ކުޑަ އާބާދީއަކަށް ވުމުން، އިޖުތިމާއީ ގުޅުންތަކާއި ވަޒީފާގެ ގުޅުންތައް ވަނީ ވަރަށް ބޮޑަށް ލާމެހިފައެވެ. ނަތީޖާއެއްގެ ގޮތުން، ރަސްމީ ނޫން އެއްވުންތަކާއި، ކޮފީ ބައްދަލުވުންތަކަކީ ވަޒީފާގެ މުހިންމު ނިންމުންތަކަށް ނުފޫޒު ފޯރުވާ ވަސީލަތްތަކަކަށް ވަނީ ވެފައެވެ. ވެރިންނާއެކު ހަމައެކަނި ރަސްމީ ޕްރޮފެޝަނަލް ގުޅުމެއް ބާއްވަން ބޭނުންވާ މުވައްޒަފަކު، މިފަދަ "ކޮފީ ސައްލާތަކުގައި" ބައިވެރިނުވާތީ އޭނާއަށް ލިބެންޖެހޭ ހައްގުތަކުން މަހުރޫމުވެގެން ނުވާނެއެވެ. ވެރިޔާއާއެކު ކޮފީ ބޯން ދިއުމަކީ ވަޒީފާގައި ކުރިއަރައިދިއުމަށް އޮންނަ ނުރަސްމީ ޝަރުތަކަށް ވެގެން ނުވާނެއެވެ.
މުވައްޒަފުންނަށް ކުރާ ނަފްސާނީ އަސަރު
ވަޒީފާގައި ވަކި ބަޔަކަށް ލެނބިގެން ކަންކަން ކުރުމަކީ ހަމައެކަނި ކެރިއަރަށް ހުރަސްއެޅޭ ކަމެއް ނޫނެވެ؛ މިއީ މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަމަށްވެސް ނުހަނު ގެއްލުންހުރި ކަމެކެވެ. އެތައް އަހަރެއް ވަންދެން އިހްލާސްތެރިކަމާއެކު މަސައްކަތްކުރުމަށްފަހު، އެންމެ ފަހުން އެހެން މީހަކަށް އެ ފުރުސަތު ލިބެނީ ވެރިޔާއާ އޮތް ޒާތީ ގާތްކަމެއްގެ ސަބަބުންކަން އިހްސާސްވުމަކީ އިންތިހާއަށް މާޔޫސްވާނެ ކަމެކެވެ.
މީގެ ސަބަބުން މުވައްޒަފުންގެ ކިބައިގައި އެންޒައިޓީއާއި، ނަފްސާނީކަމާއި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ގެއްލުމާއި، މަސައްކަތުގެ ޖޯޝް ގެއްލުން ފަދަ ކަންކަން މެދުވެރިވެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އިތުރު ޒިންމާތަކާ ދުރުހެލިވުން ނުވަތަ ވަޒީފާއިން ވަކިވުމަށް މަޖުބޫރުވެއެވެ. ގިނަ ފަހަރަށް މުވައްޒަފުން ވަކިވަނީ ކުރާ މަސައްކަތް ކަމުނުގޮސްގެނެއް ނޫނެވެ؛ އެ މަސައްކަތް ކުރަންޖެހޭ ވިހަ މާހައުލު ތަހައްމަލު ނުކުރެވިގެންނެވެ.
މުވައްޒަފުން ހަނުތިބެނީ ކީއްވެ؟
މި މައްސަލައިގައި އަޑުއުފުލަން މުވައްޒަފުން ފަސްޖެހޭ އެންމެ ބޮޑު ސަބަބަކީ ބިރުވެރިކަމެވެ. ވަޒީފާ ގެއްލިދާނެ ކަމުގެ ބިރާއި، ޕާފޯމަންސް ދަށްކޮށްލަފާނެ ކަމުގެ ބިރު ނުވަތަ އެހެން ޑިޕާޓްމަންޓަކަށް ބަދަލުކޮށްލަފާނެ ކަމުގެ ބިރެވެ. ހާއްސަކޮށް، ކުންފުނިތަކުގެ އެޗް.އާރް ޑިޕާޓްމަންޓްތަކަކީ އިސްވެރިންނާ ދެކޮޅަށް ފިޔަވަޅު އަޅަން ނުކުޅެދިފައިވާ ތަންތަނަށް ވުމާއި، ޝަކުވާ ބަލާ ފަރާތްތަކަކީވެސް ވެރިޔާއާ ގާތް މީހުންނަށް ވުމުން، މިނިވަންކަމާއެކު މައްސަލަ ހުށަހެޅޭނެ ނިޒާމެއް ނެތުމުން މުވައްޒަފުންނަށް މަޖުބޫރުވަނީ ހަނުތިބުމަށެވެ.
