އެމެރިކާއިން ބޭނުންވާ ފަދަ ވަރުގަދަ އެއްބަސްވުމަކަށް އައުމަށް އީރާނާއެކު އަވަސްއަރުވާލައިގެން ނޫޅޭނެ ކަމަށް ޓްރަމްޕު ބުނެފިއެވެ.

ޓްރަމްޕް ބުނީ އެމެރިކާއިން މަސައްކަތް ކުރަމުންދަނީ "ވަރަށް ފުރިހަމަ އެއްބަސްވުމެއް" ގާއިމުކުރުމަށް ކަމަށާއި، އެކަން ކާމިޔާބު ނުވެއްޖެ ނަމަ އަސްކަރީ ބާރުގެ ބޭނުންކޮށްގެން އެކަން ނިންމާލާނެ ކަމަށެވެ. ނަމަވެސް، އަސްކަރީ ފިޔަވަޅަކަށްވުރެ އެއްބަސްވުމަކަށް އައުމަށް ބޭނުންފުޅުވާ ކަމަށް ވިދާޅުވިއެވެ. އެއީ އޭގެ ސަބަބުން ގިނަ ބައެއްގެ ފުރާނަ ސަލާމަތްކުރެވޭނެތީ އާއި، އެއްބަސްވުމުގައި ސޮއިކުރުމާއެކު ވަގުތުން ހޯރްމުޒް ކަނޑުއޮޅި ހުޅުވާލެވޭނެތީ ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އީރާނުގެ ލީޑަރުންނަކީ "ވާހަކަދައްކައިގެން ކަންކަން ނިންމުމުގައި ވަރަށް ހަރުކަށި ބައެއް" ކަމަށް ސިފަކުރައްވަމުން ޓްރަމްޕް ބުނީ، އެމެރިކާއިން ބޭނުންވާ މަގްސަދުތައް ލަސްލަހުން ނަމަވެސް ހާސިލުވަމުންދާ ކަމަށެވެ.

"މިއީ ވަރަށް ގިނަ ވަގުތު ނަގާނެ ކަމެއް. އަޅުގަނޑު މިއުޅެނީ އެއްވެސް ވަރަކަށް އަވަސްއަރުވާލައިގެންނެއް ނޫން،" ޓްރަމްޕް ބުނެޏެވެ. އެމަނިކުފާނު އިތުރަށް ތަފްސީލުކޮށްދެއްވި ގޮތުގައި، ކަމެއް ނިންމުމަށް މާބޮޑަށް އަވަސްއަރުވާލައިފި ނަމަ ރަނގަޅު އެއްބަސްވުމެއް ނުލިބޭނެއެވެ.

އަދި ލަސްލަހުން ނަމަވެސް ޔަގީންކަމާއެކު އެމެރިކާއިން ބޭނުންވާ ކަންކަން ފުރިހަމަވަމުންދާ ކަމަށް ގަބޫލުކުރައްވާ ކަމަށާއި، ނަމަވެސް ބޭނުންވާ ނަތީޖާ ނުލިބިއްޖެ ނަމަ ތަފާތު ގޮތަކަށް އެ މައްސަލަ ނިންމާލާނެ ކަމުގެ އިންޒާރު ވެސް އޭނާ ވަނީ ދެއްވާފައެވެ.