ރާއްޖޭގެ އިސްލާމީ ތަޢުލީމާއި ތަރުބިޔަތަށް ބައި ޤަރުނަށްވުރެ ދިގު މުއްދަތެއްގައި އަގުނުކުރެވޭ ފަދަ ޚިދުމަތްތަކެއް ކުރެއްވި، ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދު (ތޮއިބާ ޝައިޚް) އުމުރުފުޅުން 85 އަހަރުގައި ރޭ އަވަހާރަވެއްޖެއެވެ.
އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއްވުމަށްފަހު، ޝައިޚް އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ. އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ޞައީދު ވިދާޅުވި ގޮތުގައި، ޝައިޚްގެ ޖަނާޒާ އޮންނާނީ މިއަދުގެ މެންދުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ.
ތަޢުލީމީ ޙަޔާތާއި ފުރަތަމަ ޝަރަފު
ދ. މީދޫއަށް އުފަން ޝައިޚް އިސްމާޢީލް މުޙައްމަދު ޢިލްމީ ދަތުރު ފެއްޓެވީ ފ. މަގޫދޫއިންނެވެ. އޭގެފަހުން މާލޭގެ މަޖީއްދިއްޔާ ސްކޫލުން ތަޢުލީމު ޙާސިލުކުރައްވައި، ސަރުކާރުގެ ބައެއް އިދާރާތަކާއި މަޖީދިއްޔާ އަދި އަމީނިއްޔާ ސްކޫލުގެ މުދައްރިސެއްގެ ގޮތުގައި ޚިދުމަތް ކުރެއްވިއެވެ.
މަތީ ތަޢުލީމަށް ހުރި ޝައުޤެއްގެ ބޮޑުކަމުން އަމިއްލައަށް ފައިސާ އެއްކުރައްވައިގެން އެންމެ ފުރަތަމަ ވަޑައިގަތީ އިންޑިއާގެ ޖާމިޔާ ދާރުއްސަލާމަށެވެ. އެއަށްފަހު، މަދީނާ އިސްލާމިކް ޔުނިވަރސިޓީގައި ތަޢުލީމު ޙާސިލުކުރެއްވި ފުރަތަމަ ދިވެހި ދަރިވަރުގެ ޝަރަފު އެމަނިކުފާނު ހޯއްދެވިއެވެ.
ޢިލްމު ފެތުރުއްވުމާއި "މަދްރަސާ ޠައިބާ":
މަދީނާއިން އެނބުރި ވަޑައިގަތުމަށްފަހު، މަޝްހޫރު ވިޔަފާރިވެރިޔާ ދިއްދޫ އިބްރާހީމް ކަލޭފާނުގެ އެހީތެރިކަމާއެކު "މަދްރަސާ ޠައިބާ" އުފެއްދެވިއެވެ. މިއަދު މާފަންނު ޠައިބާ މިސްކިތް ހުރި ބިމުގައި ހިންގި އެ މަދަރުސާއަކީ މިއަދުގެ ގިނަ ޢަދަދެއްގެ ދީނީ ޢިލްމުވެރިންގެ ފުރަތަމަ ޢިލްމީ ހިޔާވަހިކަމެވެ. މީގެ އިތުރުން، ޕާކިސްތާނުގެ އެކި ޔުނިވަރސިޓީތަކުން 100 އަށްވުރެ ގިނަ ދިވެހި ދަރިވަރުންނަށް ކިޔެވުމުގެ ފުރުސަތު ހޯއްދަވައިދެއްވިއެވެ. އޭގެ ތެރޭގައި މަރްޙޫމް ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީއާއި، ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ފަދަ އިސް ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.
ލިޔުންތެރިކަމާއި ޤައުމީ އަގުވަޒަންކުރުން:
ޝައިޚް ވަނީ ދީނީ ދާއިރާއިން 40 އަށްވުރެ ގިނަ ފޮތް ޝާއިޢުކުރައްވާފައެވެ. އަވަހާރަވިއިރު ގެންދެވީ "އައް ތަފްސީރު މުޔައްސަރު" ގެ ދިވެހި ތަރުޖަމާ ލިޔުއްވަމުންނެވެ. އެމަނިކުފާނުގެ ޚިދުމަތްތަކުގެ އަގުވަޒަންކޮށް، ދީނީ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ވަނީ ލިބިވަޑައިގެންފައެވެ. އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން އެރުވި ފުރަތަމަ އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފުވެސް ލިބިވަޑައިގަތީ އެމަނިކުފާނަށެވެ.
ސަދަޤާތުލް ޖާރިޔާ:
ހުޅުމާލޭގައި ބިނާކުރާ މިސްކިތްޝައިޚް އަވަހާރަވިއިރު، އެމަނިކުފާނުގެ އަމިއްލަ ޚަރަދުގައި ހުޅުމާލޭގައި "މަސްޖިދު އުންމުލްމުއުމިނީން ޢާއިޝާ" ގެ ނަމުގައި ރިސަރޗް ލައިބްރަރީއަކާއެކު 2000 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރައްވަމުން ގެންދެވިއެވެ. މި މިސްކިތުގެ ބިންގާ މިދިޔަ އަހަރު އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
ޝައިޚް އިސްމާޢީލް މުޙައްމަދު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ތަޢުޒިޔާ ވިދާޅުވެފައެވެ. ރައީސްގެ މެސެޖުގައި ޝައިޚަކީ ރާއްޖޭގައި ދީނީ ޢިލްމު ފެތުރުއްވުމުގެ އުސްތާޒެއްކަން ފާހަގަކުރެއްވިއެވެ. ޝައިޚަކީ ރައީސްގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ މައިފުށުގެ ބޮޑުދައިތާފުޅުގެ ފިރިކަލުންވެސް މެއެވެ.



