އީރާނުގެ ދެކުނުގައި އޮންނަ ބަންދަރު އައްބާސް ސިޓީގެ ވައިގެ ސަރަހައްދަށް ވަން އެމެރިކާގެ އަސްކަރީ ޖާސޫސީ ޑްރޯނެއް ހަމަލާދީ ވައްޓާލާފައިވާ ކަމަށް އީރާނުގެ އަސްކަރިއްޔާއިން މިރޭ އިއުލާންކޮށްފިއެވެ. އީރާނުގެ ރަސްމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެގައުމުގެ ވައިގެ ދިފާއީ ނިޒާމުން ހަމަލާދީ ވައްޓާލާފައިވަނީ އެމެރިކާގެ "ލޫކަސް" މަރުކާގެ ހަތިޔާރު އެޅި ޑްރޯނެކެވެ.
މި ހަމަލާ ދީފައިވަނީ އެމެރިކާގެ ސެންޓްރަލް ކޮމާންޑް އިން އީރާނުގެ ދެކުނުއްސޭރީގެ އަސްކަރީ މަރުކަޒުތަކާއި ރާޑަރު ސިސްޓަމްތަކަށް ރޭގަނޑުގެ ވަގުތެއްގައި ވަރުގަދަ ވައިގެ ހަމަލާތަކެއް ދެމުންދިޔަ ދަނޑިވަޅެއްގައެވެ. އީރާނުގެ އަސްކަރިއްޔާއިން ބުނި ގޮތުގައި އެ އުޅަނދު ވައްޓާލާފައިވަނީ ބަންދަރު އައްބާސްގެ ހާޖީއާބާދު ސަރަހައްދަށެވެ.






