ރައީސް ޑރ. މުޙައްމަދު މުއިއްޒަށް މަރުގެ އިންޒާރު ދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. ފުލުހުން މިއަދު ބުނި ގޮތުގައި، "އަބްލޯ މިޔާދު ޔޫސުފް" ގެ ނަމުގައި ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ މީހަކު ރައީސަށް މަރުގެ އިންޒާރު ދިން މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށެވެ.
މި އިންޒާރު ދެވުނީ އދ. ގެ އާންމު މަޖިލީހުގެ ޖަލްސާގައި ރައީސް މުއިއްޒު ތަޤުރީރު ކުރައްވަމުން ގެންދަވަނިކޮށް، އެ ތަޤުރީރުގެ ލައިވް ވީޑިއޯއަށް ކުރި ކޮމެންޓެއްގައެވެ. މި އެކައުންޓަކީ 9،000 އަށް ވުރެ ގިނަ މީހުން ފޮލޯކުރާ އެކައުންޓެއް ކަމަށްވާއިރު، މި އެކައުންޓުން އެހެން ފަރާތްތަކަށްވެސް އިންޒާރު ދީފައިވާކަން ފާހަގަކުރެވެއެވެ.

މި އެކައުންޓުން މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ޙުސައިން ފިރުޝާނަށް ވެސް އިންޒާރު ދީފައިވާކަން ފާހަގަކުރެވެއެވެ. ފިރުޝާނު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓަކާ ގުޅިގެން "ކަރު ކަނޑާލަން ޖެހޭ ވަރު"ގެ މީހެއް ކަމަށް ބުނެ މި އެކައުންޓުން ކޮމެންޓް ކޮށްފަވެއެވެ.
މި އެކައުންޓަކީ އަސްލު އެކައުންޓެއްތޯ ނުވަތަ ފޭކު އެކައުންޓެއްތޯ މި ވަގުތު ކަށަވަރު ނުވާކަން ފާހަގަކުރެވެއެވެ.
ކުރީގެ ރައީސުންނަށް ވެސް މިފަދަ ހަމަލާތައް ދީފައިވާކަން ފާހަގަކުރެވެއެވެ. މީގެ ތެރޭގައި ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމަށް ވަޅިން ހަމަލާދޭން މަސައްކަތްކުރި މައްސަލައާއި، ރައީސް ޢަބްދުﷲ ޔާމީނަށް އަމާޒުކޮށް އެ މަނިކުފާނު އިންނެވި ރިޔާސީ ލޯންޗުކޮޅު ގޮއްވާލަން ދިން ހަމަލާ ހިމެނެއެވެ.
ފުލުހުން މިހާރު މި މައްސަލަ ތަޙުޤީޤުކުރަމުންދާއިރު، މިފަދަ އިންޒާރުތަކާ މެދު ސަރުކާރުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށް ބުނެއެވެ.