ކުންފުނިތަކަށް ލިބޭ ގެއްލުން
ވަކި ބަޔަކު ހާއްސަކޮށްގެން ގެންގުޅުމަކީ ވަފާތެރިކަން އިތުރުކުރާ ކަމެއް ކަމަށް ވެރިންނަށް ހީވިނަމަވެސް، މިއީ މުޅި މުއައްސަސާ ބަލިކަށިކޮށްލާ ވިހައެކެވެ. މީގެ ސަބަބުން:
- ތަޖުރިބާކާރު، މޮޅެތި މުވައްޒަފުން ކުންފުނި ދޫކޮށްދިއުން އިތުރުވެއެވެ.
- އުފެއްދުންތެރިކަމާއި އައު އީޖާދުތަކަށް ހުރަސްއެޅެއެވެ.
- އޮފީހުގެ އެތެރޭގެ ހިޔާލުތަފާތުވުންތަކާއި ހަސަދަވެރިކަން އުފެދެއެވެ.
- މުވައްޒަފުންގެ މޯރާލް ނުވަތަ މަސައްކަތުގެ ރޫހު ދަށްވެގެންދެއެވެ.
- ކުންފުނީގެ އަގު މުޖުތަމައުގައި ވެއްޓެއެވެ.
އެންމެ ގާބިލު މީހުންނަށް ކުރިއަށް ދިއުމުގެ ފުރުސަތު ނެތް ތަނެއްގައި އެ މުއައްސަސާއަކަށް އެދެވޭ ލަނޑުދަނޑިތައް ހާސިލެއް ނުކުރެވޭނެއެވެ.
މިކަމުގައި ގާނޫނު ބުނަނީ ކީކޭ؟
ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ގާނޫނު (2/2008) ގެ ދަށުން ވަޒީފާގެ މާހައުލުގައި ތަފާތުކުރުން ގެންގުޅުން ވަނީ މަނާކޮށްފައެވެ. ނަމަވެސް، ރަހުމަތްތެރިކަމަށް ބަލައި ވަކި ބަޔަކަށް އިސްކަންދިނުމަކީ ސީދާ ގާނޫނުން މަނާކުރާ ތަފާތުކުރުމުގެ ތެރޭގައި ހިމެނޭނީ ކަން ހިނގާފައިވާ ގޮތާއި، ތަފާތުކުރި ސަބަބުތަކާއި، އޭގެ ސަބަބުން އަސަރުކުރި ވަޒީފާގެ ހައްގުތަކުގެ މައްޗަށް ބިނާކޮށެވެ.
އެހެންކަމުން، ވަޒީފާގެ ހައްގަކަށް އުނިކަން އައިސްފައިވާ ކަމަށް ގަބޫލުކުރެވޭނަމަ، ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ އިރުޝާދު ހޯދުމާއި، މައްސަލައިގެ ކުޑަބޮޑުމިނަށް ބަލައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމުގެ އިހްތިޔާރު މުވައްޒަފުންނަށް އޮވެއެވެ. އެހެންނަމަވެސް، މިފަދަ ބޭއިންސާފު ކަންކަން ގާނޫނީ މައްސަލައަކަށް ބަދަލުވަންދެން މަޑުނުކޮށް، ކުންފުނިތަކުގެ އެތެރޭގެ ނިޒާމުގެ ތެރެއިން މައްސަލަ ހައްލުކުރުމަކީ މުހިންމު ކަމެކެވެ.
މައްސަލައިގެ ހައްލަކީ ކޮބާ؟
ވަޒީފާގެ މާހައުލުގައި ވަކި ބަޔަކަށް ލެނބިގެން ކަންކަން ކުރުން ހުއްޓުވުމަށްޓަކައި، ހަމައެކަނި ވެރިންނަށް ނަސޭހަތްތެރިވުމުގެ ބަދަލުގައި، މުޅި އިދާރީ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހެއެވެ:
ފެންނަން އޮންނަ، ދެފުށް ފެންނަ ނިޒާމެއް ގާއިމުކުރުން: މަގާމުގެ ކުރިއެރުމާއި، މުސާރަ ބޮޑުކުރުމާއި، އެހެނިހެން ފުރުސަތުތައް ދޭންވާނީ ދުރާލާ ކަނޑައެޅިފައިވާ އުސޫލުތަކަކަށެވެ. މީގެ ތެރޭގައި ތައުލީމީ ފެންވަރާއި، ތަޖުރިބާއާއި، މިންކުރެވޭނެ ނަތީޖާތަކަށް ބަލަންވާނެއެވެ. ވަކި މީހަކަށް ކުރިއެރުން ލިބުނު ސަބަބާއި، އެފަދަ ފުރުސަތެއް ހޯދުމަށް ދެން ތިބި މުވައްޒަފުން ހާސިލުކުރަންޖެހޭ ޝަރުޠުތައް އެންމެންނަށް ސާފުކޮށް އެނގެންޖެހެއެވެ.
