އީރާނާއި އެމެރިކާއާ ދެމެދު މެދުއިރުމަތީގައި ކުރިއަށްދާ ވަރުގަދަ އަސްކަރީ ކަނޑުގެ ހަނގުރާމައިގެ ތެރެއިން، އީރާނުގެ އަސްކަރިއްޔާއިން ފޮނުވާލި ޒަމާނީ ހަތިޔާރުތަކުން އެމެރިކާގެ އަސްކަރީ މަނަވަރުތަކަށް ބޮޑެތި ގެއްލުންތަކެއް ދިން ކަމަށް އެމެރިކާ އިން އެއްބަސް ވެއްޖެއެވެ.
އީރާނުގެ ރަސްމީ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، ގަލްފު ސަރަހައްދާއި ރަތްކަނޑުގައި ހަރަކާތްތެރިވާ އެމެރިކާގެ ފިފްތު ފްލީޓްގެ މަނަވަރުތަކަށް އަމާޒުކޮށް އީރާނުން ދަނީ މެދުނުކެނޑި ހައިޕަސޮނިކް މިސައިލާއި ކަމިކާޒޭ ޑްރޯންތަކުން ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.
މި ހަމަލާތަކުގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރުތަކަށް ބޭނުންވާ ތެލާއި ސާމާނު ފޯރުކޮށްދޭ އެންމެ މުހިންމު ސަޕްލައި މަނަވަރު ކަމަށްވާ “ބިގް ހޯން” އަށް ކަމަށް އެމެރިކާގެ އަސްކަރިއްޔާގެ ޑޭޓާތަކުން ވަނީ ހާމަވެފައެވެ.
މެދުއިރުމަތީގެ އޮޕަރޭޝަންތަކުގައި އުޅެނިކޮށް މި އުޅަނދުގެ ބޮޑު ބައެއް ފަޅައިގެން ގޮސް، އިންޖީނުގެއަށް ފެންވަދެ، ހުންގާނަށް ލިބުނު ބޮޑެތި ގެއްލުންތަކާއި ގުޅިގެން 20 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާގެ ގެއްލުން ލިބިފައިވެއެވެ މި ބޮޑު ގެއްލުމުގެ ސަބަބުން އެމެރިކާގެ އަސްކަރިއްޔާއަށް މި މަނަވަރު ރަސްމީކޮށް ސާވިސްއިން ވަކިކޮށް ރިޒާވް ފްލީޓަށް ބަދަލުކުރަން މަޖުބޫރު ވިއެވެ.
މީގެ އިތުރުން، އީރާނާއި އެގައުމަށް ވާގިވެރިވާ ހޫޘީ ޖަމާއަތުން ރަތްކަނޑުގައި ދިން ހަމަލާތަކުގައި އެމެރިކާގެ ގައިޑެޑް-މިސައިލް ޑިސްޓްރޯޔާ މަނަވަރުތަކަށް ވެސް ވަނީ ގެއްލުން ލިބިފައި ކަމަށް އެމެރިކާ އިން ބުނެއެވެ.
މީގެ އިތުރުން އެމެރިކާގެ އެހެން ދެމަނަވަރަކާއި ދިމާލަށް ފޮނުވާލި ބެލިސްޓިކް މިސައިލްތަކުގެ ސަބަބުން ވެސް މަނަވަރުތަކަށް އެކި ވަރުގެ ގެއްލުންތައް ލިބި، މި ހަމަލާތައް ދިފާއުކުރުމަށް އެމެރިކާގެ ދިފާއީ ނިޒާމުތަކަށް ބާރުބޮޑުވެ، ހަމައެކަނި މިސައިލްތައް އާކުރުމަށް އެމެރިކާއިން 2 ބިލިއަނަށްވުރެ ގިނަ ޑޮލަރު ހޭދަކުރަން ޖެހުނު ކަމަށް ވެސް އެމެރިކާގެ މަސްދަރުތަކުން ބުނެއެވެ.







