މާލޭގެ މަގުތަކުގައި ފެން ބޮޑުވާ މައްސަލަ ޙައްލުކުރުމަށް ފަށާފައިވާ ވަގުތީ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް މިމަހުގެ ނިޔަލަށް ނިންމުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
ދައުލަތުގެ މީޑިއާއެއްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިބްރާހިމް ނަޒީމް ވިދާޅުވީ، މާލޭގެ 6 ސަރަޙައްދެއްގައި ވަގުތީ ފެން ހިންދާ ނިޒާމުތައް ޤާއިމުކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
މިހާތަނަށް ވެސްޓް ޕާކް ސަރަޙައްދާއި ވިލިމާލެ ފެރީ ޓަރމިނަލް ކައިރި އަދި އައިޖީއެމްއެޗް ކައިރީގައި މި ނިޒާމް ވަނީ ޤާއިމްކޮށްފައެވެ. ސްޓޭޓް މިނިސްޓަރ ނަޒީމް ވިދާޅުވީ މޫސުން ތަންދޭނަމަ ރަސްފަންނު ސަރަޙައްދުގައި ފެން ހިންދާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.
"އެ މަސައްކަތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ނިންމާ އަމީނީ މަގު ޓީވީ ބިލްޑިން ހިމެނޭ ސަރަޙައްދުގައި ފެން ހިންދާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ފަށާނެ. އަދި އެއަށްފަހު އާޓިފިޝަލް ބީޗް ސަރަޙައްދުގައިވެސް މިނިޒާމް ޤާއިމްކުރުމަށް ހަމަޖެހިފައިވޭ." ނަޒީމް ވިދާޅުވިއެވެ.
އަމާޒަކީ މި މަސް ނިމުމުގެ ކުރިން މި ސަރަޙައްދުތަކުގައި ފެން ހިންދާ ނިޒާމްތައް ޤާއިމްކޮށް ނިންމުން ކަމަށް ނަޒީމް ވިދާޅުވިއެވެ. މި ނިޒާމުގެ ދަށުން، ފެން ޖަމާކުރާނެ ވަޅެއް އެއްގަމު ތޮށި ކައިރީގައި ހަދައި، އެ ވަޅަށް ޖަމާވާ ފެން ގެންދެވޭނެ ނިޒާމެއް ޤާއިމްކުރެވޭނެއެވެ.
މީގެ އިތުރުން، އަމީނީ މަގުގައި ދިމާވެފައިވާ ފެން ބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް ކުޑަކުދިންގެ ބަގީޗާ ސަރަޙައްދު، އަޙްމަދިއްޔާ ސްކޫލް ކައިރި އަދި ސްޓޭޑިއަމް ތެރޭގައި ހުރި ފެން ޕަންޕްތައް އަޕްގްރޭޑް ކުރެވިފައިވާ ކަމަށް ނަޒީމް ވިދާޅުވިއެވެ. މިގޮތުން ކުރިން ހުރި 9 ކިލޯވޮޓުގެ ޕަމްޕުގެ ބަދަލުގައި 20 ކިލޯވޮޓުގެ 2 ޕަންޕު ބަހައްޓާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި މަސައްކަތްތަކާ ގުޅިގެން، ވެސްޓް ޕާކް ސަރަޙައްދާއި އައިޖީއެމްއެޗް ހިމެނޭ ސަރަޙައްދުގައި ފެންގަނޑު ބޮޑު ނުވާކަން ފާހަގަކުރެވިފައިވެއެވެ. މއީ މާލޭގެ މަގުތަކުގައި ފެން ބޮޑުވުމުގެ މައްސަލައަށް ވަގުތީ ޙައްލެއް ގެނައުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.
ނަމަވެސް، މާލޭގެ މަގުތައް މީގެ އެތައް އަހަރެއް ކުރިން ހަދާފައި ހުރިގޮތުން ވާރޭވެހޭ ދުވަސްވަރު ވަރަށް ފަސޭހައިން ފެންބޮޑުވުމުގެ މައްސަލަ ކުރިމަތިވެއެވެ. މިކަމުގެ ސަބަބުން ގެތަކާއި، މުހިއްމު ޚިދުމަތްދޭ މަރުކަޒުތަކާއި ވިޔަފާރިކުރާ ތަންތަނަށް ފެންވަދެ ބޮޑެތި ގެއްލުންތައް ވަނީ ލިބިފައެވެ.
ނަޒީމް އިތުރަށް ވިދާޅުވީ، މާލޭގައި ބަހައްޓާފައި ހުރި 14 ފެންހިންދާ ޕަންޕް އަޕްގްރޭޑް ކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށެވެ. މި މަސައްކަތްތަކުގެ ސަބަބުން މާލޭގެ އެކި ސަރަޙައްދުތަކުގައި ފެން ބޮޑުވުމުގެ މައްސަލައަށް ހައްލެއް ލިބޭނެކަމަށް އުންމީދު ކުރެވެއެވެ.
މި މަޝްރޫޢުގެ ދަށުން ކުރެވޭ މަސައްކަތްތަކަކީ ވަގުތީ ޙައްލެއްގެ ގޮތުގައި ކުރެވޭ ކަންކަން ކަމަށްވާއިރު، ދާއިމީ ހައްލެއް ހޯދުމަށް ދިގު މުއްދަތުގެ ޕްލޭނެއް އެކުލަވާލުމުގެ މުހިންމުކަން ފާހަގަކުރެވެއެވެ. ނަމަވެސް މި ވަގުތީ ފިޔަވަޅުތަކުން މާލޭގެ ރައްޔިތުންނަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
މި މަސައްކަތްތައް ނިމުމުން، މާލޭގެ މުހިންމު 6 ސަރަހައްދެއްގައި ވަގުތީ ފެން ހިންދާ ނިޒާމް ޤާއިމްވެ، ވާރޭވެހޭ މޫސުމުގައި ދިމާވާ ފެން ބޮޑުވުމުގެ މައްސަލަތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ. މިއީ މާލޭގެ ދިރިއުޅޭ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ލުޔެއް ކަމަށް ފާހަގަކުރެވެއެވެ.









