ޔަމަނުގެ ހުޅަނގު ދެކުނުގައި އޮންނަ މުހިންމު ސަރަޙައްދެއް ކަމަށްވާ ތާއިޒްގެ ކައިރީގައި ހޫޘީ ހަނގުރާމަވެރިން ދޭން އުޅުނު ވަރުގަދަ ހަމަލާއެއް އެ ޤައުމުގެ ސަރުކާރުގެ އަސްކަރީ ފައުޖުތަކުން ނާކާމިޔާބު ކޮށްލައިފިއެވެ.
ޔަމަނުގެ ސަރުކާރުގެ އަސްކަރިއްޔާއާ ހަވާލާދީ މަސްދަރުތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހޫޘީ ހަނގުރާމަވެރިން މި ހަމަލާ ދޭން މަސައްކަތްކޮށްފައި ވަނީ ތާއިޒް ސިޓީގެ ވަށައިގެންވާ ސަރަޙައްދުތަކުގެ ކޮންޓްރޯލް ހޯދުމުގެ ބޭނުމުގައެވެ. ނަމަވެސް، ޔަމަނު ސަރުކާރުގެ ސިފައިން ވަނީ ވަގުތުން ރައްދު ހަމަލާދީ، ހޫޘީންގެ އެ ކުރިއެރުންތައް ހުއްޓުވާފައެވެ.
މި ކުރިމަތިލުންތަކުގައި ދެފަރާތުގެ ދެމެދުގައި ބަދަލުކުރެވުނު ވަރުގަދަ ހަމަލާތަކުގައި ހޫޘީ ހަނގުރާމަވެރިންނަށް ބޮޑެތި ގެއްލުންތަކެއް ލިބި، އެމީހުން ފަހަތަށް ޖެހެން މަޖޫބޫރުވި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޔަމަނުގައި ދާޚިލީ ހަނގުރާމަ ފެށުނީއްސުރެ ތާއިޒަކީ ދެފަރާތުގެ ދެމެދުގައި ވަރުގަދަ ކުރިމަތިލުންތަކެއް ހިނގަމުންދާ އަދި ހޫޘީންގެ ބާރުގެ ދަށުގައި އޮތް މުހިންމު ސަރަޙައްދެކެވެ. ޔަމަނު ސަރުކާރުގެ ފައުޖުތަކުން ދަނީ އެ ސަރަޙައްދު އެއްކޮށް މިނިވަންކޮށް، ހޫޘީންގެ ނުފޫޒުން ސަލާމަތް ކުރުމަށް މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންނެވެ.



