މ. ކޮޅުފުށީގައި ޢިމާރާތްކުރަމުން އަންނަ 100 ހައުސިންގ ޔުނިޓްގެ %78 މަސައްކަތް ނިމިފައިވާ ކަމަށް ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން ބުނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރްސީސީ) އާ ޙަވާލުކޮށްގެން ކުރިއަށްގެންދާ ކޮޅުފުށި 100 ހައުސިންގ ޔުނިޓްގެ މަޝްރޫޢުގެ މަސައްކަތުގެ %78 މަސައްކަތް ނިމިފައިވާ ކަމަށެވެ.
ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 117 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
އެއް އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި ނިންމުމަށް އާރްސީސީއާ ޙަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢުގައި ތިން ކޮޓަރި ހިމެނޭއިރު، ތިން ފާހަނައާއި ސިޓިންގ ރޫމާއި ލޯންޑްރީ އާއި ކާގެ އަދި ބަދިގޭގެ އިތުރުން ސްޓޯ ރޫމް ހިމެނެއެވެ.
ކޮޅުފުށީގައި 1400 އަށްވުރެ ގިނަ މީހުންގެ އާބަދީއެއް އޮންނަ އިރު، މި ރަށަކީ 73 ހެކްޓަރުގެ ބިމެއް އޮންނަ ރަށެކެވެ.









