އީރާން އަލުން ބިނާކޮށް ތަރައްޤީ ކުރުމަށް 300 ބިލިއަން ޑޮލަރުގެ ޕެކޭޖެއް ލިބުމުގެ ފުރުސަތު އެބައޮތް ކަމަށް އެމެެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ބުނެފިއެވެ.
އެމެރިކާ އާއި އީރާނާއި ދެމެދުގައި މިހާރު ވަނީ ސުލްހައިގެ އެއްބަސްވުމުގެ ޑްރާފްޓެއް އެކުލަވާލައި ރައީސް ޓްރަމްޕާއި ވެންސް (އިލެކްޓްރޯނިކް) ސޮއި ވެސް ކޮށްފައެވެ. ދެން އޮތީ ޖެނީވާގައި ހުކުރު ދުވަހު ރަސްމީކޮށް އެއްބަސްވުމުގައި ސޮއި ކުރުން ކަމަށް މަސްދަރުތަކުން ބުނެއެވެ.
ބައެއް މަސްދަރުތައް ބުނާ ގޮތުގައި މި 300 ބިލިއަން ޑޮލަރުގެ ރިކޮންސްޓްރަކްޝަން އަދި އިންވެސްޓްމަންޓް ޕެކޭޖު އީރާނަށް ލިބޭނީ އެމެރިކާ އިން ކުރާ ޝަރުތުތަކެއް އީރާނުނަ ފުރިހަމަ ކޮށްގެންނެވެ.
އެމެރިކާ އިން އެދޭ މުހިންމު ބައެއް ޝަރުތުތަކަކީ؛
1. އީރާނުގެ ޔުރޭނިއަމް ނައްތާލުން ނުވަތަ ބާރުމިން ދަށްކުރުން ނުވަތަ އެމެރިކާ ބުނާ ބަޔަކާއި ހަވާލުކުރުން.
2. ނިއުކްލިއާ ހަތިޔާރު އުފައްދަން ނޫޅޭކަން އެމެރިކާ އަށް ކަށަވަރުވުން.
3. ޔޫރޭނިއަމް މުއްސަނދިކުރުން ހުއްޓާލުން.
4. ހުރްމުޒް ކަނޑުއޮޅި ހުޅުވާފައި ބެހެއްޓުން
5. ސުލްހައިގެ އެއްބަސްވުމަށް ބަރާބަރަށް އަމަލުކުރުން
6. އީރާނު މެދުވެރިކޮށް ހިޒްބުالله ގެ ސަބަބުން އިޒުރޭލަށް ލިބޭ ގެއްލުން ހުއްޓުވުން.
އީރާނަށް 300 ބިލިއަން ޑޮލަރު ދޭނީ ސީދާ އެމެރިކާ އަކުން ނޫނެވެ. ރިޕޯޓުތައް ބުނާ ގޮތުގައި އެމެރިކާ އިން ނިންމާފައި ވަނީ ޢަރަބީންނާއި ޔޫރަޕް އަދި ޗައިނާ އާއި ރަޝިޔާ ފަދަ ޤައުމުތައް ވެސް އެކުވެ އިންވެސްޓްމެންޓް ފުރުސަތުތައް ހޯދައިދީގެންނާއި، ފްރީޒް ކޮށްފައިވާ ފައިސާތައް ވެސް ދޫކޮށްގެންނާއި އަދި އީރާނުގެ ވިޔަފާރި ފުޅާކޮށްގެން އެ ފައިސާ އީރާނަށް ހޯދައިދިނުމަށެވެ.
މިކަމާއި ގުޅިގެން އީރާނުން ވަކި އެއްޗެކޭ ރަސްމީކޮށް އަދި ނުބުނެއެވެ. ނަމަވެސް މީގެ ކުރިން އީރާނުން ބުނެފައި ވަނީ ނިއުކްލިއާ ވާހަކަތައް ދެއްކުމަކީ ރަތްރޮނގު ކަމަށާއި، އެ ޤައުމުގައި ހުރި ޔުރޭނިއަމް އެހެން ބަޔަކާއި ޙަވާލު ނުކުރާނެ ކަމަށެވެ. އަދި ބާރުތައް ދޫކޮށް ނުލާނެ ކަމަށެވެ.









