ސަރަޙައްދީ މަސްލަޙަތާ ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރެއްވުމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ މާދަމާ އޮމާނަށް ދަތުރުފުޅެއް ފަށްޓަވަން ނިންމަވައިފިއެވެ.
އީރާނުގެ ރަސްމީ ނޫސް އޭޖެންސީ "އިރްނާ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ދަތުރުފުޅުގެ މައިގަނޑު ބޭނުމަކީ މެދުއިރުމަތީގައި މިވަގުތު ހިނގަމުންދާ ސަރަޙައްދީ ކަންތައްތަކާ ބެހޭގޮތުންނާއި، ވަކިން ޚާއްޞަކޮށް ހޯރްމޫޒް ކަނޑުއޮޅީގެ މަޝްރަޙާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމެވެ.
މި ދަތުރުފުޅާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ދެމުން އިރްނާ އިން ބުނެފައިވަނީ، ސަރަޙައްދީ މަސްލަޙަތު ހިމާޔަތްކުރުމަށާއި، މިހާރު އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރުމަށް އީރާނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އުމާނުގެ އިސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށެވެ. ހޯރްމޫޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ބާޒާރަށް ސަޕްލައިކުރާ ތެލުގެ ބޮޑު ބައެއް ދަތުރުކުރާ މަގަކަށް ވުމުން، އެ ސަރަޙައްދުގެ ހަމަޖެހުމަކީ މުޅި ދުނިޔޭގެ އިޤްތިޞާދާ ގުޅިފައިވާ ކަމެކެވެ.
އީރާނުގެ ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅަކީ މެދުއިރުމަތީގައި އިސްރާއީލުން ދެމުންދާ ހަމަލާތަކާއި ގުޅިގެން މަސްލަޙަތު ގޯސްވެފައިވާ ދަނޑިވަޅެއްގައި ކުރައްވާ މުހިންމު ދަތުރުފުޅެކެވެ. އުމާނަކީ އާންމުގޮތެއްގައި އީރާނާއި ބައިނަލްއަޤްވާމީ މުޖުތަމަޢާ ދެމެދު މެދުވެރިއެއްގެ ދައުރު އަދާކުރާ ޤައުމެކެވެ.









