ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތައް ހުއްޓުވުމަށް އެމެރިކާ އާއި ދިވެހިރައްޖެއާއި ދެމެދު ފަހުމުނާމާއެއްގައި ސޮއި ކޮށްފިއެވެ. މި ފަހުމުނާމާގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުއެވެ. އަދި އެމެރިކާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ އިންވެސްޓިގޭޝަންސް ގެ ރީޖަނަލް އެޓޭޗޭ އާލް މަޓިއަރއެވެ.
މި އެއްބަސްވުމަކީ ބޯޑަރުތަކުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށާއި، ގައުމީ ސަލާމަތަށް ހުރި ނުރައްކާތަކުން ސަލާމަތްވުމަށް އެޅުނު މުހިއްމު ފިޔަވަޅެކެވެ. މީގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ، މަސްތުވާތަކެތީގެ ވިޔަފާރިއާއި، އިންސާނުން ޓްރެފިކްކުރުމާއި، ސައިބަރ ކްރައިމް އަދި ބައިނަލްއަޤްވާމީ މަކަރާއި ހީލަތުގެ (ސްކޭމް) ފަދަ ޖިނާއީ ކުށްތަކާއި ދެކޮޅަށް ފިޔަވަޅު އެޅުން ފަދަ ކަންކަމެވެ. މީގެ އިތުރުން .ކުށްކުރާ ގްރޫޕްތަކުގެ ހަރަކާތްތަކާ ބެހޭ އިންޓެލިޖެންސް މައުލޫމާތު ދެފަރާތުގެ ދެމެދުގައި ބަދަލުކުރެވޭނެ ނިޒާމެއް ގާއިމުކުރުމާއި ތަހުގީގީ ގާބިލުކަން އިތުރުކުރުން ވެސް ހިމެނެއެވެ.
މި ފަހުމުނާމާގެ ދަށުން އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ އިންވެސްޓިގޭޝަންސް އިން ދިވެހި ފުލުހުންގެ ފަންނީ ގާބިލުކަން މަތިކުރުމަށް ގިނަ އެހީތަކެއް ފޯރުކޮށްދޭނެއެވެ. މީގެ ތެރޭގައި ފުލުހުންނަށް ޚާއްސަ ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި، ބޯޑަރު ސަރަހައްދުތަކުގައި ބޭނުންކުރާނެ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ތައާރަފްކުރުން ހިމެނެއެވެ. މިއީ ރާއްޖެއަށް އެތެރެވާ އަދި ބޭރުވާ މީހުންނާއި މުދާ މޮނިޓަރކުރުމުގައި ފުލުހުންގެ ދައުރު މިހާރަށްވުރެ ހަރުދަނާވެގެންދާނެ ކަމެކެވެ.








