ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނި، އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއަންގް، އެ ކުންފުނީގެ ސެންޓްރަލް ޕްރޮސެސިންގ ޔުނިޓް (ސީޕީޔޫ) މާކެޓަށް އަމާޒުކޮށްފައިވާ 200 ބިލިއަން ޑޮލަރުގެ އަންދާޒާގައި ޗައިނާގެ މާކެޓް ހިމެނޭކަން ހާމަކުރައްވައިފިއެވެ.
ޓައިވާނަށް ވަޑައިގެން ނޫސްވެރިންނާ ވާހަކަދައްކަވަމުން ހުއަންގް ވިދާޅުވީ، އަމިއްލައަށް މަސައްކަތްކުރާ "އޭޖެންޓިކް އޭއައި" ސިސްޓަމްތަކަށް ކުންފުނިތަކުން އިސްކަންދޭން ފެށުމާއެކު، ސީޕީޔޫތަކުގެ ބޭނުންތެރިކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިދިޔަ ބުދަ ދުވަހު އިންވެސްޓަރުންނާ ވާހަކަދައްކަވަމުން ހުއަންގް ވިދާޅުވީ، އެންވީޑިއާގެ އާ "ވޭރާ" ސެންޓްރަލް ޕްރޮސެސަރާއެކު 200 ބިލިއަން ޑޮލަރުގެ މާކެޓަކަށް ވަނުމުގެ ފުރުސަތު އެ ކުންފުންޏަށް ލިބިފައިވާ ކަމަށެވެ. އަދި މި އަންދާޒާގައި ޗައިނާ ހިމެނޭތޯ ނޫސްވެރިން ސުވާލުކުރުމުން އޭނާ ވަނީ އެކަމަށް އާނބަސް ވިދާޅުވެފައެވެ.
އެޗް200 ޗިޕް އަދި ވިޔަފާރީގެ ހުރަސްތައްއެންވީޑިއާގެ އެންމެ ފަހުގެ "އެޗް200" ޗިޕްތައް ޗައިނާއަށް ވިއްކުމުގެ ހުއްދަ އެމެރިކާ ސަރުކާރުން ދީފައިވީ ނަމަވެސް، ޗައިނާގެ އަމިއްލަ އުފެއްދުންތަކަށް އިސްކަންދިނުމުގެ ގޮތުން އެ ގައުމުގެ އޮފިޝަލުން އަދި އެކަމަށް ހުއްދައެއް ނުދެއެވެ. މި މަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގް ބޭއްވި ބައްދަލުވުމުގައިވެސް މިކަމަށް އެދެވޭ ހައްލެއް ލިބިފައެއް ނުވެއެވެ.
ހުއަންގް ވިދާޅުވި ގޮތުގައި ޗައިނާގެ މާކެޓަކީ ވަރަށް ބޮޑު އަދި އެހާމެ މުހިންމު މާކެޓެކެވެ. އެމެރިކާއިން ޗައިނާގެ 10 ކުންފުންޏަކަށް މި ޗިޕްތައް ގަތުމުގެ ހުއްދަ ދީފައިވީ ނަމަވެސް، މިހާތަނަށް އެއްވެސް މުއާމަލާތެއް ނިމިފައެއް ނުވެއެވެ.
ޓައިވާނުގެ ސަޕްލައި ޗެއިން އަދި އިންވެސްޓްމަންޓްކޮމްޕިއުޓެކްސް ޓްރޭޑް ޝޯއަށް ޓައިވާނަށް ވަޑައިގެން ހުއަންގް ވިދާޅުވީ، އެންވީޑިއާއިން ޓައިވާނުގެ ސަޕްލައި ޗެއިންއަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި ދުނިޔޭގެ އެންމެ ބޮޑު ޗިޕް އުފައްދާ ކުންފުނި ކަމަށްވާ ޓީ.އެސް.އެމް.ސީ އާ ބައްދަލުކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ. އެންވީޑިއާއިން މިހާރު ތައްޔާރުވަމުންދަނީ "ވޭރާ ރޫބިން" ޕްލެޓްފޯމް އުފެއްދުމަށެވެ. މިއީ ސީޕީޔޫ އަދި ޖީޕީޔޫ އެއްކޮށްލައިގެން އުފައްދާ ވަރުގަދަ ސިސްޓަމެކެވެ.
ޗިޕް ވަގަށް ބޭރުކުރުމުގެ މައްސަލައެމެރިކާގެ އެކްސްޕޯޓް ކޮންޓްރޯލްތަކާ ހިލާފަށް، ސުޕަ މައިކްރޯ ކުންފުނީގެ ސާވަރުތަކުގައި ހިމެނޭ އެންވީޑިއާގެ ޗިޕްތައް ޗައިނާއަށް ވަގަށް ބޭރުކުރި ކަމުގެ ތުހުމަތުގައި ޓައިވާނުގެ ޕްރޮސެކިއުޓަރުން ދަނީ ތިން މީހަކު ތަހުގީގު ކުރަމުންނެވެ. މިކަމާ ގުޅޭގޮތުން ހުއަންގް ވިދާޅުވީ، އެންވީޑިއާއިން ގާނޫނުތަކަށް ބޯލަނބަން ވަރަށް ބޮޑަށް ބާރުއަޅާ ކަމަށާއި، ސުޕަ މައިކްރޯ ފަދަ ކުންފުނިތަކުން އެފަދަ ކަންކަން ތަކުރާރުވިޔަނުދިނުމަށް ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ.
މިދިޔަ މާޗު މަހު އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ވަނީ 2.5 ބިލިއަން ޑޮލަރުގެ އޭއައި ޓެކްނޮލޮޖީ ޗައިނާއަށް ވަގަށް ބޭރުކުރި މައްސަލައިގައި ސުޕަ މައިކްރޯއާ ގުޅުންހުރި ތިން މީހަކަށް ދައުވާ އުފުލާފައެވެ.