މިނިވަން ޝަކުވާ ހުށަހެޅޭނެ ނިޒާމެއް ހަމަޖެއްސުން: ބަދަލުހިފުމުގެ ބިރަކާ ނުލައި، ސިއްރުވެރިކަމާއެކު މުވައްޒަފުންނަށް ޝަކުވާ ހުށަހެޅޭނެ މަގު އޮންނަންވާނެއެވެ. އަދި ވެރިންނާ ދެކޮޅަށް ހުށަހެޅޭ މިފަދަ މައްސަލަތައް ބަލަންވާނީ އެއްވެސް މަސްލަހަތެއް ނެތް، މިނިވަން ފަރާތްތަކުންނެވެ.
ވެރިން ޖަވާބުދާރީ ކުރުވުން: ޑިޕާޓްމަންޓްތަކުގެ ވެރިންނާއި ސުޕަވައިޒަރުންގެ ލީޑަރޝިޕް ގަވާއިދުން ވަޒަންކުރެވެންވާނެއެވެ. އެމީހުންގެ މަސައްކަތް ބަލާނީ ހަމައެކަނި ޑިޕާޓްމަންޓުން ހާސިލުކުރާ ލަނޑުދަނޑިތަކަށް އެކަންޏެއް ނޫނެވެ؛ މުވައްޒަފުންނާމެދު އިންސާފުވެރިކަމާއެކު މުޢާމަލާތުކުރާ މިންވަރަށްވެސް ބަލަންވާނެއެވެ. ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ ވެރިންނަށް ފިޔަވަޅު އެޅެންވާނެއެވެ.
ސިއްރުން ހިޔާލު ހޯދުމުގެ ނިޒާމު ތައާރަފުކުރުން: މުވައްޒަފުންގެ ހިތްހަމަޖެހުން ހުރި މިންވަރު ދެނެގަތުމަށްޓަކައި، ނަން ނޭނގޭ ގޮތަށް ސަރވޭތައް ހަދައި، ވެރިންގެ ފެންވަރު ވަޒަންކުރުމުގެ ފުރުސަތު މުވައްޒަފުންނަށް ދޭންވާނެއެވެ. މީގެ ސަބަބުން ވިހަ މާހައުލުތަކާއި ލީޑަރޝިޕްގެ މައްސަލަތައް ދެނެގަތުމަށް އިސްވެރިންނަށް ފަސޭހަވާނެއެވެ.
އޮފީހުގެ ސިޔާސަތުތައް އެންމެންގެ މައްޗަށް އެއްވަރަކަށް ތަންފީޒުކުރުން: ހާޒިރީގެ އުސޫލުތަކާއި، ޗުއްޓީ ދިނުމާއި، އަދަބު ދިނުމުގެ ކަންކަން އެންމެންގެ މައްޗަށް ހަމަހަމަކަމާއެކު ހިނގަންވާނެއެވެ. ޒާތީ ގުޅުމަކަށް ބަލައި ވަކި ބަޔަކު އިސްތިސްނާކޮށްގެން ނުވާނެއެވެ.
އެޗް.އާރް ޑިޕާޓްމަންޓްތައް ބާރުވެރިކުރުވުން: ހިއުމަން ރިސޯސަސް ޑިޕާޓްމަންޓްތަކަކީ ވަކިފަރާތަކަށް ނުޖެހި، ޕްރޮފެޝަނަލްކޮށް މަސައްކަތްކުރާ ތަންތަނަށް ވާންޖެހެއެވެ. އެމީހުންގެ ޒިންމާއަކަށް ވާންވާނީ ކުންފުނީގެ އުސޫލުތައް ނަގަހައްޓައި، މުވައްޒަފުންނަށް އިންސާފު ހޯދައިދިނުމެވެ.
މަސްލަހަތު ފުށުއެރުން ހުއްޓުވުން (ކޮންފްލިކްޓް އޮފް އިންޓްރެސްޓް): މުވައްޒަފުން ނެގުމާއި، ޕްރޮމޯޝަން ދިނުމާއި، އަދަބު ކަނޑައެޅުން ފަދަ ކަންކަމުގައި، ގާތް ގުޅުމެއް އޮންނަ މުވައްޒަފަކު ހިމެނޭނަމަ އެކަން ވެރިން ހާމަކުރަންވާނެއެވެ. އަދި އެފަދަ ނިންމުންތައް ނިންމަންވާނީ އެންމެ ވެރިއެއްގެ ބަދަލުގައި ވަކިފަރާތަކަށް ނުޖެހޭ ޕެނަލަކުންނެވެ.
