ނުރައްކާތެރި ކެމިކަލް ގެންގުޅޭ ފަރާތްތަކުން ޤަވާޢިދާ އެއްގޮތަށް ޢަމަލުކުރޭތޯ ބެލުމަށް ޚާއްސަ އޮޕަރޭޝަނެއް ފެށުމަށް ނިންމައިފިއެވެ.
ޑިފެންސް މިނިސްޓ ްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ދިވެހިރާއްޖެއަށް އެކި ބޭނުންތަކުގައި އެތެރެކުރެވޭ ނުރައްކާތެރި ކެމިކަލްތައް އެތެރެކުރުމުގެ ހުއްދަ ދިނުމާއި އެފަދަ ކެމިކަލްތައް ގުދަންކޮށް ރައްކާކުރުމަކީ އެ މިނިސްޓްރީން ރެގިއުލޭޓް ކުރާ ކަމެއް ކަމަށާއި އެފަދަ ކެމިކަލްތަކަށް ހުއްދަ ދެވިފައިވަނީ ޤާނޫނީ އިމުގެ ތެރެއިން ކަމުގައި ވީނަމަވެސް އެތަކެތި ގެންގުޅުމާއި ގުދަން ކުރުމުގައި ބައެއް ފަރާތްތަކުން ޤަވާޢިދާ ޚިލާފުވާކަމަށް އެ މިނިސްޓްރީއަށް ޝަކުވާ ލިބެމުން އަންނަ ކަމަށެވެ.
އެކަމަކީ ޤަވާޢިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން މުޠުލަޤަށް ތަންފީޒް ނުކުރެވިއްޖެނަމަ އިޢާދަ ނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ދިވެހި ރައްޔިތުންނަށް ހުށަހެޅިގެން ދިއުމަށް ހުޅުވޭ ދޮރެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ ނުރައްކާތެރި ކެމިކަލް ގެންގުޅޭ ފަރާތްތަކުން ޤާވާޢިދާ އެއްގޮތަށް ޢަމަލުކުރޭތޯ ބެލުމަށްޓަކައި އެ މިނިސްޓްރީއަށް ފެނިއްޖެ ހިނދެއްގައި، ނުރައްކާތެރި ކެމިކަލް ރައްކާކޮށްފައި ހުންނަ ތަންތަން އިންސްޕެކްޓް ކުރުމަކީ ޤާނޫނު ނަމްބަރު 75/04 (ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ "ހ" ގެ 3 ވަނަ ނަމްބަރުގެ ދަށުން އެކުލަވާލެވިފައިވާ، ގޮވާ އެއްޗެހި ކަމުގައި ނުހިމެނޭ ނުރައްކާތެރި ކެމިކަލާއި އެފަދަ ކެމިކަލްތަކުން އުފައްދާ އެސިޑާއި ބާވަތް ބާވަތުގެ ވިހަ، ދިވެހިރާއްޖެއަށް ގެނައުމާއި، އެ ތަކެތި ގުދަންކުރުމާއި، ދިވެހިރާއްޖޭގައި ގެންގުޅުމުގައި ޢަމަލުކުރަންވީ އުސޫލުތައް ބަޔާންކުރާ ޤަވާޢިދު ނަންބަރު 2019/R-1057 "ނުރައްކާތެރި ކެމިކަލާއި ބެހޭ ޤަވާޢިދު" ގެ 8 ވަނަ މާއްދާއިން ޑިފެންސް މިނިސްޓްރީއަށް ދީފައިވާ އިޚްތިޔާރެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އެގޮތުން 1 އޮކްޓޯބަރުން ފެށިގެން އެފަދަ ތަންތަން އިންސްޕެކްޓް ކުރުމަށާއި ނުރައްކާތެރި ކެމިކަލް އެތެރެކޮށް ގެންގުޅުމާއި ގުދަންކުރުމުގައި ޢަމަލުކުރުމަށް ދިވެހިރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކާއި ޤަވާޢިދުތަކަށް އާންމުން ހޭލުންތެރި ކުރުމުގެ ޚާއްސަ އޮޕަރޭޝަނެއް "އޮޕަރޭޝަން ހިރާސް ފާސް" ގެ ނަމުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ. މި އޮޕަރޭޝަން ކުރިއަށްގެންދާނީ ޒޯންތަކަށް ބަހާލައިގެން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.



