އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތައް ހުއްޓާނުލައި ކުރިއަށް ގެންދާތީ، އެމެރިކާއާއި އިސްރާއީލުން ހަނގުމާ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށް އީރާނުން ތުހުމަތުކޮށްފިއެވެ. އަދި މިކަމުގެ ރައްދުގައި ދުނިޔޭގެ ތެލުގެ ވިޔަފާރީގައި މުހިންމު ދައުރެއް އަދާކުރާ ހޯރްމުޒް ކަނޑުއޮޅި ބަންދުކުރާނެ ކަމުގެ އިންޒާރު އީރާނުން ވަނީ ދީފައެވެ.
އިސްރާއީލާއި ހިޒްބުالله އާ ދެމެދު މިދިޔަ ހުކުރު ދުވަހު އިއުލާނުކުރި ހަނގުމާ ހުއްޓާލުމުގެ އެއްބަސްވުމަށް ފަހުވެސް، އިސްރާއީލުން ދެކުނު ލުބުނާނަށް ދިން ހަމަލާތަކުގައި މިހާތަނަށް 32 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އީރާނުން ބުނާ ގޮތުގައި މިއީ އެއްބަސްވުމާ ކަނޑައެޅިގެން ޚިލާފުވުމެވެ.
މި ހަނގުމާ ހުއްޓާލުމުގެ އެއްބަސްވުމަކީ 14 ނުކުތެއްގެ މައްޗަށް އެކުލެވިގެންވާ އެއްބަސްވުމެކެވެ. މީގެ މައިގަނޑު މަގްސަދަކީ ލުބުނާނުގެ ދެކުނުން ހިޒްބުاللهގެ ހަނގުރާމަވެރިން ފަހަތަށް ޖެހުމާއި، އިސްރާއީލުގެ ސިފައިން އެ ސަރަހައްދުން ފޭބުމެވެ. ނަމަވެސް، މި އެއްބަސްވުން އިއުލާނު ކުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެއްބަސްވުން ރޫޅެމުންދާ ކަމުގެ ނިޝާންތައް ދަނީ ފެންނަމުންނެވެ.
އީރާނުގެ މި އިންޒާރާ ގުޅިގެން އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނެފައިވަނީ، ހޯރްމުޒް ކަނޑުއޮޅިން ދަތުރުފަތުރު ކުރުން އަދިވެސް އޮތީ ރައްކާތެރިކަމާއެކު ކަމަށެވެ. އަދި މިހާތަނަށް 55 އުޅަނދެއް އެ ސަރަހައްދުން ހުރަސްކޮށްފައިވާ ކަމަށްވެސް އެމެރިކާއިން ބުނެއެވެ.
މި މަސްރަހު އިތުރަށް ގޯސްވަމުންދާއިރު، މެދުއިރުމަތީގެ ހަމަޖެހުމަށް އޮތް ނުރައްކާ ދަނީ ބޮޑުވަމުންނެވެ. އީރާނުން ހޯރްމުޒް ކަނޑުއޮޅި ބަންދުކޮށްފިނަމަ، ދުނިޔޭގެ އިގްތިސާދަށް ބޮޑެތި ލޮޅުންތަކެއް އަރާނެ ކަމަށް މާހިރުން ލަފާކުރެއެވެ.









