ޓެކްނޮލޮޖީ ދާއިރާގެ ބޮޑު ކުންފުނި މައިކްރޯސޮފްޓުން، އެމެރިކާގައި މަސައްކަތްކުރާ އެ ކުންފުނީގެ އެތައް ހާސް މުވައްޒަފުންނަކަށް އަމިއްލައަށް ވަޒީފާއިން ރިޓަޔާވުމުގެ (ވޮލަންޓަރީ ރިޓަޔާމަންޓް) ފުރުސަތު ދީފިއެވެ. މިއީ އެ ކުންފުނީގެ ތާރީހުގައި މިފަދަ ފުރުސަތެއް މުވައްޒަފުންނަށް ހުޅުވާލި ފުރަތަމަ ފަހަރެވެ.
މި ޕްރޮގްރާމުގެ ދަށުން އެމެރިކާގައި މަސައްކަތްކުރާ މައިކްރޯސޮފްޓްގެ މުވައްޒަފުންގެ ތެރެއިން ގާތްގަނޑަކަށް 7 އިންސައްތަ މުވައްޒަފުންނަށް ވަޒީފާއިން ވަކިވުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. މައިކްރޯސޮފްޓުން ބުނި ގޮތުގައި މި ފުރުސަތު ހުޅުވާލެވިފައިވަނީ މުވައްޒަފުގެ އުމުރާއި، އެ ކުންފުނީގައި މަސައްކަތް ކުރި އަހަރުތައް އެއްކުރުމުން 70 ނުވަތަ އެއަށްވުރެ މަތިވާ މުވައްޒަފުންނަށެވެ.
މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ ސީނިއާ ޑައިރެކްޓަރުންގެ ފަންތިއަށްވުރެ ދަށުގެ މަގާމުތަކުގައި ތިބި މުވައްޒަފުންނަށެވެ. އަދި މިކަމަށް ޝަރުތު ހަމަވާ މުވައްޒަފުންނަށް މެއި މަހުގެ 7 ވަނަ ދުވަހު އެންގުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ނިންމުމާއެކު މިދިޔަ ބުރާސްފަތި ދުވަހު މައިކްރޯސޮފްޓްގެ ހިއްސާގެ އަގު ވަނީ ގާތްގަނޑަކަށް 4 އިންސައްތަ ދަށަށް ގޮސްފަ އެވެ. މައިކްރޯސޮފްޓުން މި ފިޔަވަޅު އަޅާފައިވަނީ އާޓިފިޝަލް އިންޓެލިޖެންސް އަށް ކުރާ އިންވެސްޓްމަންޓްތައް އިތުރުކޮށް، ކުންފުނީގެ ހަރަދުތައް ކުޑަކުރުމުގެ މަގުސަދުގަ އެވެ. އެގޮތުން މިދިޔަ ޑިސެމްބަރު މަހު ނިމުނު ކުއާޓަރުގައި އެކަނިވެސް ޑޭޓާ ސެންޓަރުތަކާއި އޭ.އައި އިންފްރާސްޓްރަކްޗާ ބިނާކުރުމަށް އެ ކުންފުނިން 37.5 ބިލިއަން ޑޮލަރު ހޭދަކޮށްފައިވެ އެވެ.
ޓެކްނޮލޮޖީ ދާއިރާގެ އެހެން ބޮޑެތި ކުންފުނިތަކުންވެސް ދަނީ އޭ.އައި އަށް ބަދަލުވަމުން، މުވައްޒަފުންގެ އަދަދު މަދުކުރަމުންނެވެ. އެގޮތުން މެޓާ އިން 8,000 މުވައްޒަފުން ވަކިކުރަން ނިންމާފައިވާއިރު، އެމެޒޯނުން ވަނީ 30,000 ވަޒީފާ އުނިކޮށްފައެވެ. އަދި ފިންޓެކް ކުންފުނި 'ބްލޮކް' އިން ވަނީ އޭ.އައިގެ އެހީގައި މަދު މުވައްޒަފުންތަކަކާއެކު ރަނގަޅު ނަތީޖާ ނެރެވޭނެ ކަމަށް ބުނެ، މުވައްޒަފުންގެ 40 އިންސައްތަ މަދުކޮށްފަ އެވެ.
މައިކްރޯސޮފްޓްގެ ސީ.އީ.އޯ ސަތްޔާ ނަޑެއްލާ މުވައްޒަފުންނަށް ފޮނުއްވި މެމޯއެއްގައި ވިދާޅުވެފައިވަނީ، މިހާރު ކުންފުނީގެ އެންމެ ބޮޑު އިސްކަމެއް ދެނީ ސަލާމަތީ ކަންކަމަށާއި، ފެންވަރު ރަނގަޅު ކުރުމަށާއި، އޭ.އައި ޓްރާންސްފޯމޭޝަނަށް ކަމަށެވެ. އަދި މިފަދަ ބޮޑެތި ބަދަލުތަކަކީ އުނދަގޫ ކަންތައްތަކެއް ނަމަވެސް، މިއީ ކުންފުނީގެ ކުރިމަގަށް ކޮންމެހެން މުހިންމު ބަދަލުތަކެއްކަން އޭނާ ފާހަގަކުރެއްވި އެވެ.










