ކުވައިތުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި އިގްތިސާދީ މުހިންމު ވަސީލަތްތަކަށް އަމާޒުކޮށް މިސައިލާއި ޑްރޯންގެ ވަރުގަދަ ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކުގައި ކުވައިތުގައި އެމެރިކާ ސިފައިން ބޭނުންކުރާ މަޝްހޫރު "އަލީ އަލް ސާލިމް އެއާ ބޭސް" ގެ އިތުރުން، ބޯޑަރު ސަރަހައްދުގައި ހުރި އެމެރިކާގެ ތިން އަސްކަރީ މަރުކަޒަކަށާއި އޮފްޝޯ ތެޔޮ ޕްލެޓްފޯމަކަށް ހަމަލާ އަމާޒުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އީރާނުގެ އަސްކަރިއްޔާއިން ބުނީ، ކުވެއިތުގައި އެމެރިކާއިން ބޭނުންކުރާ ޕެޓްރިއަޓް މިސައިލް ޑިފެންސް ސިސްޓަމްތަކަށާއި އެ ގައުމުގައި ހުރި ތެޔޮ ރައްކާކުރާ ބޮޑެތި ގުދަންތަކަށް ކާމިޔާބުކަމާއެކު ހަމަލާ ދީފައިވާ ކަމަށެވެ. މިއީ އެމެރިކާއިން އީރާނަށް ދެމުންދާ ވައިގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުންނާއި، އެމެރިކާގެ ދިފާއީ ބާރުތައް ބަލިކަށިކޮށްލުމަށް ދިން ހަމަލާތަކެއް ކަމަށް އީރާނުން ހާމަކުރެއެވެ.
ނަމަވެސް ކުވައިތުގެ އަސްކަރިއްޔާއިން ބުނެފައިވަނީ އީރާނުން ފޮނުވާލި ހަމަލާތަކުގެ ބޮޑު ބައެއް އެ ގައުމުގެ ވައިގެ ދިފާއީ ނިޒާމުން ނާކާމިޔާބުކޮށްލާފައިވާ ކަމަށެވެ. އެގޮތުން އީރާނުގެ 4 ކުރޫޒް މިސައިލަކާއި 21 ޑްރޯން ވައިގެ ތެރޭގައި ވައްޓާލާފައިވާ ކަމަށާއި، މި ހަމަލާތަކުގެ ސަބަބުން އެ ގައުމުން އަނިޔާވެފައިވަނީ އެންމެ މީހަކަށް ކަމަށް ކުވައިތުގެ ރަސްމީ އިދާރާތަކުން ބުނެފައި ވެއެވެ.








