ލުބުނާނުގެ ދެކުނުގައި އޮންނަ ކަފްރައިޔާ އަވަށުގައި، އިސްރާއީލުން ކުރިން ދީފައިވާ ހަމަލާއެއްގައި އަނިޔާވި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުންދިޔަ ސިވިލް ޑިފެންސް (ރެސްކިއު) ޓީމަކަށް އިސްރާއީލް ސިފައިން އަމާޒުކޮށް ހަމަލާދީފިއެވެ.

ލުބުނާނުގެ ނޭޝަނަލް ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިސްރާއީލުގެ މި ހަމަލާ އަމާޒުވެފައިވަނީ އެ ސަރަހައްދުގައި ހިނގަމުންދިޔަ އިންސާނީ އެހީތެރިކަމުގެ އޮޕަރޭޝަނަކަށެވެ. އެ ވަގުތަކީ އިސްރާއީލުން ކުރިން ދިން ހަމަލާތަކުގައި ޝަހީދުވި މީހުންގެ ހަށިތަކާއި އަނިޔާވި މީހުން ނެރުމުގެ މަސައްކަތުގައި ރެސްކިއު ޓީމުން ހަރަކާތްތެރިވަމުން ދިޔަ ވަގުތެވެ.

މި ހަމަލާގައި ރެސްކިއު ޓީމުގެ ބައެއް މެންބަރުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް، އަނިޔާވި މީހުންގެ ސީދާ އަދަދެއް މިހާތަނަށް ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތައް ވަރުގަދަކޮށްފައިވާއިރު، މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި އުޅޭ ފަރާތްތަކަށާއި ސިއްހީ ޚިދުމަތްތެރިންނަށް އަމާޒުކޮށް ހަމަލާދިނުމަކީ ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނުތަކާ ޚިލާފު ކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. އިސްރާއީލުގެ މި އަނިޔާވެރި އަމަލުތަކުގެ ސަބަބުން ލުބުނާނުގެ ގިނަ އަދަދެއްގެ އާންމު ރައްޔިތުންނަށް ދަނީ ބޮޑެތި ގެއްލުންތަކެއް ލިބެމުންނެވެ.