އީރާނާއި ބައިނަލްއަގުވާމީ މުޖުތަމައުއާ ދެމެދު ގާއިމުކުރުމަށް މަސައްކަތްކުރަމުންދާ ސުލްހައިގެ އެއްބަސްވުމަށް އިސްރާއީލުން ހުރަސްއަޅައި، އެ މަސައްކަތް ނާކާމިޔާބު ކޮށްލުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާތަކުން އިންޒާރު ދީފިއެވެ.
މިކަމާ ގުޅޭގޮތުން އެމެރިކާގެ އިންޓެލިޖެންސް ރިޕޯޓްތަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިސްރާއީލުން ދަނީ އީރާނާއެކު ވެވޭ ސުލްހައިގެ އެއްބަސްވުމަކީ ސަރަހައްދީ ހަމަޖެހުމަށް އޮތް ނުރައްކަލެއްގެ ގޮތުގައި ސިފަކުރަމުންނެވެ.
އަދި މި އެއްބަސްވުން ހުއްޓުވުމަށްޓަކައި ސިއްރު އޮޕަރޭޝަންތަކެއް ހިންގުމާއި، ސިޔާސީ ގޮތުން ނުފޫޒު ފޯރުވުމަށް އިސްރާއީލުން މަސައްކަތް ކުރަމުންދާ ކަމަށް މި ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
އެމެރިކާގެ ޖާސޫސީ އިދާރާތަކުން މިފަދަ އިންޒާރެއް ދީފައި މިވަނީ، އީރާނުގެ ނިއުކްލިއަރ މައްސަލައާއި ސަރަހައްދީ ސަލާމަތާ ގުޅޭގޮތުން ހުޅަނގުގެ ގައުމުތަކާއި އީރާނާ ދެމެދު މަޝްވަރާތައް ބާއްވަމުންދާ ދަނޑިވަޅެއްގައެވެ.
އިސްރާއީލުން އަބަދުވެސް ވަކާލާތު ކުރަމުންދަނީ އީރާނާއެކު އެއްވެސް ކަހަލަ ދޫދިނުމުގެ އެއްބަސްވުމެއް ގާއިމުނުކުރުމަށެވެ. މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، އިސްރާއީލުގެ މި އަމަލުތަކުގެ ސަބަބުން މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވެ، ސަރަހައްދީ ހަމަޖެހުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެދާނެއެވެ. އަދި މިއީ އެމެރިކާއިން އިސްނަގައިގެން ކުރިއަށްގެންދާ ޑިޕްލޮމެޓިކް މަސައްކަތްތަކަށް ލިބޭ ވަރަށް ބޮޑު ހުރަހެއް ކަމަށްވެސް އެމެރިކާގެ އިންޓެލިޖެންސް މާހިރުން ވަނީ ބުނެފައެވެ.
މި މައްސަލައިގައި އިސްރާއީލުން މިހާތަނަށް ރަސްމީކޮށް އެއްޗެއް ބުނެފައި ނުވި ނަމަވެސް، އެ ގައުމުން މީގެ ކުރިން ތަކުރާރުކޮށް ބުނަމުން ގޮސްފައިވަނީ އީރާނަށް ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގެ ފުރުސަތު ލިބޭނެ އެއްވެސް މަގަކަށް ޖާގަ ނުދޭނެ ކަމަށެވެ.









