ފުލުހުން ރެޔާއި ދުވާލު ދެއްވާ ޒިންމާދާރު ޚިދުމަތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝުކުރު އަދާކުރައްވައިފިއެވެ.
ފުލުހުންގެ ޚިދުމަތުގެ ދުވަސް މިއަދު ފާހަގަކުރަމުން އަންނައިރު، ރައީސް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހި ޤައުމާއި ރައްޔިތުންނަށްޓަކައި، ރެޔާއި ދުވާލު ދިވެހި ފުލުހުން ދެއްވާ ޒިންމާދާރު ޚިދުމަތަށް ފަޚުރުވެރިވެ، ޝުކުރުއަދާކުރައްވާ ކަމަށެވެ.
އެމަނިކުފާނު ކުރެއްވި ޕޯސްޓުގައި ވަނީ ދިވެހި ފުލުހުންގެ ޤައުމީ ޚިދުމަތުގެ އަގު ޝުކުރުވެރިކަމާއެކު ވަޒަންކޮށް، ފުލުހުންނާއި ފުލުހުންގެ ޢާއިލާތަކަށް މުބާރަކްބާދު އަރިސްކުރާކަމަށް ވިދާޅުވެފައެވެ.
ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ ތަހުނިޔާ ހޯމްލޭންޑް ސެކިއުރިޓީ އަދި ޓެކްނޮލޮޖީ މިނިސްޓަރ އަލީ އިހުސާންވެސް ވަނީ އަރިސްކުރައްވާފައެވެ. އެގޮތުން އިހުސާން ކުރެއްވި ޕޯސްޓުގައި ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ ތަހުނިޔާ ދިވެހި ހުރިހާ ފުލުހުންނާއި ފުލުހުންގެ ޢާއިލާތަކަށް ވަނީ އަރިސްކުރައްވާފައެވެ. އަދި ރައްޔިތުން އެދޭފަދަ އަމާން މާޙައުލެއް ޤާއިމްކުރަން ފުލުހުން ކުރައްވާ ބުރަ މަސައްކަތް ފާހަގަކޮށް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
1933 ވަނަ އަހަރުގެ މާރިޗު މަހުގެ 29 ވަނަ ދުވަހުން ފެށިގެން ނޭޝަނަލް ސެކިއުރިޓީ ސާވިސްގެ ފިޔަވަތީގައި ފޯރުކޮށްދެމުންދިޔަ ފުލުހުންގެ ޚިދުމަތް 2004 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 1 ވަނަ ދުވަހު މަދަނީ ވަކި މުއައްސަސާއެއްގެ ގޮތުގައި ޤާއިމުވެގެންދިޔައެވެ. އޭގެ ފަހުން ފާއިތުވި 20 އަހަރުގެ ތެރޭގައި ދިވެހި ފުލުހުންގެ ޚިދުމަތަށް އެކި ބަދަލުތައް ގެނެސް ޒަމާނާ އެއްގޮތަށް ދަނީ ޚިދުމަތް ފޯރުކޮށްދެމެންނެވެ.









