ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ ސިނާއަތުގައި ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއަކާއެކު، ޖެހިޖެހިގެން ދެވަނަ ފަހަރަށް ދުނިޔޭގެ އެންމެ ފައިދާވާ އެއާލައިނުގެ މަގާމު އެމިރޭޓްސް އިން ހޯދައިފިއެވެ. 2025-26 ވަނަ އަހަރުގެ މާލީ ރިޕޯޓުތައް ދައްކާގޮތުން، އެމިރޭޓްސް އިން ވަނީ ތާރީހީ ރެކޯޑު އަދަދުތަކެއް ހާސިލްކޮށްފަ އެވެ.
މާލީ އަހަރުގެ ފަހު ދުވަސްކޮޅަކީ ގޮންޖެހުންތަކާއި ދަތިތަކާ ކުރިމަތިލާންޖެހުނު ދުވަސްވަރެއް ނަމަވެސް، އެމިރޭޓްސް އިން ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު %7 ގެ ކުރިއެރުމެއް ހޯދާފަ އެވެ. އެގޮތުން ޓެކުހަށް ކެނޑުމުގެ ކުރިން އެ އެއާލައިނަށް ވަނީ 6.2 ބިލިއަން އެމެރިކާ ޑޮލަރު (22.8 ބިލިއަން އެމިރާތީ ދިރުހަމް) ގެ ފައިދާއެއް ލިބިފަ އެވެ. މިއީ އެއާލައިންގެ ތާރީހުގައިވެސް ލިބުނު އެންމެ ބޮޑު ފައިދާ އެވެ.
އެމިރޭޓްސްގެ މާލީ ނަތީޖާތަކަށް ބަލާއިރު، މިދިޔަ އަހަރުގެ އާމްދަނީއަށްވުރެ %2 އިތުރުވެ، ޖުމްލަ އާމްދަނީގެ ގޮތުގައި 35.7 ބިލިއަން އެމެރިކާ ޑޮލަރު (130.9 ބިލިއަން އެމިރާތީ ދިރުހަމް) ވަނީ ލިބިފަ އެވެ. އަދި ކުންފުނީގެ ނަގުދު ފައިސާ ނުވަތަ ކޭޝް އެސެޓްސްގެ މިންވަރުވެސް ވަނީ މީގެ ކުރިން ދުވަހަކުވެސް މަތިނުވާ މިންވަރަކަށް އުފުލިފަ އެވެ. މިގޮތުން 31 މާރިޗު 2025 އާ އަޅާބަލާއިރު %10 ގެ ކުރިއެރުމަކާއެކު، މިހާރު ކުންފުނީގެ ކޭޝް އެސެޓްސް ހުރީ 15 ބިލިއަން އެމެރިކާ ޑޮލަރު (54.9 ބިލިއަން އެމިރާތީ ދިރުހަމް) ގަ އެވެ.
މި ކާމިޔާބީއާ ގުޅޭގޮތުން އެމިރޭޓްސް އިން ހާމަކޮށްފައިވާ ގޮތުގައި، މިއީ އެ އެއާލައިނުން ދެމުންގެންދާ ފެންވަރު ރަނގަޅު ހިދުމަތްތަކާއި، ހަރުދަނާ މާލީ މެނޭޖްމަންޓުގެ ސަބަބުން ލިބުނު ނަތީޖާއެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރާ މި އެއާލައިނަކީ ދިވެހިރާއްޖެއަށްވެސް އެންމެ ގިނައިން ފަތުރުވެރިން އުފުލާ އަދި ދިވެހިންގެ މެދުގައިވެސް މަގުބޫލު އެއާލައިނެކެވެ.










