ދުނިޔޭގެ މަޝްހޫރު ޓައިމް މެގަޒިނާއި ސްޓެޓިސްޓާ ގުޅިގެން އަލަށް އެކުލަވައިލި ދުނިޔޭގެ އެއާލައިންތަކުގެ ރޭންކިންގައި، 2027 ވަނަ އަހަރުގެ ދުނިޔޭގެ އެއްވަނަ އެއާލައިންގެ މަގާމު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އެމިރޭޓްސް އެއާލައިނުން ހޯދައިފިއެވެ.
ދުބާއީގެ މި އެއާލައިނުން މި ޝަރަފުވެރި ވަނަ ހޯދާފައިވަނީ ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ފާހަގަކޮށްލެވޭ ގަތަރު އެއާވޭސް އަދި ސިންގަޕޯ އެއާލައިންސް ފަހަތަށް ޖައްސާލުމަށްފަހުގައެވެ.
މި ރޭންކިންގެ ދެވަނަ ގަތަރު އެއާވޭސް އަށް ލިބިފައިވާއިރު، ތިންވަނަ ލިބިފައިވަނީ އެއާ ނިއުޒީލެންޑަށެވެ. އަދި ހަތަރުވަނައިގައި ސިންގަޕޯ އެއާލައިންސް ހިމެނޭއިރު، ފަސްވަނަ ލިބިފައިވަނީ ކެތޭ ޕެސިފިކް އަށެވެ.
މި ރޭންކިން އެކުލަވައިލާފައިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަތުރުކުރާ ފަސިންޖަރުންގެ ހިޔާލާއި، އެއާލައިންތަކުގެ އޮޕަރޭޝަންތަކާ ބެހޭ މިނިވަން ތަފާސްހިސާބުތަކުގެ މައްޗަށް ބިނާކޮށެވެ. މީގެ ތެރޭގައި ކެބިންގެ އަރާމުކަމާއި، ކަސްޓަމަރުންނަށް ދޭ ހިދުމަތްތަކާއި، ދަތުރުމަތީގައި ލިބޭ މުނިފޫހިފިލުވުމުގެ ހިދުމަތްތަކާއި، ފްލައިޓް ތެރޭގައި ލިބޭ އިންޓަނެޓްގެ ހިދުމަތް، ކާބޯތަކެތީގެ ފެންވަރު، އަގާ އެކަށޭނަ ޚިދުމަތް އަދި އާއިލާތަކަށް ހާއްސަ ފަސޭހަތައް ފަދަ ގިނަ ކަންތައްތަކެއް ވަނީ ވަޒަންކޮށްފައެވެ.
އެމިރޭޓްސް އިން މިހާރުވެސް ދަނީ ފަސިންޖަރުންގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށްޓަކައި އެ އެއާލައިންގެ 'ޕްރީމިއަމް އިކޮނޮމީ' ކްލާހުގެ ހިދުމަތް ފުޅާކުރުމަށާއި، ބޯޓުތަކުގެ ކެބިންތައް ޒަމާނީ ފެންވަރަށް އަޕްގްރޭޑް ކުރުމުގެ އިތުރުން މަތިންދާބޯޓު ތެރޭގައި ލިބޭ ކަނެކްޓިވިޓީގެ ފެންވަރު ރަނގަޅުކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަމުންނެވެ.
މި ކާމިޔާބީއަކީ ޔޫއޭއީގެ މައި އެއާލައިނަށް ލިބުނު ވަރަށް ބޮޑު ޝަރަފެކެވެ. އަދި މިއީ ފެންވަރު ރަނގަޅު ޕްރީމިއަމް ދަތުރުފަތުރުގެ ހިދުމަތްތައް ދިނުމުގައި އެމިރޭޓްސް އަކީ ދުނިޔޭގެ އިސް ސަފުގައި ފާހަގަކޮށްލެވޭ ބާރެއްކަން ސާބިތުކޮށްދިން މުހިންމު ކުރިއެރުމެކެވެ.