ބަދަލުހިފުމުން މުވައްޒަފުން ރައްކާތެރިކުރުން: އިންސާފުވެރިކަމާއެކު ޝަކުވާ ހުށަހަޅާ މުވައްޒަފުންނާ ދެކޮޅަށް އެއްވެސް ބާވަތެއްގެ ބަދަލުހިފުމުގެ އަމަލެއް ނުހިންގޭނެ ފަދަ ވަރުގަދަ ސިޔާސަތުތަކެއް ކަނޑައެޅިފައި އޮންނަންވާނެއެވެ. އަމިއްލަ ކަރާމާތާއި ވަޒީފާއާ ދެމެދު ގޮތެއް އިހްތިޔާރުކުރަން އެއްވެސް މުވައްޒަފަކަށް މަޖުބޫރުވެގެން ނުވާނެއެވެ.
މުވައްޒަފުންނަށް އެޅިދާނެ ފިޔަވަޅުތައް
މިފަދަ ތަފާތުކުރުންތަކާ ކުރިމަތިލާންޖެހޭ މުވައްޒަފުން، ހިނގާ ހާދިސާތަކުގެ ތަފްސީލާއި، ލިޔެކިޔުންތަކާއި މެއިލްތައް ރައްކާކުރަންވާނެއެވެ. އަދި ކުންފުނީގެ ސިޔާސަތުތައް ދަސްކޮށް، ރަސްމީ ޗެނަލްތަކުގެ ތެރެއިން ޝަކުވާ ހުށަހަޅަންވާނެއެވެ. ޝަކުވާ ހުށަހަޅާއިރު ޒާތީ ކަންކަމުގެ ބަދަލުގައި އަލިއަޅުވާލަންވާނީ ހެކީގެ މައްޗަށް ބިނާކޮށް ހުރި ތަފާތުކުރުންތަކަށެވެ. އެތެރޭގެ ނިޒާމު ފެއިލްވެއްޖެނަމަ، ގާނޫނީ ލަފާ ހޯދުމަކީ މުހިންމު ކަމެކެވެ.
ނރާއްޖެއަށް ބޭނުންވަނީ ސަގާފީ ބަދަލެއް
ދިވެހިރާއްޖޭގެ ވަޒީފާގެ މާހައުލުތަކަށް މިއަދު ބޭނުންވަނީ ޒާތީ ގުޅުންތަކަށްވުރެ ޕްރޮފެޝަނަލިޒަމަށް އިސްކަންދޭ ސަގާފަތެކެވެ. ޑިޕާޓްމަންޓެއްގެ ވެރިއަކަށް ނުވަތަ އިސް މަގާމެއްގައި ހުރުމަކީ ރަހުމަތްތެރިންނަށް ބަހާލަން ލިބޭ ހަދިޔާއެއް ނޫނެވެ؛ އެއީ އިންސާފުވެރިކަމާއެކު ކަންކަން ނިންމައި، އެންމެނަށް ހަމަހަމަ ފުރުސަތު ފަހިކޮށްދިނުމަށް އޮތް ބޮޑު އަމާނާތެކެވެ.
އިންސާފުވެރި މުއާމަލާތެއް ލިބުމަށްޓަކައި މުވައްޒަފަކު ވެރިޔާގެ "ފޭވަރިޓް" އަކަށް ވާކަށް ނުޖެހެއެވެ. އަދި މަގާމުގެ ކުރިއެރުން ހޯދުމަށް ކޮފީތަކުގައި ބައިވެރިވެ، ވަފާތެރިކަން ދައްކާކަށްވެސް ނުޖެހެއެވެ. ވަޒީފާގެ މާހައުލެއްގައި އަގުވަޒަންކުރަންވާނީ ގާބިލުކަމާއި، އިހްލާސްތެރިކަމާއި، ތެދުވެރިކަމާއި، މަސައްކަތުގެ ނަތީޖާއަށެވެ.
ކުންފުންޏެއްގެ ކާމިޔާބީ ބިނާވާންވާނީ މެނޭޖްމަންޓާއެކު އޮންނަ ގާތްގުޅުމުގެ ބާރުގެ މައްޗަކަށް ނޫނެވެ؛ އެތަނުގެ މުވައްޒަފުންގެ ފެންވަރުގެ މައްޗަށެވެ. ތިބާގެ ކެރިއަރު ބިނާވާންވާނީ އޮފީސް ގަޑީގައި ކުރާ މަސައްކަތުންނެވެ؛ އޮފީސް ނިންމާފައި ވެރިޔާއާއެކު ބޯ ކޮފީއަކުން ނޫނެވެ.



