ބުރާސްފަތި ދުވަހު މައިކްރޯސޮފްޓްގެ އައުޓްލުކް އީމެއިލް ހިދުމަތަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން، އުތުރު އެމެރިކާގެ އިތުރުން ދުނިޔޭގެ އެކި ސަރަޙައްދުތަކުން ގިނަ އަދަދެއްގެ ބަޔަކަށް އެ ހިދުމަތް ބޭނުންކުރުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެއްޖެއެވެ.
މައިކްރޯސޮފްޓް 365 ސްޓޭޓަސް އެކައުންޓުން އެކްސް (ކުރީގެ ޓްވިޓަރ) ގައި ހާމަކުރި ގޮތުގައި، އެމެރިކާ ސަރަހައްދުގައި އެކްސްޗޭންޖް އޮންލައިން މެއިލްބޮކްސްތަކަށް ވަނުމުގައި ދިމާވި މައްސަލަތައް އެ ކުންފުނިން ދިޔައީ ވަގުތުން ތަހުގީގުކުރަމުންނެވެ. މި މައްސަލަ އާންމު ފަރުދުންގެ އިތުރުން ވިޔަފާރިތަކުގެ އެކައުންޓްތަކަށް ވެސް ވަނީ ފޯރާފައެވެ. މީގެއިތުރުން، މައިކްރޯސޮފްޓް ޓީމްސް، ކޯޕައިލެޓް 365 އަދި ޝެއަރޕޮއިންޓް ފަދަ މުހިންމު އެހެން ހިދުމަތްތަކަށް ވެސް މިކަމުގެ އަސަރުކޮށްފައިވެއެވެ.
ހިދުމަތްތައް މޮނިޓަރކުރާ ޑައުންޑިޓެކްޓަރ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި މައްސަލަ އެންމެ ބޮޑުވި ވަގުތު 129،000 އަށްވުރެ ގިނަ ޝަކުވާ ވަނީ ރެކޯޑްކުރެވިފައެވެ.
މި މައްސަލަ ދިމާވި ސަބަބާ ގުޅޭގޮތުން މައިކްރޯސޮފްޓުން ފަހުން ހާމަކުރި ގޮތުގައި، މިއީ ޓްރެފިކް އިތުރުވުމުގެ ސަބަބުން ދިމާވި ކަމެއް ނޫނެވެ. ނަމަވެސް، ކުއްލި ގޮތަކަށް ބައެއް ސާވަރުތައް ޑައުންވުމާ ގުޅިގެން، ބޭނުންކުރެވެމުންދިޔަ އިންފްރާސްޓްރަކްޗަރއަށް ބާރުބޮޑުވެގެން ދިމާވި މައްސަލައެކެވެ. އެ ކުންފުނިން ބުނީ ހިދުމަތް އަލުން އާންމު ހާލަތަށް ގެނައުމަށްޓަކައި، ނެޓްވޯކް ޓްރެފިކް އެހެން ސާވަރުތަކަށް ބަދަލުކޮށް، އަސަރުކުރި ސާވަރުތައް ރީސްޓާޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މައިކްރޯސޮފްޓް 365 ބޭނުންކުރާ ފަރާތްތަކުގެ އަދަދު 450 މިލިއަނަށް އަރާފައިވާއިރު، އޭއައި ޓެކްނޮލޮޖީއަށް ބޮޑެތި ހަރަދުތަކެއް ކުރުމަށްޓަކައި ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް ވެސް އެ ކުންފުނިން ދަނީ އަޅަމުންނެވެ.



