އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ގެ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް ހުސައިން މުހައްމަދީ އެމެރިކާއަށް ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ. އޭނާ ވިދާޅުވީ އީރާނުގެ އުމްރާނީ ވަސީލަތްތަކަށް އެމެރިކާއިން ކުރިމަތިކުރާ ކޮންމެ ނުރައްކަލަކަށް، އެމެރިކާގެ ހަކަތައިގެ މަރުކަޒުތަކާއި މުހިންމު މަސްލަހަތުތަކަށް އަމާޒުކޮށް ހަމަލާތަކުން ރައްދުދޭނެ ކަމަށެވެ. އަދި ހަނގުރާމައިގެ ސަބަބުން މިހާރު ވަނީ އެމެރިކާގެ އުމްރާނީ ވަސީލަތްތަކަށް ނުރައްކާ ބަދަލުކޮށްލުމުގައި އީރާނުން ކާމިޔާބީ ހޯދާފައި ކަމަށް ވެސް ވިދާޅުވިއެވެ.
ޖެނެރަލް މުހައްމަދީ ފާހަގަކުރެއްވި ގޮތުގައި، އެމެރިކާއިން ހާސިލްކުރަން ބޭނުންވި މުހިންމު ބައެއް ލަނޑުދަނޑިތައް ވަނީ ނާކާމިޔާބުވެފައެވެ. އޭގެ ތެރޭގައި ރަމްޒީ ގޮތުން ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވުމަށް އެމެރިކާއިން ކުރި މަސައްކަތް ނާކާމިޔާބުވުން ހިމެނެއެވެ. މީގެ އިތުރުން، އީރާނުގެ ހަތިޔާރުގެ ރަސްމީ ރިޒާވް ހުސްވަމުންދާ ކަމަށް އެމެރިކާއިން ބުނާ ބުނުން ދޮގުކުރައްވައި، އީރާނުން ދަނީ "ސްމާޓް އަދި ގައިޑެޑް" މިސައިލްތައް މެދުކެނޑުމެއްނެތި އުފައްދަމުން ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
މި ނުތަނަވަސްކަމުގެ ތެރެއިން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނާއެކު ސިއްރު ދޮރުތަކަކުން މަޝްވަރާތައް ކުރިއަށްދާ ކަމަށް ވިދާޅުވި ވިދާޅުވުންވެސް އައިއާރުޖީސީގެ ތަރުޖަމާނު ވަނީ ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވީ އެމެރިކާއާއެކު އެއްވެސް ރަސްމީ މަޝްވަރާއެއް ހިނގަމުން ނުދާ ކަމަށާއި، މިހާރު ހަމައެކަނި ކުރިއަށްދާ ޑިޕްލޮމެޓިކް މަޝްވަރާއަކީ އޮމާން މެދުވެރިކޮށް ހުރްމުޒް ކަނޑުއޮޅީގެ ކަންކަމާއި ގުޅޭގޮތުން ކުރެވޭ މަޝްވަރާތައް އެކަނި ކަމަށެވެ.








