ޖަޕާނާ ގުޅުންހުރި އަދި ގަލްފު ސަރަހައްދުގައި ތާށިވެފައި އޮތް ތެޔޮ އުފުލާ ބޯޓެއް، ހޯރްމުޒް ކަނޑުއޮޅި ރައްކާތެރިކަމާއެކު ހުރަސްކޮށް މިހާރު ޖަޕާނަށް ދަތުރުކުރަމުންދާ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ސަނައޭ ޓަކައިޗީ ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބޮޑުވަޒީރު ޓަކައިޗީ ވިދާޅުވީ، މި ބޯޓުގައި ޖަޕާނުގެ ތިން ފަޅުވެރިން ތިބި ކަމަށެވެ. ރޮއިޓާސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި މިއީ ޖަޕާނުގެ "ކިޔޯއީ ޓޭންކަރ" ކުންފުނީގެ މިލްކުވެރިކަމުގައި އޮތް، ލައިބީރިއާގެ ދިދަ ޖަހާފައިވާ ސާފުނުކުރާ ތެޔޮ އުފުލާ ބޯޓެކެވެ.
އޭނާ ވިދާޅުވީ، މި ބޯޓު ކަނޑުއޮޅި ހުރަސްކުރުމާއެކު، ޖަޕާނުގެ ފަޅުވެރިން ތިބި ޖަޕާނާ ގުޅުންހުރި ހުރިހާ އުޅަނދެއް މިހާރު ގަލްފު ސަރަހައްދުން ބޭރުވެފައިވާ ކަމަށެވެ. ނަމަވެސް، ޖަޕާނާ ގުޅުންހުރި އިތުރު 37 އުޅަނދެއް އަދިވެސް އެ ސަރަހައްދުގައި ދަތުރުކުރުމުގެ ހުއްދައަށް އިންތިޒާރު ކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
ހޯރްމުޒް ކަނޑުއޮޅީގައި އުޅަނދުފަހަރަށް މިނިވަންކަމާއެކު އަދި ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ މަގު ވީހާވެސް އަވަހަކަށް އަލުން ފަހިކޮށްދިނުމަށްޓަކައި، ޖަޕާނު ސަރުކާރުން ޑިޕްލޮމެޓިކް ގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް މެދުނުކެނޑި ކުރަމުންދާނެ ކަމަށްވެސް ބޮޑުވަޒީރު ވިދާޅުވިއެވެ.









