މުޅި ރާއްޖޭގައި ފުލުހުންގެ މަރުކަޒުތައް ގާއިމްކުރުމުގެ އިތުރަށް، މާލޭގައި ހުންނަ ފުލުހުންގެ މައި މަރުކަޒު، ޝަހީދު ހުސައިން އާދަމް ބިލްޑިންގ ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީކުރަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހި ފުލުހުންގެ ހިދުމަތުގެ 93 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށްޓަކައި ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޖަލްސާގައި ރައީސް ވިދާޅުވީ ފުލުހުންގެ ހެޑްކުއާޓާގެ ގޮތުގައި މިހާރު ބޭނުންކުރާ ޝަހީދު ހުސައިން އާދަމް ބިލްޑިންގަކީ ވަރަށް ކުޑަ ތަންކޮޅެއް ކަމަށާއި، އެހެންކަމުން ޒަމާނަށް ފެތޭ، ޖާގައާއި ވަސީލަތުގެ ގޮތުން ތަނަވަސް އެންމެ ރަނގަޅު ފެންވަރުގެ ހެޑްކުއާޓަރެއް މާލޭގައި ބިނާކުރުމަށް ކޮށްދޭންޖެހޭ ހުރިހާ މަސައްކަތެއް ސަރުކާރުން ކޮށްދޭނެ ކަމަށެވެ.
ފުލުހުންގެ ޚިދުމަތަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް ސަރުކާރުން ދެއްވާ އިސްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ އެންމެ އާބާދީ ބޮޑު މާލެ ސަރަހައްދުގައި އަދިވެސް އެކަށީގެންވާ ވަރަށް ފުލުހުންގެ މަރުކަޒުތައް ނެތް ކަމަށެވެ. މިކަން ހައްލުކުރުމަށްޓަކައި އިސްކަންދަރު ކޮށީގެ ދެވަނަ އިމާރާތް އެޅުމުގެ މަސައްކަތާއި، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޖާގަ ތަނަވަސް ޒަމާނީ މަރުކަޒެއް އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ކަނޑައަޅާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ރަށްރަށުގައި މިހާރު ފެށިފައިވާ ފުލުހުންގެ މަރުކަޒުތަކުގެ މަސައްކަތްތައް އަންނަ އަހަރުގެ ނިޔަލަށް ނިންމުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި ދ. ވާނީގައި ހުންނަ ތަމްރީނު މަރުކަޒަކީ ދާއިމީ ގޮތެއްގައި ވަސީލަތްތައް ގާއިމުވެފައިވާ ވަރުގަދަ މަރުކަޒަކަށް ހަދައިދެއްވާނެ ކަމަށާއި، އައްޑޫގައި ހުންނަ ފުލުހުންގެ މަރުކަޒުވެސް ރަނގަޅަށް ބެލެހެއްޓޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުންނާ އެންމެ ގާތުން ހިދުމަތްދޭ މުއައްސަސާއަށް ވާއިރު، ސިޔާސީ ނުފޫޒުން އެ މުއައްސަސާ އެއްކިބާކޮށް، ގާނޫނީ ގޮތުންނާއި އުމްރާނީ ގޮތުން ކުރިއެރުވުމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނެއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ދައުލަތުގެ އިސްވެރިންނާއި ފުލުހުންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.









