އީރާނުގެ ތިން ރަށެއްގެ ކޮންޓްރޯލް ހޯދުމަށް، އެމެރިކާގެ އިސް އޮފިޝަލުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ބާރުއަޅަމުންދާ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެފިއެވެ.
މި ރިޕޯޓްތައް ބުނާގޮތުން އެމެރިކާގެ އޮފިޝަލުން ޔޫއޭއީއަށް ބާރު އަޅަނީ ހުރްމުޒް ކަނޑުއޮޅީގައި އޮންނަ އަބޫ މޫސާ، ގްރޭޓަރ ތުންބް އަދި ލެސަރ ތުންބް މި ތިން ރަށުގެ ކޮންޓްރޯލް ނެގުމަށެވެ. މި ތިން ރަށަކީ 1971 ވަނަ އަހަރުން ފެށިގެން އީރާނުގެ ބާރުގެ ދަށުގައި އޮތް ރަށްތަކެއް ނަމަވެސް، ޔޫއޭއީއިން ޒަމާނުއްސުރެ ދައުވާ ކުރަމުންދަނީ އެއީ އެ ގައުމުގެ ރަށްތަކެއް ކަމަށެވެ.
މި ރަށްތައް ހިފުމަށް އެމެރިކާގެ އޮފިޝަލުން ބާރުއަޅާ މައިގަނޑު ސަބަބަކީ، މެދުއިރުމަތީގައި އީރާނުން ގެންގުޅޭ ނުފޫޒު ކުޑަކުރުމާއި، ބައިނަލްއަގުވާމީ ކަނޑުގެ ދަތުރުފަތުރުގެ އެންމެ މުހިންމު އެއް މަގު ކަމަށްވާ ހުރްމުޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އެމެރިކާގެ ބައިވެރިންނަށް ހޯދައިދިނުމެވެ.










