އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން މިއަދުވެސް ޣައްޒާ އާއި ލުބުނާނުގެ އެކި ސަރަހައްދުތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއްދީ، ބޮޑެތި ލޭއޮހޮރުވުންތަކެއް ހިންގައިފިއެވެ. ސުލްހައިގެ ވާހަކަތަކެއް ދެކެވެމުންދާ ދަނޑިވަޅެއްގައިވެސް އިސްރާއީލުން ދެމުންދާ ހަމަލާތަކަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ.
ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން މިއަދު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް އިސްރާއީލުގެ ހަމަލާތަކުގައި 2 މީހުން ޝަހީދުވެފައި ވެއެވެ. އޭގެ ތެރޭގައި ކުޑަކުއްޖަކު ހިމެނޭއިރު އިތުރު 14 މީހުން ވަނީ ޒަޚަމްވެފައެވެ.
މިއާއި އެކު، 2023 އޮކްޓޯބަރު 7 ން ފެށިގެން ޣައްޒާގައި ޝަހީދުވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 73,041 އަށް އަރާފައެވެ. އަދި ޒަޚަމްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 173,402 އަށް އުފުލިފައެވެ.
ހަމައެއާއެކު، ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކަށް އަމާޒުކޮށް އިސްރާއީލުން ދިން ޑްރޯން ހަމަލާއެއްގައި މިއަދު މަދުވެގެން 2 މީހުން ވަނީ ޝަހީދުވެފައެވެ. ލުބުނާނުގެ ރަސްމީ ހިސާބުތައް ދައްކާގޮތުން، މި ހަމަނުޖެހުންތަކުގައި މިހާތަނަށް ލުބުނާނުން 4,100 އަށްވުރެ ގިނަ މީހުން ޝަހީދުވެ، 12,000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.









